ލޯން ސުކީމަށް އެދޭއިރު ސެޓްފިކެޓްތައް އެޓެސްޓުކުރަން ނުޖެހޭ ގޮތް ހަދައިފި

ފެބްރުއަރީ 17، 2020: މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ލޯން ސުކީމަށް އެދޭއިރު ސެޓްފިެކެޓްތައް އެޓެސްޓުކުރަން ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭ ގޮތް ހަދައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިދިޔަ އަހަރު ލޯން ސުކީމަށް ހުޅުވާލިއިރު ވެސް އަސްލާ އެއްގޮތަށް ތައްގަނޑު ޖަހައިގެން ސެޓްފިކެޓްތައް ހުށަހެޅުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި ކަމަށެވެ.

އެހެންކަމުން އާންމު ރައްޔިތުންނަށްވާ ދަތި އުނދަގުލުން ލުޔެއް ދިނުމުގެ ގޮތުން އެ އުސޫލަށް ބަދަލުގެނައީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިފަހަރު ގެނައި އުސޫލުގެ ދަށުން އަސްލާ އެއްގޮތަށް ތައްގަނޑު ޖެހުން މިނިމުނީ. ހުރިހާ ސަނަދުތައް ހުށަހަޅަނީ ޕޯޓަލް މެދުވެރިކޮށް. އަޅުގަނޑުމެން ލޯން ޕްރޮސެސް ނިންމާފައި ލޯން ލިބޭކަން ދަރިވަރަށް އެންގީމަ ލޯނާ ހަވާލުވާން އަންނަ އިރުގައި އަސްލު ސަނަދާއި އަސްލާ އެއްގޮތަށް ތައްގަނޑު ޖަހާފައި އޮތް ސެޓްފިކެޓް އެ ދުވަހަކުން ގެންނަންވާނީ." މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ލޯން ސުކީމަށް ހުށަހެޅި ދަރިވަރުން މައުލޫމާތު ފުރިހަމަ ނުކުރާ ކަމަށް ބުނެ ވަރަަށް ގިނަ ދަރިވަރުންނަށް ލޯން ނުލިބުމުގެ މައްސަލަ ދިމާވި އެވެ.

ނަމަވެސް މިފަހަރު އެހެން ދިމާނުވާނެ ކަަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތަކުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ ފަސް ދުވަސްތެރޭ އެކަން އަންގާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މުއްދަތު ހަމަވާން އޮންނަ އެންމެ ފަހު މަސައްކަތު ފަސް ދުވަހުގެ ތެރޭގައި މި ހިދުމަތެއް އަޅުގަނޑުމެން ނުދެން. އޭގެ ކުރިން ވެއްޖިއްޔާ ކޮންމެ އެޕްލިކަންޓަކަށް ވެސް އެޕްލައިކުރާތާ ފަސް ދުވަސްތެރޭގައި އަންގާނަން އޭނާގެ އެއްވެސް ޑޮކިއުމަންޓެއް މަދުވާކަމަށް ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔެވުމަށް، 550 ލޯނުގެ ފުރުސަތު ދިނުމަށް ނިންމައި، ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް މިއަދު ވަނީ ހުޅުވާލައިފަ އެވެ.

ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހު ނުވަ ވަނަ ދުވަހުގެ 1:30 އާ ހަަމައަށް ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް