ހުރިހާ ކުދީން ވެސް މޮޅު ވީ!

ނިއުއިން މާލޭ ލީގުގެ ޝީލްޑް އުފުލާލުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އެކަކު ވެސް އިންކާރު ނުކުރާ ހަގީގަތެއް ވެއެވެ. އެ ހަގީގަތަކީ އިންސާނުންނަކީ ތަބީއީ ގޮތުން އަދި ފިތުރީ ގޮތުން، މިޒާޖާއި، ވިސްނުމާއި، ހުނަރުވެރިކަމާއި، ޝައުގުވެރިކަން ހުންނަ ކަންކަން ތަފާތު ބައެއްކަމެވެ. ޚާއްސަ ގޮތެއްގައި، މީހަކަށް ލިބިފައި ހުންނަ ގުދުރަތީ ހުނަރުތަކާއި ގާބިލިއްޔަތަކީ ތަބީއީ ކަމެކެވެ. އެއިއްޔަކީ ތަރުބިއްޔަތު ކުރާ ގޮތަކުން، ތަމްރީނު ދޭ ގޮތަކުން، އުޅޭ މާހައުލެއްގެ ސަބަބަކުން ވާ ކަމެއް ނޫނެވެ. މިސާލަކަށް، މިޔުޒިކާއި، ކުރެހުމާއި، ކުޅިވަރާއި، އަދަބީ ހުނަރުތައް ފަދަ އެތައް ކަންކަމަކީ މީހާގެ ކިބައިގައި ފިތުރީ ގޮތުން ހުންނަ ކަންކަމެވެ. މި ހުނަރުތައް ހުންނަ މީހުންގެ ކިބައިގައި ވެސް، ހުންނަ މިންވަރު ތަފާތު ވެދެއެވެ.

މިސާލުތަކަކަށް ބަލަމާ ހިންގަވާށެވެ. ވަރަށް ގިނަ މީހުން ފުޓުބޯޅަ ކުޅެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ނިސްބަތުގައި އަލީ އަޝްފާގާ އެއް ވަރަށް ހުރިހާ ކުޅުންތެރީން މޮޅުތޯއެވެ؟ ދުނިޔޭގެ ފެންވަރުގައި ލައިނަލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ފެންވަރަށް، ހުރިހާ ކުޅުންތެރީންނަށް ކުޅެވޭތޯއެވެ؟ މިޔުޒިކުގެ ދާއިރާއިން ކިޔާ ނަމަ، އެމެޑިޔުސް މޮޒާޓާ އެއް ފެންވަރަކަށް ކޮންމެ ކޮންމެ މިޔުޒިކު ކުޅުންތެރިޔަކަށް މިޔުޒިކު ކުޅެވިދާނެތޯއެވެ؟ މުޙައްމަދު ރަފީއު ކިޔާ ފެންވަރަށް ކޮންމެ ކޮންމެ ލަވަކިޔުންތެރިޔަކަށް ލަވަ ކިޔޭތޯއެވެ؟ ވިލިޔަމް ޝޭކްސްޕެއަރ ނުވަތަ ޗާރލްސް ޑިކެންސް އާ އެއް ފެންވަރަކަށް އިނގިރޭސި ހުރިހާ ލިޔުންތެރީންނަށް ލިޔެވޭތޯއެވެ؟ ޖަލާލުއްދީން ރޫމީ ނުވަތަ ޢައްލާމާ އިޤްބާލާ އެއް ފެންވަރަކަށް ކޮންމެ ކޮންމެ ޅެންވެރިޔަކަށް ޅެން ހެދޭތޯއެވެ؟

ތެދެކެވެ. މީހެއްގެ ކިބައިގައި ގުދުރަތީ ހުނަރެއް އަދި ހުއްޓަކަސް، އެ ހުނަރު ފައްކާ ކޮށް، ތަރައްގީ ކޮށް، މީހާގެ ގުނަވަންތައް އެ ހުނަރެއްގެ ބޭނުން ކުރުމަށް ޓަކައި ފަރިތަ ކުރުވައި ހާނުވައިގެން މެނުވީ، މޮޅު މީހަކަށް ނުވާނެއެވެ. ހުނަރާއި ތަބީއީ ނުވަތަ ފިތުރީ ގާބިލިއްޔަތާ އެކު، ގަދައަޅައި ކުރާ މަސައްކަތާއި ހިންމަތަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ދެ މީހެއްގެ ތެރެއިން އެކަކީ ގުދުރަތީ ގޮތުން އާދައިގެ މިންވަރަކަށް ހުނަރު ހުރި މީހަކަށް ވެފައި، އޭނާ އެންމެ މަތީ ދަރަޖައިގައި ހިންމަތާއި މިންނަތް ކޮށް، އެ ކުރާ ކަމެއްގައި ހަރުދަނާ ސުލޫކެއްގެ ތެރެއިން މަސައްކަތް ކުރަނީ ނަމަ، އޭނާޔަށް ވުރެ ތަބީއީ ގޮތުން ހުރި ގާބިލިއްޔަތު ބޮޑު ވެފައި ވެސް، ކަންނެތްކަމުގެ ސަބަބުން އަދި ހަރުދަނާ ސުލޫކެއް ނެތުމުގެ ސަބަބުން ތިމާގެ ކިބައިގައި ހުރި ހުނަރު ތަރައްގީ ކޮށް ފައްކާ ކުރާން ނުއުޅެވޭ މީހާޔަށް ވުރެ، އޭނާ މޮޅު ވެސް ވެދާނެއެވެ.

އެހެން ނަމަވެސް، މީހެއްގެ ކިބައިގައި ހުންނަ ގުދުރަތީ ނުވަތަ ފިތުރީ ގާބިލިއްޔަތާއި ހުނަރަކީ ބަދަލު ކުރެވޭ އެއްޗެއް ނޫނެވެ. އެ ހުރިއްޔާ ހުރީއެވެ. ނެތިއްޔާ ނެތީއެވެ. ހުރި މިންވަރަކަށް ހުރީއެވެ. އުންޏެއް މަދެއް ވެސް ނުކުރެވޭނެއެވެ.

އެހެންކަމުން، ކުދީން ގެންގުޅުމުގައި މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނާން ވެއްޖެ ކަމެކެވެ. އިންޑިޔާގައި މީގެ އަހަރުތަކެއް ކުރީން "ތާރޭ ޒަމީން ޕަރް" ކިޔާ ފިލްމެއް ހެދިއެވެ. ވަރަށް ގިނަ ބެއިފުޅުން އެ ފިލްމު ބައްލަވައިފައި ވެސް ވެދާނެއެވެ. ބެއްލެވި ބެއިފުޅަކު ނަމަ، ހަނދުމަފުޅު ހުންނާނޭ ފަދައިން، އެ ފިލްމުގައި ދައްކުވައިދެނީ އާޓުގެ ދާއިރާއިން އިންތިހާޔަށް ކުޅަދާނަ، އެ ރޮނގުން އާދަޔާ ޚިލާފު ހުނަރުވެރިކަމަކާއި ގާބިލިއްޔަތެއް ހުރި، އެކަމަކު ކުއްޖާގެ ވިސްނުމުގައި ހުރި ގޮތެއްގެ ސަބަބުން، މި ކިޔާ "އިލްމީ" ދާއިރާތަކުގައި ތޫނުފިލިކަން ކުޑަ ކުއްޖެކެވެ. ފިލްމުގެ ކުރީކޮޅުގައި ފެންނަނީ "ފޮށްޓެއްގެ ތެރޭގައި ވިސްނުން ގެންގުޅޭ" މުދައްރިސުންނާއި، ކުއްޖާގެ މައިންބަފައިން، ކުއްޖާ ނުކިޔަވާތީއޭ ބުނެ ކުއްޖާޔާ މެދު ހަރުކަށި ވެ، ހިތުގައި ޖައްސައި، އެއްޗެތި ގޮވައި، ނިކަމެތި ކުރަމުން ގެންދިޔަ ގޮތެވެ. އެމީހުންގެ ނަޒަރުގައި ހުރިހާ މާއްދާޔަކުން އެންމެ މަތީ ގުރޭޑު ހޯދައިގެން ފާސް ނުވުމަކީ ކުއްޖާގެ މައްސަލައެކެވެ. ހުރިހާ މާއްދާޔަކުން އެންމެ މަތީން ނަތީޖާ ނެރެގެން، މަދަރުސާ ނިންމައިފައި ޑޮކްޓަރަކަށް، ނުވަތަ އިންޖިނިޔަރަކަށް، ނުވަތަ އެފަދަ އެހެން "ބޮޑު" ދާއިރާޔަކަށް ނުދެވުނިއްޔާ ކުއްޖާ ދިރިއުޅުމުގައި "ނާކާމިޔާބު" ވެދާނެއެވެ. ފިލްމުގެ ދެވަނަ ބައިގައި ފެންނަނީ، ކޮންމެ ކުއްޖެއްގެ ވެސް ހުރި ހުނަރެއް، ހުރި ގާބިލިއްޔަތެއް ދެނެގަނެ، އެ ހުނަރެއް ނުވަތަ ގާބިލިއްޔަތެއް ފައްކާ ކޮށްދީގެން، ކުއްޖާ ދިރިއުޅުމުގެ މައިދާނަށް އޭނާގެ ގޮތުގައި ނެރުމުގެ "ހެޔޮ ވިސްނުން" ގެންގުޅޭ ޓީޗަރަކު އެ ކުއްޖާގެ ދިރިއުޅުން ބަދަލު ކޮށްލި ގޮތެވެ. އެ ޓީޗަރަށް ކުއްޖާޔަކީ ހިސާބަށް، ނުވަތަ އިނގިރޭސިޔަށް، ނުވަތަ ސައެންސަށް މޮޅު ކުއްޖަކަށް ނުވިޔެއް ކަމަކު، ކުރެހުމުގެ ދާއިރާއިން މަދުން ނޫނީ ނުފެންނަ ފަދަ އާދަޔާ ޚިލާފު ކުއްޖެއްކަން ދެނެގަނެވި، ކުއްޖާގެ ޝައުގާއި ހުނަރު ހުރި ދާއިރާއިން އޭނާ ކުރިޔަށް ގެންދިޔުމަށް މަގުފަހި ކުރެއެވެ. ހިތާމަޔާއި ބިރުވެރިކަމާއި އަމިއްލަ ނަފުސުގެ އަގެއް ނެތްކަމުގެ ޝުއޫރުތަކުގެ ބުރައިން ފިތެމުން ފިސްފިސް ވަމުން ދިޔަ ކުއްޖަކު، އުފާވެރި ކުއްޖަކަށް ބަދަލު ކޮށްލައެވެ.

އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު ބައްޓަން ކުރެވިފައި ހުރީ މިހެންތޯއެވެ؟

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ ދަންނަވައިލާނަމެވެ. އަޅުގަނޑު އެންމެ ކުޑަ އިރުއްސުރެ ޝައުގުވެރިކަން ހުންނަނީ ތާރީޚާއި، ލިޔުންތެރިކަން ފަދަ ކަންކަމަށެވެ. އާއްމުކޮށް މި ކިޔާ "ސޯޝަލް ސައެންސަސް" އާއި، އޭގެ އިތުރުން އާޓުގެ ބައެއް ދާއިރާތަކަށެވެ. އެކަމަކު ދިވެހި ދައުލަތުގެ ތައުލީމީ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން، އަޅުގަނޑުގެ އުމުރުން ގިނަ އަހަރުތަކެއް ގެއްލިގެން ދިޔައީ އެކައުންޓާއި ކޮމާސް ފަދަ މާއްދާތައް ކިޔެވުމުގައެވެ. ކޮންމެވެސް އެއްޗެތިތަކެއް އެނގުނެވެ. ނަމަވެސް އަޅުގަނޑުގެ ހިތަށް އަރައެވެ. ގުރޭޑު އަށަކުން ބާރަޔަށް އެ ހޭދަ ވި އަހަރުތައް، އަޅުގަނޑަށް ތާރީޚާއި އަދަބިއްޔާތު ފަދަ މާއްދާތައް ކިޔެވުމުގައި ހޭދަ ކުރެވުނު ނަމަ ހައުދަހައި ރަނގަޅު ވީހެވެ. ފަސް އެނބުރި ބަލައިލާ ބަލައިލުމުން، އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުއޫރަކީ އަޅުގަނޑުގެ ހަޔާތުގައި ކޮމާސް އާއި އެކައުންޓިންގ ކިޔަވާން ހޭދަ ކުރި ކޮންމެ މިނިޓަކީ، ކޮންމެ ސިކުންތަކީ، ކޮންމެ ގަޑިޔަކީ، އަޅުގަނޑުގެ ހަޔާތުން ބޭކާރު ވެގެން ދިޔަ ވަގުތު ކަމުގެ ޝުއޫރެވެ.

މި ދެންނެވި ހަގީގަތްތަކަށް ލޯ މަރައިލައި، އިންސާނާގެ ފިތުރަތާއި ތަބީއަތާ ދެކޮޅަށް ބަޣާވާތް ކޮށްގަނެ، ކޮންމެ ކުއްޖަކަށް ވެސް ކޮންމެ ކަމެއް ވެސް ކުރެވިދާނެޔޭ ކިޔައިގެން، ތައުލީމާއި ތަރުބިއްޔަތާއި ތަމްރީނުގެ ނިޒާމުން ހުރިހާ ކުދީންނަށް "އެއް ވަރަކަށް ހެދުން ކަނޑައިގެން" ފައްތާން އުޅުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެއީ އެ ކުދީންނާ މެދު ބޭއިންސާފުވެރި ވުމެވެ. ގައުމާ މެދުގައި ވެސް ބޭއިންސާފުވެރި ވުމެވެ. ގައުމަށް ބޭނުން ވަނީ ހުރިހާ ކުދީން އެއް މާއްދާތަކެއް ކިޔަވައިގެން، އެއް ކޯސްތަކެއް ހަދައިގެން، ހުރިހާ ކުދީން ކަޅު ކޯޓާއި ކަޅު ފަޓުލޫނު ލައިގެން ދާ ވަޒީފާޔަށް ދިޔުމެއް ނޫނެވެ. އެތައް ދާއިރާޔަކުން، ގައުމަށް މީހުން ބޭނުން ވެއެވެ. ވިޔަފާރި އެގްޒެކެޓިވުން ބޭނުން ވާ ފަދައިން، މަގުތަކާއި ބަނދަރުތައް ހަދާނޭ ހުނަރުވެރި މޭސްތިރީންނާއި ވަޑީންނާއި ރޭނުންތެރީން ވެސް ބޭނުން ވެއެވެ. އައިޓީ ޓެކްނީޝަނުންނާއި ޕައިލެޓުން ބޭނުން ވާ ފަދައިން، މަސްވެރީންނާއި ދަނޑުވެރީން ވެސް ބޭނުން ވެއެވެ. މިއިން އެއްވެސް މަސައްކަތަކީ ދެރަ މަސައްކަތެއް ނޫނެވެ. ހުތުރު މަސައްކަތެއް ނޫނެވެ. ކޮންމެ މަސައްކަތަކީ ވެސް އެ މަސައްކަތެއްގެ ދާއިރާގެ އިލްމާއި ހުނަރާއި ގާބިލިއްޔަތު ހުރެގެން، އެ ކަންކަން ކިޔަވައިގެން، ތަމްރީނުތައް ހަދައިގެން ކުރެވޭ ކަންކަމެވެ. އެހެން ވީއިރު، ތައުލީމީ ނިޒާމުގެ ތެރެއިން އެކަން ކުރެވޭނޭ ގޮތަށް، ނިޒާމު ބައްޓަން ކުރުން ކީއްތޯއެވެ؟ ކުޅިވަރުގެ ހުނަރުވެރިކަން ހުންނަ ކުދީން، ވީހައި ޅައުމުރެއްގައި ކުޅިވަރު އެކަޑަމީތަކަށް ލާނީއެވެ. އެކިއެކި ފަންނުތަކުގެ ހުނަރު ހުންނަ ކުދީން، އެ ފަންނުތަކަށް ބޮޑަށް އިސްކަން ދީގެން ކިޔަވައިދޭ އެކަޑަމީތަކަށް ލާނީއެވެ.

މި ދަންނަވަނީ ކޮންމެ ކުއްޖަކަށް ވެސް، ކޮންމެހެން އެނގޭން ޖެހޭ ކަންކަން އުނގަންނައިނުދޭ ވާހަކައެއް ނޫނެވެ. ގައުމުގެ ތާރީޚާއި، ދިވެހި ބަހާއި، މާތް ވެގެންވާ އިސްލާމް ދީނުގެ ތައުލީމާއި، ބިދޭސީ ކޮންމެވެސް ބަހަކާއި، ދިރިއުޅުމުގެ ހުނަރުތަކާއި، ސިވިކް ސްޓަޑީޒް އާއި، އަދި ވެސް މި ބާވަތުގެ ބައެއް މާއްދާތަކަކީ ކޮންމެ ކުއްޖަކަށް ވެސް ކިޔަވައިދޭން ޖެހޭ އެއްޗެހި ކަމުން، އާޓް އެކަޑަމީއަކަސް، ކުޅިވަރު އެކަޑަމީއަކަސް، އަދި އެހެން ކަހަލަ މަދަރުސާއެއް ވިޔަސް، މި ކަހަލަ މާއްދާތައް ކިޔަވައިދެވިދާނެއެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. ދިވެހި ރާއްޖެ ދުށް ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު މަޖީދިއްޔާ ސްކޫލަށް ލައިގެން، އޭނާޔަށް ބަޔޮލޮޖީ ނުވަތަ އެކައުންޓިންގ ކިޔަވައިދޭން ހޭދަ ކުރި ފައިސާޔާއި ވަގުތު، އޭނާ ކުޅިވަރު އެކަޑަމީއަކަށް ވައްދައިގެން، ފުޓުބޯޅަޔަށް މޮޅު ކުރުމަށް ހޭދަ ކުރެވުނު ނަމަ، ލައިނަލް މެސީއާ އަޅާ ކިޔޭ ވަރުގެ ކުޅުންތެރިޔަކަށް އޭނާ ވުމުގެ ފުރުސަތު ނޯންނާނޭ ބާވައެވެ!

ލަވައެއްގައި ކިޔާތީ އަޑު އިވެއެވެ. "ކޮން ކުއްޖެއްހޭ މޮޅު ވީ، ކޮން ކުއްޖެއްހޭ ބަލި ވީ، ހުރިހާ ކުދީން ވެސް މޮޅު ވީ" މިހެންނެވެ. ނިޔަތް ކިތަންމެހައި ވެސް ރަނގަޅެވެ. އެކަމަކު މިއީ ހަމަ އެއްކަލަ އެކި ކުދީންގެ ތަބީއީ ގާބިލިއްޔަތާއި، ހުނަރާއި، މަސައްކަތް ކުރާ މިންވަރެއްގެ ސަބަބުން ހޯދާ ކާމިޔާބީ އިތުރު ވެ މަދު ވުމުގެ ތަބީއީ ގާނޫނާ ޚިލާފު ވާހަކަތައް ނޫންތޯއެވެ؟ މިއީ ކުދީން ދުނިޔޭގެ ހަގީގަތްތަކުގެ ކުރިމަތީގައި ކަނު ކޮށްލެވެނީ ނޫން ބާވައެވެ! ކުދީންނަށް ބުނެދޭންވީ ދިރިއުޅުމުގައި ހުރިހާ ކުދީންނަށް ވެސް، ހުރިހާ މުބާރާތެއްގައި، ހުރިހާ ކަމެއްގައި، އެއް ވަރަކަށް، ހަމަހަމަކޮށް ނަތީޖާ ނެރެވޭނެޔޭ، މި ފިލާވަޅުތޯއެވެ؟ ނުވަތަ، އެކި ފަހަރުފަހަރު، އެކި ކުދީންނަށް ނެރެވޭނީ އެކި ނަތީޖާއޭ، ދިރިއުޅުމަކީ މޮޅު ވުމާއި ބަލި ވުން އެކުލެވޭ އެއްޗެކޭ، އެއް ފަހަރު ބަލި ވިޔަސް ހިތްވަރު އެލުވައިލައިގެން ނުވާނެޔޭ، ބަލި ވުމުން ދެން ފަހަރަކުން މޮޅު ވުމުގެ އަޒުމު ކަނޑައަޅާނީއޭ، މި ފިލާވަޅުތޯއެވެ؟ ކުއްޖާޔަށް ދަސް ކޮށްދޭންވީ ދިރިއުޅުމުގައި ބައްޔެއް ނުވާނޭ ކަމުގެ ޚުރާފީ ވިސްނުންތޯއެވެ؟ ނުވަތަ ބަލި ވުމުން، ޝަރަފާއި، ހިތްވަރާއި، ސާބިތުކަމާ އެކު އެ ބައްޔާ ކުރިމަތި ލުމުގެ ވިސްނުންތޯއެވެ؟

ކޮންމެއަކަސް، މިއީ އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގެ އަސާސީ ފަލްސަފާޔާ މެދުގައި ވިސްނައިލުމުން އަޅުގަނޑުގެ ހިތަށް އަންނަ ބައެއް އެއްޗެއްސެވެ. ފަހަރުގައި މި ކިޔެނީ ގޯހެއް ކަމުގައި ވެސް ވެދާނެއެވެ. އެކަމަކު ތިޔަ ބެއިފުޅުން ވެސް ނިކަން މި ކަންކަމާ މެދު ވިސްނަވައިބައްލަވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް