ކޮމަންވެލްތާ އަލުން ގުޅުން ފާހަގަކުރަން އިސްކަންދަރުގައި ހާއްސަ އެސެމްބްލީއެއް

ކޮަމަންވެލްތާ އަލުން ގުޅުން ފާހަގަކުރަން އިސްކަންދަރު ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން--- ފޮޓޯ: އިސްކަންދަރު ސްކުލް

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުން ފާހަގަކުރަން އިސްކަންދަރު ސްކޫލްގައި ހާއްސަ އެސެމްބްލީއެއް ބާއްވައިފި އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ބޭއްވި އެ ހާއްސަ އެސެމްބްލީގައި އިސްކަންދަރު ސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވި އެވެ.

އެ އެސެމްބްލީއަށް ފޮރިން މިނިސްޓްރީގެ ތަޖުރިބާކާރު ބޭފުޅުން ވަޑައިގެން ވަނީ މައުލޫމާތުވެސް ދެއްވައިފަ އެެވެ.

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހަސަން ސައީދު "ސަން" އަށް ވިދާޅުވީ މިއީ ކޮމަންވެލްތުގެ މުހިންމުކަމާއި އެ ޖަމިއްޔާއާ އަލުން ގުޅުމުން ރާއްޖެއަށް ކުރާނެ ފައިދާތައް ދަރިވަރުންނަށް އަންގައިދިނުމަށް ބޭއްވި އެސެމްބްލީއެއްކަމަށެވެ.

" އަޅުގަނޑުމެން ދަރިވަރުންނަށް ކިޔައިދިނިން ރާއްޖެއިން ކޮމަންވެލްތާ ގުޅުނު ގޮތާ ވަކިވި ގޮތާ ދެން އަލުން ގުޅުނުގޮތާ މިހާރުގެ ހާލަތު،" ސައީދު ވިދާޅުވި އެވެ.

ކޮމަންވެލްތާ އަލުން ގުޅުން ފާހަގަކުރުމަށް އިސްކަންދަރުގެ ކޮންމެ ކްލާހަކުން ހަތް ޕޯސްޓަރު ކުރެހިކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގައި 2200 އެއްހާ ދަރިވަރުން މިވަގުތު ދަނީ ކިޔަވަމުންނެވެ.

ރާއްޖެ ކޮމަންވެލްތާ ގުޅުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނުގެ އިސްނެގުމަކަށް 1982ގަ އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޮކްޓޯބަރު، 13، 2013 ގަ އެވެ. އޭރު ސަރުކާރުން އެގޮތަށް ނިންމީ، ރާއްޖެއިން ކުރަމުން ދިޔަ ބައެއް ކަންކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކުރަން އެ ޖަމާއަތުން މަސައްކަތް ކުރުމުންނެވެ.

ނަމަވެސް އާ ސަރުކާރުން ވެރިކަމާ ހަވާލުވެ އަލުން ކޮމަންވެލްތު މެމްބަރަކަށް ވާން ހުށަހަޅައި މިމަހު ވަނީ އަލުން އެޖަމިއްޔާގެ މެމްބަރަކަށްވެފަ އެެވެ.

comment ކޮމެންޓް