ކޮރޯނާއާ ގުޅޭގޮތުން ފަތުރާ ހަބަރުތައް ވަރަށް ގާތުން ބަލާނަން: ބްރޯޑްކޮމް

ޗައިނާގައި ފެތުރި ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބިރާ އެކު، މާލޭ ސަރަހައްދުގައި އުޅޭ ފަރާތްތަކުން އަންނަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް ބޭނުން ކުރަމުން: މި ބައްޔާ ގުޅޭގޮތުން ޒިންމާދާރުކަމާއެކު ހަބަރު ގެނެސްދިނުމަށް ބްރޯޑްކޮމްއިން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސްއާ ގުޅޭ ހަބަރު ފެތުރުމުގައި މީޑިއާތަކުން ޒިންމާދާރުވުމަށާއި އެ ބައްޔާ ގުޅޭގޮތުން ފަތުރާ ހަބަރުތައް ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ހަބަރުތައް ގެނެސްދޭއިރު، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އަންނަ ފަދަ ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާ ވުމަށް މީޑިއާތަކަށް ގޮވާލާފަ އެވެ.

މި ދަނޑިވަޅުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށާއި ކަމާގުޅޭ އިދާރާތަކާ ހަވާލީދީގެން ހަބަރުތައް ލިޔުމަށް ވެސް ބްރޯޑްކޮމްގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.

"މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ހަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނީޓަރު ކުރަމުން ގެންދާނަން." ބްރޯޑްކޮމްއިން ބުނެ އެވެ.

ހަމައެއާއެކު އެ ބައްޔާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް މީޑިއާތަކުން ކުރަމުންދާ މަސައްކަތަށް ބްރޯޑްކޮމްއިން ޝުކުރު އަދާކޮށްފައިވެ އެވެ.

ދުނިޔޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ދިވެއްސަކު އިއްޔެގެ ވަގުތެއްގައި ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އޭނާ މިހާރު ހުރީ ކ. ފުނަދޫގައި އެކަހެރިކޮށްފަ އެވެ.

comment ކޮމެންޓް