މިއަހަރު ވެސް 1.7 މިލިއަން ފަތުުރުވެރިން ގެނެވޭނެ: އަލީ ވަހީދު

ކޮރޯނާ ވައިރަސް އާ ބެހޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސ

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ފަތުރުވެރިންގެ ބުކިން ކެންސެލޭޝަން އިތުރުވިނަމަވެސް މިއަހަރުވެސް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރާނެ އަމާޒު ކަނޑައެޅި އަދަދަކީ، 1.5 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މައުލޫމަތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫއަރިޒަމް މިނިސްޓަރު އަދި ކޮރޯނާ ވައިރަސް ޓާސްކް ފޯސްގެ ޗެއާ އަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކެންސެލް ކުރި ބުކިންގެ އަދަދު 24،000 އަށް އަރާފައިވާ ކަމަށެވެ. ނަމަވެސް ގެއްލެމުންދާ އަދަދުތައް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު އަލުން އިޔާދަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދިވެސް މިހާރުތެރޭ 1.7 މިލިއަން ފަތުރުވެރިން ގެނެވޭވަރަށް މަސައްކަތް ކުރެވޭނެ. އަދި މިވަގުތު ފޯކަސްޓްތަކުން މިވަގުތަވެސް އަޅުގަނޑަ ދަންނަވާލަން ކެރޭ އިރާދަކުރެއްވިޔާ 1.7 މިލިއަން ފަތުރުވެރިން ގެންނާން،" އަލީ ވަހީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އާ ބެހޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާއާ ރާއްޖެއާ ދޭތެރޭ ކުރާ ސީދާ ދަތުރުތައް ހުއްޓާލާފައެވެ. އަދި ޗައިނާ ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ނިންމާފައެވެ. އަދި ޗައިނާއިން ފުރިތާ 14 ދުވަސް ނުވެ އަންނަ މީހުންވެސް ރާއްޖެ އެތެރެވުން މަނާވެސް ކޮށްފައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ސަރުކާރަށް މި ކާރިސާ ވަރަށް ރަނގަޅަށް މެނޭޖްކުރެވި ފަތުރުވެރިނަށްވެސް ރާއްޖެއާ ދެތޭރޭ ކުރެވޭ ތަސައްވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރެވޭ ކަމަށެވެ. އެގޮތުން، ވައިރަސްއާ ގުޅިގެން ދަތުރުފަތުރު އިންތިޒާމުތަކަށް އެޅިފައިވާ ހުރަސްތަކާއެކު ރާއްޖޭގައި ނުފުރި ތާށިވެފައިވާ ފަތުރުވެރިން ދިވެހި ސަރުކާރުން އެހީގައި ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް ނުފުރި ތިބި 24 ފަތުރުވެރިޔަކު ސަރުކާރުގެ އެހީގައި ފުރުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން މިހާރު އިތުރު 11 ފަތުރުވެރިޔަކުވެސް ފުރުމުގެ އިންތިޒާމް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އެއާޕޯޓުގައި އެއްވެސް ފަތުރުވެރިޔަކު ތާށިނުވެ، އުދަނގުލެއް ނުޖެހި އެމީހުންނަށް މިކަމުން ތަސައްލީ ލިބޭގޮތަށް ސަރުކާރުން މިގެންދަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން،"އަލި ވަހީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އާ ބެހޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސ

އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެންމެ ފަހުން ނެރުނު ޓްރެވެލް އެޑްވައިޒަރީއާ ގުޅިގެން ޗައިނާއިން ފުރިތާ 14 ދުވަސް ފުރިހަމަ ނުވެ، ރާއްޖެ ވަނުމުގެ ހުއްދަ ނުލިބޭ މީހުންނަށްވެސް ރަނގަޅު ގޮތްތަކެއް ސަރުކާރުން ފަހިކޮށްދެމުންދާ ކަމަށެވެ. އެގޮތުން ހުއްދަ ނުލިބޭ މީހުންނަށް އިތުރު ހޮލިޑޭތަކެއް ސަރުކާރުން އޮފާކުރަމުންދާކަމަށް ވިދާޅުވިއެވެ.

https://sun.mv/131156

ކޮޮރޯނާ ވައިރަސްއާ ގުޅިގެން ބުކިން ކެންސެލޭޝަންގެ އަދަދު އިތުރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބެމުންދާ ގެއްލުން ފޫބެއްދުމަށްޓަކައި ޓޫރިޒަމް އިޝްތިހާރުކުރުމަށް މި އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން 2.1 މިިލިއަން ފަތުރުވެރިން ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސަށް ޕޮޒިޓިވްވި މީހަކު އަދި މިހާތަނަށް ރާއްޖެއިން ނުފެނެއެވެ. ނަމަވެސް ދުނިޔެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28،000 އަށް އަރާފައެވެ. ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ، 1,286 އެވެ. މަރުވި މީހުންގެ އަދަދަކީ، 560 އެވެ. އާންމުކޮށް މި ބަލި ޖެހިގެން މަރުވަނީ، މުސްކުޅިވެ ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިފައީ ނިޒާމް ބަލިކަށި މީހުންނެވެ.

comment ކޮމެންޓް