ސީޕްލޭން ޓާމިނަލް މައްސަލައިގައި އޭސީސީން ޖިނާއީ ތަހުގީގެއް ފަށައިފި

ޑިސެމްބަރ 18، 2019: ވީއައިއޭގެ ސީޕްލޭން ޓާމިނަލް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދާ އާ ސީޕްލޭން ޓާމިނަލް ހަވާލުކުރަން ނިންމާފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށާއި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިހާރު ނިންމާފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު (ޓީއެމްއޭއި)އިން މިހާރު ޓާމިނަލް ހިންގާ ވަރުގެ ޖާގައެއް އާ ޓާމިނަލުން އެ ކުންފުންޏަށް ދިނުމަށެވެ. އަދި މިހާރެކޭ އެއް އަގެއްގައި ދެ އަހަދު ވަންދެން އެ ޖާގަ ކުއްޔަށް ދިނުމަށް ނިންމާފައިވެ އެވެ.

އެ މައްސަލައިގައި އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްއޭސީއެލްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްއިން 2017 އަދި 2018 ގައި ރިސޯޓްތަކަށް ޖާގަ ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގައިވާ އަގުތަކަށްބަލާއިރު، ރިސޯޓުތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ 314.57 ޑޮލަރަށް ކަމަށެވެ.

އަދި އެންމެ ކުޑަ އަގުގައި އެމްއޭސީއެލްއިން ރިސޯޓަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް މަހަކަށް 174.92 ޑޮލަރުގެ ރޭޓުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

http://sun.mv/131128

އެހެންކަމުން، އެމްއޭސީއެލް އިން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށް ދޭން މަޝްވަރާކުރެވިފައިވާ، އަކަމީޓަރަކަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓަކީ، އެމްއޭސީއެލްއިން ވީއައިއޭގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއް ކަމަށް އޭސީސީން ބުންޏެވެ.

މިރޭޓްތަކަށް ރިއާޔަތްކުރާއިރު، އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް ކުއްޔަށް ދެވިދާނެކަމަށް ބެލެވޭ އެންމެ ކުޑަ އަގަކީ އަކަ މީޓަރަކަށް 174.92 އެމެރިކާ ޑޮލަރު ކަމަށާއި އަދި ކުއްޔަށް ދެވިދާނެ އެންމެ ބޮޑު އަގަކީ އަކަ މީޓަރަކަށް 314.57 އެމެރިކާ ޑޮލަރު ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

މި ރޭޓުތަކުން ޖާގަ ކުއްޔަށް ދީފިނަމަ، ރެވެނިއުގެ ގޮތުގައި 31.66 މިލިއަން ޑޮލަރާއި 56.9 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއް އެމްއޭސީއެލްއަށް ލިބިދާނެކަމަށް އޭސީސީން ހާމަކުރި އެވެ.

ނަމަވެސް މިހާރު ޖާގަ ކުއްޔަށް ދޭން މަޝްވަރާކޮށްފައި ވަނީ އަކަ މީޓަރަކަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އެހެންކަމަށް ވާނަމަ އަހަރަކު 29.78 މިލިއަން ޑޮލަރާއި 55 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ބަޔާނުގައިވެ އެވެ.

http://sun.mv/131461

ހަމައެހެންމެ، އެންމެ ބޮޑު އަގުގެ ރޭޓާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 825.9 މިލިއަން ޑޮލަރުގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށާއި އެންމެ ކުޑަ އަގުގެ ރޭޓާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 446.8 މިލިއަން ޑޮލަރުގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ އެމްއޭސީއެލްއިން އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައި ވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައި ނުވާކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްއާ ގުޅިގެން ބިނާކުރާ އެމްއާރްއޯ ފެސިލިޓީއަކީ، 12,746 އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެކެވެ. އަދި އެއީ ސީ ޕްލޭން ޓާމިނަލް ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރާ ހަމައެކަނި އެމްއާރްއޯ ފެސިލިޓީއަށް ވާއިރު އެއީ 5.4 މިލިއަން ޑޮލަރު ހަރަދުކޮށް ހަދަމުން އަންނަ އިމާރާތެކެވެ.

އާ ސީޕްލޭން ޓާމިނަލްއަކީ މަލްޓި-އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް ވާއިރު، އެމްއޭ-ސީއެލް އިން ދުނިޔޭގެ ފެންވަރުގައި އެމްއާރްއޯ ފެސިލިޓީއެއް ގާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ކުޑަ ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އާ ސީޕްލޭން ޓާމިނަލުން، ސީޕްލޭން އޮޕަރޭޓަރުންނަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދޫކުރަން މަޝްވަރާކޮށްފައި ވަނީ 28 ނޮވެންބަރު 2017 ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.

ކަން މިހެން ހިނގާފައި ވާއިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާއަކަން ތަހުގީގަށް ފާހަގަކުރެވޭކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ މި މައްސަލައާ ގުޅިގެން އެ ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާނެ ކަމަށެވެ.

ހަމައެއާއެކު، މި މައްސަލައިގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް