ސްކޫލުތަކަށް އަމާޒުކޮށްގެން މިއަހަރު އެފްއޭއެމްގެ 15 މުބާރާތެއް!

އިންޓަ ސްކޫލް 16 އަހަރުން ދަށުގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިމާދުއްދީން --- ފޮޓޯ/ އެފްއޭއެމް

ދިރާސީ އައު އަހަރުގެ އެކެޑެމިކް ކަލެންޑަރުގައި މިއަހަރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ސްކޫލުތަކަށް ބަހާލައިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 15 މުބާރާތެއް ބާއްވާގޮތަށް ހިމަނައިފި އެވެ.

އެފްއޭއެމްގެ ޓުވާޑްސް ފިއުޗާގެ ބެނާގެ ދަށުން އެންމެ ޅަ އުމުރުން ފެށިގެން ފުޓުބޯޅައަށް ކުދިން ހޭލުންތެރިކޮށް ހުނަރުތައް އުފެއްދުމުގެ ޕްރޮގުރާމުގެ ދަށުން މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ގެންދާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން ރާއްޖޭގެ ސްކޫލުތަކަށް އަމާޒުކޮށް 10 މުބާރާތެއް ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމާފައިވާ އިރު އޭގެ ތެރެއިން އަށް މުބާރާތް ބާއްވާނީ އަތޮޅު ތެރޭގައެވެ.

އެގޮތުން އެފްއޭއެމުން އިންތިޒާމުކުރާ ފުރަތަމަ މުބާރާތް މި މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތަކީ މާލެ އަދި ހުޅުމާލެ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ 16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކުރެވިގެން މާލެއާ ހުޅުމާލޭގެ ސްކޫލުތަކަށް ބާއްވާ މުބާރާތަކަށްވާ އިރު ސްކޫލުތަކުން މިހާރު ވެސް ވަނީ މުބާރާތަށް ފަރިތަކުރުންތައް ފަށައިފަ އެވެ. މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 20 އިން ފެށިގެން އޭޕްރީލް 10 އަށެވެ.

އެފްއޭއެމްގެ ދެވަނަ މުބާރާތް އަންނަ މާޗް މަހުގެ އަށްވަނަ ދުވަހު ފަށާނީ ބޮޑު ތިލަދުންމަތީގެ ސްކޫލުތަކަށް އަމާޒުކޮށްގެން ގދ. ތިނަދޫގައެވެ. މި މުބާރާތަކީ 12 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކެވެ.

އަދި މާޗު މަހުގެ 15 ވަނަ ދުވަހު އައްޑޫގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިތަދޫގައި ވެސް މުބާރާތެއް ފަށާނެ އެވެ. ސޯޅަ އަހަރުން ދަށުގެ އުމުރުފުރާ ކުދިންނަށް ބާއްވާ އެ މުބާރާތް އޭޕްރީލްގެ 15 އަށް ކުރިއަށްދާނެ އެވެ.

އެފްއޭއެމުން ފުވައްމަލަކު ސިޓީގެ ސްކޫލުތަކަށް ހުޅުވާލައިގެން 12 އަހަރުން ދަށުގެ އުމުރުފުރާއަށް ބާއްވާ މުބާރާތް އޮންނާނީ އޭޕްރީލް މަހުގެ 10 އިން 20 އަށެވެ. އަދި އުތުރުގެ އަތޮޅުތަކުގެ ސްކޫލުތަކުގެ 12 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ މުބާރާތް ބ. އޭދަފުށީގައި އޮންނަ އިރު އެ މުބާރާތް އޮންނާނީ ޖޫން 19 އިން ޖުލައި ހަތަރަކަށެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ ކެޓަގަރީގެ ދެކުނު އަތޮޅުތަކަށް ބާއްވާ މުބާރާތް އޮންނާނީ ލ.ފޮނަދޫގައި ޖޫން 28 އިން ޖުލައި 12 އަށެވެ.

މާލެ އަދި ހުޅުމާލެ ސްކޫލުތަކުގެ 12 އަހަރުން ދަށުގެ ކެޓަގަރީގެ މުބާރާތް މި އަހަރުގެ ޖުލައި މަހަށް ތާވަލުކޮށްފައިވާ އިރު ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުގެ ސްކޫލުތަކަށް ބާއްވާ މުބާރާތް އޮންނާނީ ހދ. ކުޅުދުއްފުށީފައި އެ މަހުގެ 24 ގައެވެ.

އައްޑޫ ސްކޫލުތަކުގެ ހަތް އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން އެފްއޭއެމުން ވަނީ ފުޓުބޯޅަ ގްރާސް ރޫޓް މުބާރާތެއް މިއަހަރު ބޭއްވުމަށް ނިންމާފައެވެ. އެ މުބާރާތް އޮންނާނީ އޮގަސްޓް މަހުގެ އެކަކުން ފަހަކަށެވެ.

މީގެ އިތުރުން އދ. މާމިގިލީގައި ބާއްވާ 12 އަހަރުން ދަށުގެ މުބާރާތް ސެޕްޓެމްބަރު 1-15 އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު އައްޑޫ ސިޓީގެ ސްކޫލުތަކުގެ ކިޑްސް ފުޓުބޯޅަ މުބާރާތް އޮކްޓޯބަރު އެކަކުން ހަތަރަކަށް ކުރިއަށްދާނެ އެވެ. އަދި ހަމަ އެމަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި ވެސް 12 އަހަރުން ދަށުގެ މުބާރާތެއް ފަށާނެ އެވެ.

އަދި އައްޑޫ ސްކޫލުތަކުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން މިއަހަރުގެ ނޮވެމްބަރު މަހު މުބާރާތެއް ބާއްވާ އިރު މާލެ އަދި ހުޅުމާލެ ސްކޫލުތަކުގެ ގްރާސްރޫޓް ފުޓުބޯޅަ ފިއެސްޓާ އޮންނާނީ ވެސް އެ މަހު އެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމުތައް ނަގާ އިރު ސެލެކްޝަން ހަދަނީ ހަމައެކަނި މާލޭ ސްކޫލުތަކުން ކަމަށް ބުނެ ގިނަބައެއްގެ ޝަކުވާ މީގެ ކުރިން ކުރަމުން ދިޔަ ނަމަވެސް މިއަހަރުގެ މުބާރާތްތައް ބެލުމަށް އެފްއޭއެމްގެ ޓީމެއް މުބާރާތް ބާއްވާ ރަށްތަކަށް ގޮސް ކުދިން ރިކްރޫޓް ކުރާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އަތޮޅުތެރޭން ފާހަގަ ކުރެވޭ ކުދިން ހުޅުމާލޭގައި އަލަށް ހަދާ ފުޓުބޯޅަ ސްކޫލަށް ގެނެސް ގައުމީ ޓީމުތަކާއި ކުލަބުތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް