ފާޑުކިޔުން ބޮޑުވެ، ވަޒީފާއާ ބެހޭ ގާނޫނުގެ އިސްލާހުތައް މުރާޖައާ ކުރަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު -- ސަން ފޮޓޯ

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު އެ އިސްލާހުތައް އަލުން މުރާޖައާ ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އެވެ.

އިސްލާހުގައި ހިމެނޭ ބައިތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ ސަލާމް ބުނުމާއި ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭ މުއްދަތު (ޕްރޮބޭޝަން ޕީރިއަޑް)އާ ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނެ މުއްދަތު ނޫނީ ޕްރޮބޭޝަން ޕީރިއަޑް ހަމަސް ދުވަހަށް އިތުރު ކުރުމަށެވެ. ސަލާމުގެ ޗުއްޓީ ދިނުން ލާޒިމުވާނީ މަސައްކަތަށް ނިކުންނަ ދުވަސްތަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެކަމާ ގުޅުގެން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން، މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އިސްލާހުތަކަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ހުރި މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ.

އެ ބިލާ ގުޅޭ ގޮތުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އާއި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ބައްލަވާފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އިސްލާހުގެ ބިލު ހުށަހެޅުއްވުމާއެކު އެމްޕީ އީސައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ބިލަކީ އޭނާގެ ބެއްލެވުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ޑްރާފްޓުކުރި ބިލެއް ކަމަށެވެ. އަދި އެ ބިލާ އީސައާ ގުޅުމެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ސަލާމުގެ ޗުއްޓީ އާއި ޕްރޮބޭޝަން މުއްދަތާ ގުޅޭ ކަންބޮޑުވުންތަކަކީ ރަނގަޅު ކަންބޮޑުވުންތަކެއް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ހުށާހަޅާފައިހުރި އިސްލާހުތަކަށްވުރެ ރަނގަޅު އިސްލާހުތަކެއް އެކަންކަމަށް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ސަލާމުގެ ޗުއްޓީއާއި ޕްރޮބޭޝަން މުއްދަތުގެ އިތުރުން އެ ގާނޫނުގެ އެހެން ބައެއް މާއްދާތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވެސް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވަމުންދާއިރު، އޭގެ ތެރެއިން އާންމުން ފާހަގަކުރާ ގިނަ މައްސަލަތައް ބައްލަވައި ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް