ކޮމަންވެލްތުގެ ޗާޓަރުގައިވާ އުސޫލުތަކުގައި ދެމިތިބޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮމަންވެލްތުގެ ޗާޓަރުގައި ހިމެނޭ އުސޫލުތަކުގައި ދެމިތިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެެވެ.

ކޮމަންވެލްތުގެ ހުރިހާ މެންބަރު ގައުމެއްގެ ފުރިހަމަ ތާއީދާ އެކު މިއަދު ވަނީ ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑްއާއި ފޯނުން ވާހަކަ ދައްކަވައި ރާއްޖެއިން ކޮމަންވެލްތުގެ ޗާޓަރުގެ އުސޫލްތަކުގައި ދެމިތިބޭނެ ކަމަަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަކީ ގާނުނާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހިމާޔަތްކުރާނެ ގައުމެއް ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު ކަށަވަރުކުރަން ރާއްޖޭގެ ރައްޔިތުން ވަރަށްބޮޑަށް މަސައްކަތް ކުރި ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޮކްޓޯބަރު، 13، 2013 ގަ އެވެ. އޭރު ސަރުކާރުން އެގޮތަށް ނިންމީ، ރާއްޖެއިން ކުރަމުން ދިޔަ ބައެއް ކަންކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކުރަން އެ ޖަމާއަތުން މަސައްކަތް ކުރުމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ރާއްޖެއަށް ލިބެމުން އައި ފައިދާތައް ގެއްލިގެން ދިޔަ ކަމަށެެވެ. އަދި މިއަދު އަލުން އެ ޖަމިއްޔާއާ ގުޅުމުން ތައުލީމީ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުމާއި ޖިންސީ ހަމަހަމަކާއި ތިމާވެއްޓާއި ކްލައިމެޓް ޗޭންޖްގެ އިތުރުން އިންސާނީ ހައްގުތައް ކުރިއެރުވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް