ގުޅީފަޅު ބަނދަރު ހަދަން ފަސް ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް---

ގުޅީފަޅު ބަނދަރު ތަރައްގީކުރަން ފަސް ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ހޯދަން މަަސައްކަތްކުރަމުންދާކަމަށް އިކޮނޮކިމް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްއާ ގުޅޭގޮތުން އިކޮނިމިކް މިނިސްޓްރީން މިއަދު މެންދުރު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ގުޅީ ފަޅު ދިރާސާކޮށް ޑިޒައިންކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެކަމަށް ފަންޑުކުރަނީ އިންޑިއާގެ އެގްޒިމްބޭންކުން ކަމަށާއި އެކަމަށް ލާންޖެހޭ ޕްރޮޖެކްޓް ރިޕީޓް މިމަސް ނިމެންވާއިރަށް ދޭނެ ކަމަަށާއި އުއްމީދަކީ މިއަހަރުގެ މެދުތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކޮށް މިއަހަރު ފަހު ކުއާޓަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރުވުން ކަމަށެވެ.

އެ މަސައްކަތް ކުރާނީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް)އިން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ނުވަތަ ފަސްބިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށެވެ.

އެ ބަނދަރު ވެގެންދާނީ ސައިޒު އަދި އިކުއިޕްމަންޓް އަދި ޒަމާނީގޮތުން ބެލިޔަސް މި ސަރަހައްދުން ފާހަގަކޮށްލެވޭ ބަނދަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެެ.

މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ބަނދަރު ހިންގާނީ އެމްޕީއެލްއިން ކަމަށާއި ނަމަވެސް މެނޭޖުމަންޓް ކޮންސެލްޓެންޓުންގެ ގޮތުގައި ބޭރު މީހުން ހޯދުމުގެ ވިސްނުން އެބަހުރި ކަަމަށެވެ.

comment ކޮމެންޓް