ކައުންސިލަރުންގެ އަދަދު ގިނަ، މަދު ކުރާށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ކައުންސިލްތަކުގެ ދައުރު ނޫނީ އެ މީހުންގެ މަސްއޫލިއްޔަތު ހަނި ކުރި ކަމީ ހަގީގަތެކެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދު ކުރި، ކުރުމަކީ ރަނގަޅަށް އެޅި ފިޔަވަޅެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ. ތިން ހާހަށް ވުރެ ދަށް އާބާދީގެ ރަށްރަށުގެ ކައުންސިލަރުންގެ އަދަދަކީ ތިނެއް ކަމަށް ކުރީގެ ސަރުކާރުން ނިންމި އެވެ. ކުރިން އޮތީ ކޮންމެ ރަށެއްގައި ވެސް މަދުވެގެން ފަސް ކައުންސިލަރުން ތިބޭ ގޮތަށެވެ. އެއީ އާބާދީގައި 200 މީހުން ހަމަ ނުވިއަސްމެ އެވެ. އަދި 3000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ނަމަ އެ ދަދަދު ހަތަކަށް އިތުރުވެ އެވެ.

އެހެން ނަމަވެސް އަންނަ އެޕްރީލް މަހު އޮންނަ ކައުންސިލް އިންތިހާބުގައި އަނެއްކާ ވެސް ކައުންސިލަރުންގެ އަދަދު ވަނީ އިހު އޮތް ގޮތަށް ބަދަލުކޮށްފަ އެވެ. މި ފަހަރު ތަފާތަކީ ކޮންމެ ކައުންސިލެއްގައި ވެސް މަދުވެގެން 33 ޕަސެންޓް އަންހެނުން ނޫނީ ފަސް މީހުންގެ ކައުންސިލެއްގައި މަދުވެގެން ދެ އަންހެނުން ތިބުމެވެ. އަދި އެ އާ އެކު މުސާރަ ވެސް ބޮޑުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަޅުގަނޑުގެ ނަޒަރުގައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮތުމަކީ މުހިންމު ކަމެކެވެ. އަދި އެއީ ކުރިއަށް އެޅި ރަނގަޅު ވިޔަވަޅެއްވެސްމެ އެވެ. އަދި އެހެން ކައުންސިލަރުންގެ މުސާރަ އަށް ރަނގަޅު ބަދަލެއް ގެނައުމަށް ނިންމި ނިންމުމަކީ ވެސް ރަނގަޅަށް އެޅި ފިޔަވަޅެކެވެ.

އެކަމަކު އަޅުގަނޑުގެ ހިޔާލު ތަފާތުވާ މައްސަލައެއް އެބަ އޮތެވެ. އެއީ ކައުންސިލަރުންގެ އަދަދެވެ. އަޅުގަނޑުގެ ނަޒަރުގައި 200 ނޫނީ 300 ވަރަކަށް މީހުން އުޅޭ ރަށެއް ހިންގާކަށް ފަސް ކައުންސިލަރުން ބޭނުމެއް ނުވެ އެވެ. އަދި އެހެންމެ މާލެ އަށް ސިޔާސީ މީހުންގެ ގޮތުގައި 19 ކައުންސިލަރުންނެއް ބޭނުމެއް ނުވެ އެވެ. ތިން ހާސް މީހުން ހަމަ ނުވާ ރަށެއް ހިންގުމަށް ގިނަ ވަގެން ތިން މީހުން ފުދޭނެ އެވެ. ރަށްރަށުގެ މީހުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރަން ބޭނުން ނަމަ ކިޔަވައިގެން ތިބި މީހުންނަށް އިދާރީ ވަޒީފާތައް އިތުރު ކުރެވިދާނެ އެވެ. ރަށަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ ވެސް އެއީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލު މަހު އޮންނަ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ އާއި 178 ރަށަށް 982 ކައުންސިލަރުން އިންތިހާބު ކުރަން ޖެހެ އެވެ. އެއީ 3000 މީހުންނަށް ވުރެ އާބާދީ އިތުރު، 15 ރަށާއި 3000 މީހުންނަށް ވުރެ އާބާދީ ދަށް 163 ރަށެވެ. ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލަރުންގެ މުސާރަ ތަފާތުނުކޮށް ބަލާ އިރު ވެސް ކައުންސިލަރުންގެ މުސާރައަށް އެކަނި ވެސް މަހަކު 14 މިލިއަން ރުފިޔާ އަދި އަހަރު ދުވަހަށް 171 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ކްރޮސް ރޯޑްސްގައި ބޭއްވި ބައްދަލުވުމެއްގައި ކައުންސިލަރަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކައުންސިލަރުންގެ އަދަދު އިތުރު ކުރީ ދައުލަތުގެ ބަޖެޓުން އެބައި ފޫބެއްދޭނެތީ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަންހެން މެމްބަރުން ތިއްބަސް ކައުންސިލަރުން ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި އެ އަދަދު ކަނޑައެޅީ މިހާރު އޮތް ވަރުން ފިރިހެނުންގެ ކޯޓާ އަށް ބަދަލު ނާންނާނެ ގޮތަށް ކަމަށެވެ.

މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުން ކައުންސިލަރުންގެ އަދަދު އިތުރު ކުރި ފޯމިއުލާ އެއޮތީ ފެންނާށެވެ.

ތެދުފުޅެކެވެ. ބަޖެޓުން އެ ބައި ފޫބެއްދިދާނެ އެވެ. އެކަމަކު ރަށްރަށުގެ ފެނާއި ނަރުދަމާ އާއި މަގާއި ބަނދަރުތައް ހެދުމާއި ތައުލީމާއި ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް ބަޖެޓް އެބަ އޮތްތޯ އެވެ؟

މިހާރު ވެސް ބަޖެޓްގެ ނިސްބަތުން ހިންގުމުގެ ހަރަދު ބޮޑު މި ގައުމުގައި އަދި ވެސް އެ ބައި އިތުރު ވަނީ ނޫންތޯ އެވެ؟ އެ ހުރިހާ ކަމަށް ވުރެ ވެސް ބޮޑަށް ޒުވާން ޖީލެއް ބިނާ ކުރުމަށް މަގުފަހިކޮށްދިނުމަށް ރަނގަޅު ފެންވަރުގެ ޓީޗަރުން މަގާމުގައި ބޭތިއްބުމަށް އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް އިތުރުކުރުމަށް އޮތް ބަޖެޓަކީ ކޮބައިތޯ އެވެ؟ އަބަދު ވެސް "ކަންބަޅިއަށް" ވާންވީ ޓީޗަރުންނާއި ދެން ތިބި ސިވިލްސާވަންޓުންތޯ އެވެ؟ މަތީ ފެންވަރުގެ ފާސް ނަގައިގެން ރާއްޖޭގައި ހިދުމަތް ކުރުމުގެ ފުރުސަތަކީ ކޮބައިތޯ އެވެ؟

އެ ހުރިހާ ކަމެއްގެ އިތުރަށް އެ މީހުންނަށް މުސާރަ ދިނުމަށް މި ގުރުބާންވާން ޖެހޭ އެއްބަޔަކީ އާންމު މީހުން ނޫންތޯ އެވެ. ގިނަ ބާވަތްތަކަކުން އިމްޕޯޓް ޑިއުޓީ ނަގާ އިރު، ޖީއެސްޓީ އާއި އިންކަމް ޓެކްސް ނަގަނީ އާދައިގެ މީހުންގެ އަތުން ނޫންތޯ އެވެ؟

ސަރުކާރެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކައުންސިލަރުންގެ އަދަދާއި އަދި އެ ނޫން ނިންމުން ވެސް ނިންމަންވާނީ އާންމު ރައްޔިތުންގެ ތަރައްގީ އާއި ތަމައްދަނު ދެމެހެޓޭ ގޮތަށެވެ. ދައުލަތަށް ލިބޭ ހުރިހާ ފައިސާ އަކީ ބޮޑުންނާއި ސިޔާސީ މަގާމުތަކަށް ބަހަން އޮންނަ އެއްޗެއް ނޫނެވެ. ދެ ވަނަ ފަހަރަށް ވިސްނާށެވެ. ކައުންސިލަރުންގެ އަދަދު މަދުކުރަން ޖެހެ އެވެ. ހާއްސަކޮށް ކޮރޯނާ ވައިރަސް އާ އެކު މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރާފައިވާ އަދި އަރާނެ ކަމަށް ބެލެވޭ ދުވަސްވަރެއްގައި ވިސްނަން ޖެހޭ ވަރު ބޮޑުވާން ޖެހެ އެވެ. ޓީޗަރުންގެ މުސާރައިގެ ކުރިއެރުން ދިނުމަށް ހިފެހެއްޓި ގޮތަށް ސިޔާސީ މަގާމުތައް ވެސް މަދުކޮށް ދެ ވަނަ ފަހަރަށް ވިސްނަން ޖެހެ އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

comment ކޮމެންޓް