ނުފުރި ތާށިވި ފަތުރުވެރިން ސަރުކާރު ހަރަދުގައި ފުރުވާލަނީ

ވެލާނާ އެއާޕޯޓުގައި ފަތުުރުވެރިޔަކު އިށީންދެގެން: ނުފުރި ތާށިވާ ފަތުރުވެރިން ސަރުކާރު ހަރަދުގައި ފުރުވާލުމަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސްއާ ގުޅިގެން ދަތުރުފަތުރު އިންތިޒާމުތަކަށް އެޅިފައިވާ ހުރަސްތަކާއެކު ރާއްޖޭގައި ނުފުރި ތާށިވެފައިވާ ފަތުރުވެރިން ދިވެހި ސަރުކާރުން އެހީގައި ފުރުވާލުމަށް ނިންމައިފިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ނިންމާފައެވެ. އަދި ޗައިނާއިން ފުރިތާ 14 ދުވަސް ނުވެ އަންނަ މީހުންވެސް ރާއްޖެ އެތެރެވުން މަނާވެސް ކޮށްފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މައުލޫމަތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަދި ކޮރޯނާ ވައިރަސް ޓާސްކް ފޯސްގެ ޗެއާ އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮންނައިރު ސަރުކާރުން މަސައްކަތްކުރަނީ މިފަދަ ކާރިސާއެއްގައިވެސް ފަތުރުވެރިންނަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރުމަށް ކަމަށެވެ. އެގޮތުން ނުފުރި ރާއްޖޭގައި ތާށިވި 24 މީހަކަށް ސަރުކާރު އެހީގައި ފުރުވާލާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާތަނަށް ވާނީ އާޖެންޓީނާގެ އަށް ފަތުރުވެރިންނާއި ޗައިނާގެ 16 ފަތުރުވެރިން ސަރުކާރުގެ ހަރަދުގައި އެމީހުން ހުރިހާ ކަމެއް ބަލަހައްޓައި، އެމީހުން ރާއްޖެއިން އަނބުރާ ދިޔުމުގެ ހުރިހާ ކަމެއް ހޮސްޓް ކޯށްދީފައި. އެއާޕޯޓުގައި ސްޓްރޭންޑްވެފައި، ބޭޑް އެކްސްޕީރިއަންސެއް ކުރަން ނުޖެހޭ ވަރަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ މަސައްކަތްކޮށްފައި،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: މިފަދަ ކާރިސާއެއްގައިވެސް ފަތުރުވެރިންނަށް ރަނގަޅު މެހެމާންދާރީއެއް އަދާ ކުރުމުންދާކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ އެކި އެއާލައިންތަކުގެ ޕޮލިސީތަކަށް ބަދަލުތަކެއް އައި އިރު މިހާރުވެސް 11 ފަތުރުވެރިން ނުފުރި ރާއްޖޭގައި ތާށިވެފައި އެބަތިބި ކަމަށެވެ.

"ނުފުރި އެބަތިބި 11 ފަތުރުވެރިން ސަރުކާރުން ބަލަހައްޓާ. މިރޭ 11:00 ގައި އެ ފަތުރުވެރިންވެސް ފުރައިގެން ދާނެ [ސަރުކާރު ހަރަދުގައި]،" އަލީ ވަހީދު ވިދާޅުވިއެވެ.

"ރާއްޖޭގެ އެއާޕޯޓުގައި އެއްވެސް ފަތުރުވެރިޔަކު ތާށިނުވެ، އުދަނގުލެއް ނުޖެހި އެމީހުންނަށް މިކަމުން ތަސައްލީ ލިބޭގޮތަށް ސަރުކާރުން މިގެންދަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން،"

އަލީ ވަހީދު ވިދާޅުވީ، ޗައިނާއަށް ކުރާ ސީދާ ދަތުރުތައް ހުއްޓާލުމާއެކު މިހާރު ނުދެވި ތިބި ގިނަ ފަތުރުވެރިން ފުރައިފައިވާ ކަމަށެވެ. އަދި އެއާޕޯޓުގައި ފަތުރުވެރިނަށް ގާއިމުކުރި ޑެސްކްގެ ހިދުމަތް ދިނުން މިރޭ ހުއްޓާލާނެކަމަށާއި ނަމަވެސް މިނިސްޓްރީގެ އޮފިޝަލުން އޮންކޯލްގައި ތިއްބަވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެންމެ ފަހުން ނެރުނު ޓްރެވެލް އެޑްވައިޒަރީއާ ގުޅިގެން ޗައިނާއިން ފުރިތާ 14 ދުވަސް ފުރިހަމަ ނުވެ، ރާއްޖެ ވަނުމުގެ ހުއްދަ ނުލިބޭ މީހުންނަށްވެސް ރަނގަޅު ގޮތްތަކެއް ސަރުކާރުން ފަހިކޮށްދެމުންދާ ކަމަށެވެ. އެގޮތުން ހުއްދަ ނުލިބޭ މީހުންނަށް އިތުރު ހޮލިޑޭތަކެއް ސަރުކާރުން އޮފާކުރަމުންދާކަމަށް ވިދާޅުވިއެވެ.

"މިސާލަށް މި ސާކިއުލާއާ ގުޅިގެން ޗައިނާއިންގެ ޝަންހާއިން ވިޔަސް ފުރިތާ 13 ދުވަސްވެފައިވީ ނަމަވެސް އަޅުގަނޑުމެންނަށް ނެތް ވެއްދޭކަށް އެ އައި ދުވަހު. ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ސަރުކާރުން ވަނީ އެމީހުން އުމުރު ދުވަހު ރާއްޖެއައުމަށް އެކުރި އުންމީދު މުޅިން ވެއްޔާ މޮޑެވިގެން ނުދާހެން އެމީހުންނަށް ހޮލިޑޭ އޮފާކޮށްދީފައި، ފަހުން ރާއްޖެ ޒިޔާރަތްކުރެވޭ ގޮތަށް،" އަލީ ވަހީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އާ ބެހޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ސަރުކާރަށް މި ކާރިސާ ވަރަށް ރަނގަޅަށް މެނޭޖްކުރެވި ފަތުރުވެރިނަށްވެސް ރާއްޖެއާ ދެތޭރޭ ކުރެވޭ ތަސައްވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރެވޭ ކަމަށެވެ.

ބުކިން ކެންސެލޭޝަންގެ އަދަދު މިހާރު 24،000 އަށް އަރާފައިވާ ކަމަށާއި ނަމަވެސް ގެއްލެމުންދާ އަދަދުތައް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު އަލުން އިޔާދަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް 1.7 މިލިއަން ފަތުރުވެރިން ގެންނާނެކަމަށާއި އަންނަ އަހަރުގެ ނިޔަލަށް 2.1 މިލިއަން ޓޫރިސްޓުން ގެނެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސަށް ޕޮޒިޓިވްވި މީހަކު އަދި މިހާތަނަށް ރާއްޖެއިން ނުފެނެއެވެ. ނަމަވެސް ދުނިޔެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28،000 އަށް އަރާފައެވެ. ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ، 1,286 އެވެ. މަރުވި މީހުންގެ އަދަދަކީ، 560 އެވެ. އާންމުކޮށް މި ބަލި ޖެހިގެން މަރުވަނީ، މުސްކުޅިވެ ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިފައީ ނިޒާމް ބަލިކަށި މީހުންނެވެ.

comment ކޮމެންޓް