މިއަހަރުގެ ހައްޖު މޫސުމަށް ޖިއްދާގައި ކޮންސިއުލޭޓް ހުޅުވާނެ: ޝާހިދު

ފެބްރުއަރީ 12، 2020: އަބްދުﷲ ޝާހިދު ނޫސްވެރިންނަށް މައުލޫތު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީގެ ޖިއްދާގައި ގާއިމްކުރަން ނިންމާފައިވާ ރާއްޖޭގެ ކޮންސިއުލޭޓް މިއަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ހުޅުވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ސައުދީގެ ރިޔާދުގައި މިހާރު ހުންނަނީ، ރާއްޖޭގެ އެމްބަސީ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޖިއްދާގައި ހުޅުވާ ރާއްޖޭގެ ކޮންސިއުލޭޓް ހެދުމުގެ ހުއްދަ މިހާރު ސައުދީ ސަރުކާރުން ދީފައިވާ ކަމަށެވެ.

"ހައްޖާއި އުމްރާގެ މާތް އަޅުކަން އަދާކުރުމަށާއި އެހެނިހެން ކަންކަމުގައި ސައުދީއަށް ޒިޔާރަތްކުރާ ދިވެހިންނަށް މިހާރަަށްވުރެ ފުރިހަމައަށް ހިދުމަތް ދިނުމުގެ މަގްސަދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖިއްދާގައި އުފައްދަވާ ކޮންސިއުލޭޓް ހުޅުވުމުގެ ހުއްދަ ސައުދީ ސަރުކާރުން މިހަފްތާގެ ތެރޭގައި ވަނީ ދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ކޮންސިއުލޭޓް ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތް ސައުދީ ސަރުކާރުާ ގުޅިގެން މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަހަރުގެ ހައްޖު މޫސުމަށް ކޮންސިއުލޭޓް ހުޅުވާ އެ ކޮންސިއުލޭޓްގެ މަސައްކަތް ފެށިެގންދާނެކަމަށް އަޅުގަނޑު ދެކެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ ކޮންސިއުލޭޓެއް ހުންނަނީ، ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އިންޑިއާ ޓްރެވިންޑްރަމްގަ އެވެ.

ދިވެހިން ފަތުރުވެރިންގެ ގޮތުގައި އަދި އުމްރާއަށް ސައުދީއަރަބިއްޔާއަށް ދާން އޮން އެރައިވަލް ވިސާ ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެެންދާނެ ކަަމަށްވެސް ޝާހިދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް