ކައުންސިލް އިންތިހާބަށްފަހު ކޯލިޝަން ނިމުމަކަށް ގެންނާނަން: ދޮންބިލަތް ހަލީމް

މެމްބަރު އަހުމަދު ހަލީމް: ކައުންސިލް އިންތިހާބަށްފަހު ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި --- ފައިލް ފޮޓޯ/ މަޖިލިސް

އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބަށްފަހު، ސަރުކާރު ހިންގާ ކޯލިޝަން ނިމުމަކަށް ގެނެސް، ހަމަކަނި އެމްޑީޕީން ހިންގާ ވެރިަކަމަކަށް ހަދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ، ބިލެތްދޫ ދާއިރާ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް ހަލީމް) ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އިންތިހާބަށްފަހު ރައްޔިންތުން އެދޭ ފަދަ ވެރިކަމެއް ކުރެވޭނެ ކަމަށެވެ. އަދި އޭނާގެ އުންމީދަކީ އިންތިހާބަށްފަހު ކޯލިޝަން ނިމުމަކަށް ގެނައުން ކަމަށް ހަލީމް ވިދާޅުވި އެވެ.

"މިފަހަރު ލޯކަލް [ކައުންސިލް] އިންތިހާބު އަޅުގަނޑުމެންނަށް ރަނގަޅަށް ލިބިއްޖެއްޔާ، އިރާދަކުރެއްވިއްޔާ އެންމެ ދުވަހަކުވެސް ގާސިމް އިބްރާޙިމް އާއެކު، މައުމޫން އަބްދުލްގައްޔޫމް އާއެކު، އިމްރާން އަބްދުއްﷲ އާއެކު އުޅޭކަށް ނެތިން. އަޅުގަނޑުމެންނަށް އެމީހުންނާއެކު ސަރުކާރު ހިންގޭނެ ކަމަށް ނުފެނޭ،،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި ކޯލިޝަންގެ ބައިވެރިން ވަޒީރުކަން ކުރާ ވުޒާރާތަކުން ރަނގަޅަށް މަސައްކަތް ނުކުރެވެ އެވެ. އެގޮތުން އޭނާ މިސާލު ނެންގެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އެމްއާރުއެމްގެ ސްލޮޓެއްގައި މަސްވެރިކަމާ ބެހޭ ވަޒީރުކަމަށް ވަޑައިގެންނެވި، ޒަހާ ވަހީދެވެެ. އެގޮތުން އޭނާއާ ދޭތެރެވެސް ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެން އެކަމާނާއާ [ޒަހާއާ] ދޭތެރޭވެސް ފިޔަވަޅު އަޅާ، ހާއްސަކޮށް، [އިންތިހާބު ބާއްވާ] އެޕްރީލް ހަތަރު ވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވާނެ. ކޯލިޝަންގެ މޫނު އަޅާނެ ކަމުގެ ޔަގީންކަން ދެން،" ހަލީމް ވިދާޅުވި އެވެ.

ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމަށް އެމްޑީޕީ މެބަރު ހަލީމް ވިދާޅުވިއިރު، މިމަހު ކުރީ ކޮޅު މަޖިލިސް ހުޅުއްވައި ދެއްވައި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުގައި ވަނީީ، ރައްޔިތުންގެ ވައުދުތައް ފުއްދުމުގައި ކޯލިޝަން ދަމަހައްޓަވާނެ ކަމުގެ ޔަގީން ކަން ދެއްވާފަ އެވެ.

comment ކޮމެންޓް