ކައުންސިލަރުންގެ މުސާރަ ކަނޑައެޅިގޮތުގެ ތަފްސީލު ހޯދުމަށް ޕޭ ކޮމިޝަން މަޖިލީހަށް ހާޒިރު ކުރަނީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް އިންތިހާބުވާ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުންތަކުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ނޭޝަނަލް ޕޭ ކޮމިޝަން ހާޒިރުކުރުމަށް އެ ކޮމިޓީން ނިންމައިފިއެވެ.

ސިޓީތަކާއި އަތޮޅުތަކާއި ރަށު ކައުންސިލުތަކުގެ ކައުންސިލަރުންގެ މުސާރަ ކަނޑައެޅުމަށްފަހު ޕޭކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައެވެ. މުސާރަ ފައިނަލްކުރަނީ އެ ލަފަޔަށްފަހު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް، މަޖިލިސް މެމްބަރުންގެ ވޯޓުންނެވެ.

ޕޭ ކޮމިޝަންގެ ރައީސް، އަދި ފިނޭންސް މިނިސްޓަރު އަހްމަދު އަމީރު ސޮއިކޮށް، މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު އެ ގާނޫނުގައި ކައުންސިލުތަކުގެ އެންމެ އިސް އިދާރީ މަގާމަކީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުކަމަށް ކަނޑައެޅުއްވުމާ ގުޅިގެން، އެ މަގާމަށް ކޮމިޝަނުން ހަމަޖެއްސި މުސާރައާއި އިނާޔާތްތަކަކީ، ކައުންސިލުތަކުގެ އިންތިހާބީ މަގާމުތަކުގެ މިހާރުގެ މުސާރައާއި އިނާޔަތްތަކާއި ގުޅުންހުރި މުސާރައާއި އިނާޔަތްތައް ކަމަށެވެ. އެހެންކަމުން، ކައުންސިލުތަކުގެ އިންތިހާބީ މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަދަލުކުރުމަށް މަޖިލީހަށް ލަފާ އެރުވީކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ޕޭ ކޮމިޝަނުން ލަފާ އަރުވާފައިވަނީ، ސިޓީ ކައުންސިލުތަކުގެ އިންތިހާބީ މަގާމުތަކަށް ބަދަލު ނުގެނެސް، އަތޮޅު ކައުންސިލު އަދި ރަަށު ކައުންސިލުތަކުގެ މުސާރަ ބޮޑު ކުރުމަށް ލަފާ އަރުވަމަށެވެ. އެހެން ކަމުން ސިޓީ ކައުންސިލްގެ މޭޔަރުންނަށް މިހާރުވެސް އޮންނަ ގޮތަށް 40،000، ޑެޕިއުޓީ މޭޔަރަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލުގެ މެމްބަރުންނަށް 30،000 ރުފިޔާ ދިނުމަށެވެ.

އަތޮޅު ކައުންސިލުގެ ރައީސަށް މުސާރައާއި އިނާޔަތްތަކާއެކު 28،000 ރުފިޔާ އަދި ރަށު ކައުންސިލުގެ ރައީސަށް 23،000 ރުފިޔާ، ނައިބު ރައީސަށް 15،000 ރުފިޔާ އަދި ކައުންސިލުގެ މެމްބަރުންނަށް 12،000 ރުފިޔާ ދިނުމަށް ޕޭ ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ. އަދި އަތޮޅު ކައުންސިލުގެ ނައިބު ރައީސާއި މެމްބަރުންނަށް ސިޓިން އެލަވަންސްގެ ގޮތުގައި ކޮންމެ ބައްދަލުވުމަށް 500 ރުފިޔާ ދިނުމަށެވެ.

http://sun.mv/130214

ޕޭ ކޮމިޝަންގެ ސިޓީ މިއަދު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެޖެންޑާ ކޮށްފައެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ، ސަރުކާރުން މިހާރު ހަރަދު ކުޑަކުރަން ނިންމާފައިވާއިރު އެ އަދަދަށް ކައުންސިލަރުންނަށް މުސާރަ ދީގެން ދައުލަތުގެ ބަޖެޓަށް ބުރަވޭތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން މުސާރަ ކަނޑައަޅާއިރު ކަނޑައަޅަން ވާނީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކަށް ކަމަށެވެ.

"ވަރަށް ބައިވަރު މީހުންގެ މުސާރަ މީ. ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އަސަރެއްވެސް ނޭނގެ. ކުއްލި ކުއްލިއަށް މުސާރައިގެ އޮނޮގަނޑަށް ބަދަލު ނުގެނެސް މިހުރިހާ ކަމެއް ރިއާޔަތްކޮށް [މުސާރަ] ނިންމަން ޖެހޭނީ. ޕޭކޮމިޝަނު ގެނެސް ސުވާލު ކުރަންޖެހޭ ކޮންކަހަލަ ބޭސިސްއެއްގެ މައްޗަށް ބިނާކޮށްފަތޯ މުސާރަތައް ކަނޑައަޅާފައި މިއޮތީ،" މެމްބަރު ޝަރީފު ވިދާޅުވިއެވެ.

ޝަރީފުގެ ވާހަކަތައްކަށް ތާއީދު ކުރައްވަމުން ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފު ވިދާޅުވީ، މިކަމުގައި ގޮތެއް ކަނޑައަޅާ އިރު ފިނޭންސް މިނިސްޓްރީގެ ލަފާވެސް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ، މުސާރަ ކަނޑައެޅި ގޮތުގެ ތަފްސީލު ހޯދުމަށްފަހު، ޕޭ ކޮމިޝަންގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށެވެ.

އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާގޮތުން އެފަދަ މަގާމުތަކަށް މުސާރަ ކަނޑައެޅުމުގައި ކަނޑައަޅަން ވަނީ އެހެން ކޮމިޓީތަކުގެ މަޝްވަރާއާއެކު ކަމަށެވެ. އެހެން ކަމުން މިއަދު ކޮމިޓީން ނިންމީ ކައުންސިލަރުންގެ މުސާރަ ކަނޑައެޅުމުގައި އެހެން ކޮމިޓީތަކުގެ މަޝްވަރާ ހޯދުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހަތަރު ސިޓީން މޭޔަރާއެކު ޖުމްލަ 39 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އަދި 18 އަތޮޅު ކައުންސިލަށް ރައީސުން އިންތިހާބު ކުރާއިރު، 179 ރަށުން ޖުމްލަ 923 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

ސިޓީ، އަތޮޅު އަދި ރަށު ކައުންސިލުތަކަށް އިންތިބުކުރާ ކައުންސިލަރުންގެ ޖުމްލަ އަދަދަކީ 980 އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު މިހާރު ކައުންސިލު އިންތިހާބު ބާއްވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއެކުއެވެ. ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ދެ އިންތިހާބަށް ޖުމްލަ 77.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައެވެ.

comment ކޮމެންޓް