ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލު ކުރުމަށް އެގާ ރާއްޖެ އަންނަނީ

ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއެލް އެގާ ---

ރާއްޖޭގެ ހަރަކާތްތެރިވާ އެންމެ ބޮޑު ބައިނަލް އަގުވާމީ ފޭން ކުލަބު ކަމަށްވާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން ބާއްވާ ހާއްސަ އިވެންޓަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާ ރާއްޖެ އަންނާނެ ކަން އިއުލާން ކޮށްފި އެވެ.

އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް އަކީ އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ކްލަބް ލިވަޕޫލްގަ ރަޖިސްޓްރީ ވެގެން ހިންގާ އަދި ރާއްޖޭގެ ޔޫތު މިނިސްޓްރީގައި ވެސް ރަޖިސްޓްރީ ވެގެން ހިންގާ ކްލަބެކެވެ. މި ކުލަބުގައި 300 އަށް ވުރެ ގިނަ މެމްބަރުން ވަނީ ރަސްމީކޮށް ރަޖިސްޓްރީ ވެފަ އެވެ.

އޯއެލްއެސްސީ މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަޕޯޓާސް ކްލަބުތަކުގެ މެދުގައި ފުޓްސަލް މުބާރާތްތައް ބޭއްވުމާއި، އެކިއެކި އެންޖީއޯއާ ގުޅިގެން ޗެރިޓީ މަސައްކަތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. އަދި ފުޓުބޯޅަ މެޗު އޮންނަ ދުވަސް ދުވަހު އެންމެން އެއް ތަނަކަށް އެއްވެގެން މެޗު ބެލުން ފަދަ ކަންތައްތައް ވެސް މި ކުލަބުން ކުރިއަށް ގެންދެ އެވެ.

އެގޮތުން ޔޫރޮޕުގެ ޗެމްޕިއަން ލިވަޕޫލުގެ އޮފިޝަލް ފޭން ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީ ވެގެން ރާއްޖޭގައި ހިންގާ އޯއެލްއެސްސީ މެމްބަރު ކުލަބުން މިއަހަރަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ބޮޑު ހަރަކާތް ބޭއްވުމަށް ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން އަދި ޑެންމާކްގެ ކެޕްޓަންކަން ކުރި އެގާ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާ އެވެ.

އަށް އަހަރު ވަންދެން ލިވަޕޫލަށް ކުޅެ 175 މެޗު ކުޅެދީ ނުވަ ގޯލު ޖެހި އެގާ އަންނަނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ލިވަޕޫލުގެ އެކި އެކި ޗެރިޓީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ލިވަޕޫލުގެ ލެޖެންޑުންގެ ޓީމަށް ކުޅުމާއި އެކި އެކި ގައުމުތަކުގައި ލިވަޕޫލުގެ ސަޕޯޓަރުން ބާއްވާ ހަރަކާތްތަކުގައި ވެސް ބައިވެރިވެ އެވެ.

ރާއްޖޭގެ ފޭން ކުލަބަކުން ހިންގާ އިވެންޓަކަށް ޔޫރޮޕުގެ ޕްރޮފެޝަނަލް ކުޅުންތެރިއަކު މީގެ ކުރިން އައިސްފައެއް ނުވެއެވެ. އެހެން ކަމުން މި ހަރަކާތަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ވެސް ސަޕޯޓަރުންގެ ފޯރިއޮތް ކަން ހާމަވެގެންދާނެ އިވެންޓެކެވެ.

އޯއެލްސީއިން ވަނީ ދާދި ފަހުން އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީ އަށް 10،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެ ކުލަބުގެ އޮފިޝަލް މެމްބަރުންނަށް މާލޭގެ މަޝްހޫރު ކެފޭ ރެސްޓޯރެންޓެއް ކަމަށްވާ "ކުލަބް 360" އިން ޑިސްކައުންޓް ދޭން އެ ރެސްޓޯރަންޓުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް