ޓާމިނަލް މައްސަލައިގައި ގާނޫނީ ލަފާ ހޯދަން އޮޑިޓާ ޖެނެރަލް ލަފާދެއްވައިފި

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގައި-- ސަންފޮޓޯ/ ފަޔާޒު މޫސާ

އަލަށް ހަދާ ސީޕްލޭން ޓާމިނަލުން ވަކި ބޮޑުމިނެއްގެ ސަރަހައްދެއް، ވަކި އަގެއްގައި ދޭން ޓީއެމްއޭއަށް ޔަގީންކަން ދީފައި އޮތް ކަމަށް ޓީއެމްއޭއިން ބުނާ ބުނުމާ ގުޅިގެން މި މައްސަލައިގައި ގޮތެއް ނިންމަން ގާނޫނީ ލަފައެއް ހޯދަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ލަފާ ދެއްވައިފި އެވެ.

މި މައްސަލައާއި ގުޅޭގޮތުން މާލިއްޔަތު ކޮމެޓީއަށް އޮޑިޓާ ޖެނެރަލް ހާޒިރުކޮށް، ކޮމެޓީގެ މެމްބަރުން ވަނީ މި މައްސަލައިގައި އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.

މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުމުގެ ތެރެއިން-- ފޮޓޯ/މަޖިލިސް

ޓީއެމްއޭއަށް އެމްއޭސީއެލްއިން އެއްވެސް ކޮމިޓްމަންޓެއް ދިން ކަން އެނގިފައިވޭތޯ ކޮމެޓީގެ މުގައްރިރު ސުވާލު ކުރެއްވުމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ ރިޕޯޓު ތައްޔާރުކުރީ އެ 'އޭންގަލް'އިން ނޫން ކަމަށެވެ.

ދެކުންފުނީގެ ދެމެދުގައި މަޝްވަރާތަކެއް ހިނގާފައި ހުރި ކަން އެނގޭ ކަމަށާއި ނަމަވެސް ފުރަތަމަ ފޮނުވި ލިޔުމަކީ ވެސް ކޮންޓްރެކްޓް ޕްރޮޕޯސަލްއެއް ނޫން ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން ޑްރާފްޓް ކޮންޓްރެކްޓެއް ވެސް ދެފަރާތުގެ ދެމެދުގައި ބަދަލު ކުރިކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުގައި ކޮމިޓްމަންޓެއް ނުއެއް ނެތް. ބޯޑުގެ ސީދާ ޑިސިޝަނެއް ނިންމާފައި ނެތް. އާންމުކޮށް ކުންފުނިތައް ހިނގާ ގޮތަކީ، ބޯޑު ރިޒޮލިއުޝަނެއް އޮންނަން ޖެހޭނެ ކުރިއަށް ދާން. އަޅުގަނޑުމެންނަށް ބޯޑު ރިޒޮލިއުޝަނެއް ފެންނާކަށް ނެތް. ބޯޑު ރިޒޮލިއުޝަނެއް އޮތް ކަމަކަށް ވެސް އެމްއޭސީއެލްއަކުން ނުބުނޭ." ހަސަން ވިދާޅުވި އެވެ.

ޓީއެމްއޭއަށް އެމްއޭސީއެލްއިން ދިން ގެރެންޓީގެ މައްޗަށް ބިނާކޮށް ޓާމިނަލުން މާ ކުރިން ރިސޯޓުތަކަށް ޖާގަވިއްކާފައިވާ ކަމަށް ޓީއެމްއޭއިން ބުނެފައިވާ ކަމަށާއި އެކަން އޮޑިޓަށް ފާހަގަވޭތޯ ކޮމެޓީ މެމްބަރަކު ސުވާލު ކުރެއްވުމުން ހަސަން ވިދާޅުވީ ނެތް އެއްޗެއް ވިއްކުމަކީ ޓީއެމްއޭގެ މައްސަލައެއް ކަމަށެވެ.

"މީގައި [މި މައްސަލައިގައި] އެމްއޭސީއެލްއިން ވެސް އެބަ ބުނޭ ބޯޑު ޑިސިޝަނެއް ނެތް ވާހަކަ. ވަރަށް ދެރަ ކަމެއް ދެއްތޯ، ޓީއެމްއޭގެ އަމިއްލަ މައްސަލައެއް ކަން ނޭނގެ ޓީއެމްއޭގައި ނެތް އެއްޗެއް ރިސޯޓުތަކަށް ވިއްކުމަކީ. އެއީ ހަގީގަތުގައި އެގްރިމަންޓެއް އޮންނަން ޖެހޭނެ، ބައިންޑިން ކޮންޓްރެކްޓެއް ހެދިފައި އޮންނަން ޖެހޭނެ ބަޔަކާ އެކީގައި. އެހެން ނެތީސް، ޓީއެމްއޭއިން ވިއްކުމުގެ ޒިންމާ އެމްއޭސީއެލްއިން ނުވަތަ ދައުލަތުން ނަގަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ހަސަން ވިދާޅުވި އެވެ.

މައްސަލަތަކުގައި ދައުލަތުން ބަދަލު ދޭން ޖެހުމާ މެދު ކަންބޮޑުވާ ކަމަށާއި މި މައްސަލައިގައި ދައުލަތު ބަދަލެއް ދޭން ޖެހިދާނެ ފަދަ 'ފަރމް' ކޮމިޓްމަންޓެއް އޮންނާނެތޯ އަނެއްކާ ވެސް މެމްބަރަކު ސުވާލު ކުރުމުން ހަސަން ވިދާޅުވީ ފަރމް ކޮމިޓްމަންޓަކީ ކޮބައިކަން މާނަ ކުރަން ޖެހޭ ކަމަށެވެ.

"ފަރމް ކޮމިޓްމަންޓަކީ ކޮބައިކަން ޑިފައިން ކުރަން ޖެހޭ. އަޅުގަނޑުމެން ކުންފުނިތައް ހިނގާ ގޮތަކީ ބޯޑުގެ ނިންމުން ނިންމަން ޖެހޭ. ބޯޑު ނިންމުމާއެކީ އެމްޑީއަށް ބާރު ލިބޭނީ ހަގީގަތުގައި ނެގޯޝިއޭޓް ކުރަން. އަނެއްކާ ނެގޯޝިއޭޓްކޮށް ނިންމާފައި އެގްރިމަންޓެއް އޮންނަން ޖެހޭ. 2014 ވަނަ އަހަރު ޓީއެމްއޭއާއެކު އޮތް އެއްބަސްވުން އޮތީ ނިމުމަކަށް އައިސްފައި. އެއަށްފަހު އަހަރަކުން އަހަރަކުން އެ ދަނީ އެއްބަސްވުން އާ ކުރަމުން. އެހެންވީމާ އެމްއޭސީއެލްއަށް ވެސް ޓީއެމްއޭއަށް ވެސް މިއީ ސަޕްރައިޒަކަށް ވެގެން ނުވާނެ. އެމްއޭސީއެލްއަކުން ނުނިންމާ އަލަށް ހަދާ ޓާމިނަލް އެބޭފުޅުންނަށް [ޓީއެމްއޭއަށް] ދޭކަށް. ނެގޯޝިއޭޝަންތަކެއް ކުރިއަށް ގޮސްފައި ހުރީ."

މި މައްސަލަ ނިމޭ ގޮތަކުން މި ސަރުކާރަކީ ކޮމިޓްމަންޓްތަކަށް ނުބަލާ ސަރުކާރެއްގެ ގޮތުގައި ނަން ވެދާނެތޯއާއި ރާއްޖެއަށް އިންވެސްޓާ ކޮންފިޑެންސް ގެއްލިދާނެތޯ ކޮމެޓީގެ މުގައްރިރު ސުވާލު ކުރެއްވުމުން ހަސަން ވިދާޅުވީ މިކަމުގައި ގާނޫނީ ލަފައެއް ހޯދަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މި ރިޕޯޓުގައި ހިމަނަނީ އެމްއޭސީއެލްއިން ދީފައި ހުރި މައުލޫމާތުގެ އަލީގައި. އޮފާއެއް އޮތް، ކައުންޓާ އޮފާއެއް އޮތް. އަނެއްކާ ވެސް ކައުންޓާ އޮފާއެއް މި ކުރަނީ... އަޅުގަނޑަށް ގަބޫލު ކުރެވެނީ ލީގަލް އޮޕީނިއަންއެއް ތިކަމުގައި ހޯދަން ކަންނޭނގޭ ޖެހޭނީ." ހަސަން ވިދާޅުވި އެވެ.

comment ކޮމެންޓް