ދުވަސްތަކަކަށް ފަހު ބައިނަލްއަގްވާމީ އާއިލާގެ ތެރެއަށް ވަދެވިއްޖެ: ރައީސް

2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މިދިޔަ އަހަރު ރާއްޖެއާއި ބޭރުގެ ގައުމުތަކާ ދެމެދު ގުޅުން ބަދަހި ކުރެވިފައިވާ ކަމަށާއި އޭގެ ލުއިފަސޭހަތައް ރައްޔިތުންނަށް ލިބެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހު ބޭރުގެ ގައުމުތަކާ އެކު އެކި ދާއިރާތަކުން އެއްބަސްވުންތައް ގާއިމުކޮށްފައިވާ ކަމަށެވެ.

"މިދިޔަ އަހަރަކީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ބައިނަލްއަގްވާމީ ޢާއިލާގެ ތެރެއަށް ރާއްޖެއަށް އަލުން ވަދެވުނު އަހަރެއް. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަވައްޓެރި އަދި ރަޙްމަތްތެރި ގައުމުތަކާ އެކު ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ގާއިމުކުރެވި، ތަޢުލީމީ ފުރުސަތުތަކާއި، މާލީ އެހީތެރިކަމާއި، ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިއްޖެ." ރައީސް ޞާލިހު ވިދާޅުވި އެވެ.

އިންޑިއާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫއޭއީއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ އަވަސް މުސްތަގްބަލެއްގައި މޮރޮކޯއާއި ޗައިނާއަށް ދަތުރުކުރުމުގައި ވެސް އެ ލުއިފަސޭހަތައް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރާއިރު ބޭނުންވާ ޝެންގަން ވިސާ ހޯދުމުގައި އާންމުންނަށް ލުޔެއް ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއާއި ޖަރުމަނު ސަރުކާރު ގުޅިގެން ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ މާރިޗް މަހުގައި ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުން." ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަމުންދާ ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާ އިރު، ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހު ވަނީ ކަނޑައަޅާފަ އެވެ.

comment ކޮމެންޓް