ދިވެހިންނަށް ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭގޮތް ހަމަޖައްސައިފި

ސްކޮލާޝިޕްގެ ފުރުސަތު ހަމަޖައްސައިދެއްވުމަށް މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑު ގާތުގައި އެދިވަޑައިންނަވާފައި --- ފޮޓޯ : ފޮރިން މިނިސްޓްރީ

ދިވެހި ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމާއެކު ދިވެހީންނަށް ކޮމަންވެލްތުގެ ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭގޮތް ހަމަޖައްސައިފި އެވެ.

ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑު ގާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިއްޔެ އެދިވަޑައިންނަވާފަ އެވެ.

އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި މިނިސްޓަރުގެ އެދިވަޑައިގަތުމާ ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްވަނީ އެކަމަށް ތާއީދުކުރައްވައި، އިއްޔެއިން ފެށިގެން ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެކަމަށް ނިންމަވާފައެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ އެ ސްކޮލާޝިޕްތަކާއި އެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން އާންމުކުރާނެ ކަމަށެވެ.

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅި، ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ އިދާރާގައި ރާއްޖޭގެ ދިދަ މިދިޔަ ބުރާސްފަތި ދުވަހު ނަގާފައެވެ.

ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިކޮށް، ކޮމަންވެލްތުގެ 54 ވަނަ މެމްބަރުގެ ގޮތުގައި ހަމަޖެހިގެން ދިޔަކަން ޕެޓްރީޝާ ސްކޮޓްލެންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ރާއްޖެ ކޮމަންވެލްތާ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. އެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށްވެސް ނުފޫޒުފޯރުވަން މަސައްކަތްކުރި ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމަށް ކުރިމަތިވަމުން ދިޔަކަމަށް އެ ސަރުކާރުން ނިންމިއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ރާއްޖެ އަލުން އެ ޖަމިއްޔާއާ ގުޅޭން ނިންމައި، ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފާސްކުރުމެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް