50 ޕަސެންޓު މީހުން ފާހާނާއަށް ދަނީ ފޯން ހިފައިގެން

ފޯނު ގެންދާ މީހުންގެ ގިނަ ބައެއްގެ ފޯނު ވަނީ ފާހާނާތަށްޓަށް ވެއްޓިފައި --- ފޮޓޯ : ސްކައި ނިއުސް

އިނގިރޭސި ވިލާތުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ފާހާނާއަށް ދާއިރު ފޯނު ހިފައިގެން ދާ މީހުން ކަމަށް ޕޯލް އަކުން ދައްކައިފި އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ސްކައި ނިއުސް"ގެ ހާއްސަ ޕޯލް އެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ އާބާދީގެ ބޮޑު ބައެއް ފާހަނާއަށް ފޯނު ގެންދާއިރު ފޯނުގެ އިތުރުން ތަފާތު އިލެކްޓްރޯނިކް ސާމާނު ގެންދާ ކަމަށެވެ.

އެގޮތުން އެ ޕޯލުގައި ބައިވެރިވި މީހުންގެ 16 ޕަސެންޓް ފަރާތްތައް ވަނީ ފާހާނާއަށް ދާއިރު ޓެބްލެޓު ގެންދާ ކަމަށް އެއްބަސްވެފައެވެ. އަދި ހަތަރު ޕަސެންޓު ފަރާތްތައް ގޭމިން ކޮންސޯލެއް ގެންދާ ކަމަށް ވަނީ އެއްބަސްވެފައެވެ.

ގިނަ ފަރާތްތަކުން އެއްބަސްވާ ގޮތުގައި ފޯނު ގެންދަނީ ފާހާނައިގައި އެކަނިވެރިވާތީ އެވެ.

ފޯނު ފަދަ ތަކެތި ހިފައިގެން ފާހާނާއަށް ދިޔުމުގެ ސަބަބުން ތަފާތު ގެއްލުންތައް ލިބިފައިވާ ކަމަށް އެ ޕޯލް އިން ވަނީ ހާމަވެފައެވެ. އެގޮތުން އެންމެ ގިނަ ފަރާތްތަކަކަށް ދިމާވެފައިވާ މައްސަލައަކީ ފާހާނާތަށްޓަށް ފޯނު ވެއްޓުމުގެ މައްސަލައެވެ.

އެގޮތުން ފާހާނާއަށް ދާއިރު ފޯނު ގެންދާ ފަރާތްތަކުގެ 40 ޕަސެންޓު މީހުންގެ ފޯނު އަދި އެފަދަ އިލެކްޓްރޯނިކް ޑިވައިސް އެއް ފާހާނާ ތަށްޓަށް ވެއްޓިފައިވާ ކަމަށް ޕޯލް އިން ދައްކައެވެ. ފޯނުގެ އިތުރުން ތަޅުދަނޑިއާއި ފައިސާ އަދި ގަޑި ފަދަ ތަކެތިވެސް ވަނީ ފާހާނާ ތަށްޓަށް ވެއްޓިފައެވެ.

comment ކޮމެންޓް