ޕީޕީއެމްގެ ކައުންސިލް ޕްރައިމަރީ: ހާހަކަށް ވުރެ ގިނަ ކެންޑިޑޭޓުން

އޮގަސްޓް 1، 2019: "ކޮބާ ނުވިއެއްނު"ގެ ނަމުގައި ޕީޕީއެމް/ޕީއެންސީއިން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓަށް އެދި ހާހަކަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްއިންވާ ތައްޔާރީތަކާ ގުޅޭގޮތުން އެ ޕާޓީގެ ސްޓިއަރިންގް ކޮމިޓީގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިހާބުގައި ކުރިމަތިލާން އެދި 1146 ފޯމު ލިބިފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވީ ޕްރައިމަރީގައި ހަތަރު ސިޓީ އާއި 14 އަތޮޅެއްގެ 51 ރަށުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އޭގެ ތެރެއިން ޕްރައިމަރީއަކަށް ދާން ޖެހެނީ 74 ދާއިރާއަކުން ކަމަށެވެ.

މީގެ އިތުރުން ވޯޓާސް ލިސްޓު އާންމުކުރުމަށްފަހު ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މީހުން، އެމީހުންނަށް ނޭނގި ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމުގެ ޝަކުވާ ހުށަހެޅި ކަމަށް މުއާޒު ވިދާޅުވި އެވެ.

"ވޯޓަސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން 258 ޝަކުވާ އަޅުގަނޑުމެންނަށް ލިބުނު. ހުރިހާ ޝަކުވާތަކެއް ބެލިއިރު އޭގެ ތެރޭގައި ގިނައިން ޝަކުވާކޮށްފައި ހުރީ ޕީޕީއެމްގެ ކުރީއްސުރެ ވެސް ތިބި މެމްބަރުން، ޕާޓީގެ ދަފްތަރުން އުނިވެފައި ހުރީމައި،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ މި މައްސަލައާއެކު ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް ދަފްތަރު އެކުލަވާލުވުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއަދުގެ ވަގުތެއްގައި ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރާ ޖުމުލަ ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަށް ވޯޓާސް ލިސްޓު ފޮނުވާނެ ކަމަށެވެ.

"ދަފްތަރުގައި ހުރި ޝަކުވާތަކަށް އެޓެންޑު ކުރުމަށްފަހު 80 ޕަސެންޓު ރަށްތަކަށް ވޯޓާސް ލިސްޓު ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ މިހާރު އެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ބޮޑެތި ރަށްރަށުގައި ކަމަށާއި ނަމަވެސް މައްސަލަ ހައްލު ކުރުމަށްފަހު މިރޭގެ ވަގުތެއްގައި ބޮޑެތި ރަށްރަށަށް ވެސް ވޯޓާސް ލިސްޓު ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީ އަންނަ ފެބްރުއަރީ ހަތް ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާއިރު، ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނަންބަރުން ތަރުތީބުކުރަން ބާއްވާ ގުރުއަތުލުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް