ދައުލަތަށް ފައިދާ ބޮޑުވާނީ ލައުންޖު ހިންގުން އޮޕަރޭޓަރުން އަތުން ނެގުމުން: މަންޓާ

މަންޓާ އެއާގެ އިސްވެރިން ރައްުޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން-- ފޮޓޯ/މަޖިލިސް

ސީޕްލޭން ޓާމިނަލް ހިންގުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ޑެޑިކޭޓަޑް ލައުންޖު ހިންގުން އެއާލައިން އޮޕަރޭޓަރުންގެ އޮޕަރޭޝަންތަކާ ވަކިކޮށްގެން ކަމަށް މަންޓާ އެއާއިން ބުނެފި އެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ ޑިޑެކޭޓަޑް ލައުންޖުތަކަކީ ރިސޯޓުތަކުގެ އަމިއްލަ ކޮންސެޕްޓުތަކަކަށް ތަރައްގީ ކޮށްގެން، އެ ފަރާތްތަކުގެ ވަސީލަތްތަކާ އެކު ހިންގާ ތަންތަން ކަމަށެވެ.

"އޮޕަރޭޓަރު މި ދައްކަނީ ޖާގަ. ރިސޯޓުތަކުން އަމިއްލައަށް އެތަނަށް [ލައުންޖަށް] އިންވެސްޓު ކުރަނީ. އެތަނަށް ކާބޯތަކެއްޗާއި މުވައްޒަފުންނާއި ބޭނުންކުރާ އުޅަނދުފަހަރާއި އެ އުޅަނދު ދުއްވާނެ ޑްރައިވަރާއި އުޅަނދަށް އަޅާނެ ތެލަށް ވެސް ހަރަދު ކުރަނީ ރިސޯޓުތަކުން. އޮޕަރޭޓަރުން ބަލާނީ ޑްރައިވަރު ޑިއުޓީއަށް އާދޭތޯ... ބްރޭންޑަޑް [ޑެޑިކޭޓަޑް] ލައުންޖުތަކަކީ އަސްލު ރިސޯޓުތަކުގެ ރިސެޕްޝަނުގެ އެކްސްޓެންޝަނެއް." ހަލީލު ވިދާޅުވި އެވެ.

މީގެ އިތުރުން އަލަށް ހެދި ޓާމިނަލްގައި މިހާރު ވެސް ލައުންޖު އޮޕަރޭޓު ކުރާނެ ޖާގަ ތަރައްގީކޮށްފައިވުމާއި ޑިޑެކޭޓަޑް ލައުންޖުތަކަކީ ރިސޯޓުތަކުން ހަރަދުކޮށްގެން ހިންގާ ތަންތަނަށް ވުމުން އެމްއޭސީއެލް އިން ލައުންޖުތަކަށް އިތުރަށް ކުރަން ޖެހޭނެ އެއްވެސް ހަރަދެއް ނޯންނާނެ ކަމަށް ވެސް މަންޓާއިން ފާހަގަކުރި އެވެ.

އެގޮތުން އިތުރަށް ކުރަން ޖެހޭނެ ކަމަކީ ޑެޑިކޭޓަޑް ލައުންޖު ހިންގަން ބޭނުންވާ ރިސޯޓުތަކާ އެކު ކޮންޓްރެކްޓް ހެދުން ކަމަށް މަންޓާއިން ބުނެ އެވެ. އަދި އެމްއޭސީއެލް އިން ލައުންޖު ހިންގައިފި ނަމަ އިންސާނީ ވަސީލަތް ތަރައްގީވާނެ ކަމަށާއި އެއާޕޯޓުގެ ފްލައިޓް މޫވްމަންޓަށާއި މުޅި އެއާޕޯޓުގެ ހިންގުން ވެސް ހަރުދަނާ ވާނެ ކަމަށް މަންޓާއިން ބުނެ އެވެ.

މީގެ ކުރިން މާލިއްޔަތު ކޮމެޓީއަށް ޓީއެމްއޭ ވެސް ހާޒިރުކުރިއިރު، ހަލީލު ވަނީ ޓީއެމްއޭއިން ދެއްކި ބައެއް ވާހަކަތަކާ މެދު ސުވާލު އުފައްދާފަ އެވެ.

އެގޮތުން އެހެން އޮޕަރޭޓަރުންނަށް ވެސް އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމަށް ލަފާދިން ކަމަށް ޓީއެމްއޭއިން ކޮމެޓީގައި ބުނި ވާހަކައާ މެދު ހަލީލު ސުވާލު އުފައްދަވާފައިވެ އެވެ.

ހަލީލު ވިދާޅުވީ އާ ޓާމިނަލުން ޖާގަ ދޫކުރާނެ ގޮތާ ބެހޭ ގޮތުން އެމްއޭސީއެލް އިން ވެސް މަންޓާއިން މަޝްވަރާ ދިޔަ ފުރަތަމަ ބައްދަލުވުމުގައި ޓީއެމްއޭ، ފްލައިމީ އަދި އައިލެންޑް އޭވިއޭޝަނުން ވެސް ބައިވެރިވި ކަމަށާއި އެ ބައްދަލުވުމަށް މަންޓާއާއި ފްލައިމީ ގެންނަންވީ ސަބަބެއް ނޭނގޭ ކަމަށް ޓީއެމްއޭއިން އެ ދުވަހު ބުނި ކަމަށެވެ.

"އެ ދުވަހު ޓީއެމްއޭ ފަޒީލު ބުނީ މިތަނަށް [މި ބައްދަލުވުމަށް] މަންޓާއާއި ފްލައިމީ ގެންނަންޖެހޭ ސަބަބެއް ނޭނގެއޭ، މި ޓާމިނަލަކީ ޓީއެމްއޭއިން ހެދި ޓާމިނަލެކޭ." ހަލީލު ވިދާޅުވި އެވެ.

ރައްދުގައި ޓާމިނަލާ ގުޅޭ އެއްވެސް ލިޔުމެއް ނުވަތަ ކުރެހުމެއްގައި ވެސް އަދި މީޑިއާތަކުން ވެސް ޓާމިނަލަކީ ޓީއެމްއޭ އިން ތަރައްގީކުރާ ޓާމިނަލެކޭ ކިޔާ އަޑު ނީވޭ ވާހަކަ ބުނި ކަމަށް ހަލީލު ވިދާޅުވި އެވެ.

މަންޓާއިން ބުނީ އެމްއޭސީއެލް އިން އާ ޓާމިނަލާ ގުޅޭ ގޮތުން އެ ކުންފުންޏާ އެކު ވެސް ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރި ކަމަށާއި ބައްދަލުވުންތަކާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގެ ސެކްރެޓޭރިއެޓުގެ މެއިލް ފޮނުވާފައިހުރި އީމެއިލްތައް ވެސް ހުންނާނެ ކަމަށެވެ.

އެ މަޝްވަރާތަކުގައި އެމްއޭސީއެލް އިން އަބަދުވެސް ބުނަމުން އައީ އާ ޓާމިނަލް ހިންގާނީ މަލްޓި-އޮޕަރޭޓާ ޓާމިނަލެއްގެ ގޮތުގައި ކަމަށާއި ވަކި ކުންފުންޏަކަށް އެތަން ހިންގަން ދޭނެ ކަމަށް އެމްއޭސީއެލް އިން ނުބުނާ ކަމަށް މަންޓާއިން ބުނެ އެވެ.

comment ކޮމެންޓް