ކޮރޯނާ ވައިރަސް އަކީ ކޮބާ؟ ރައްކާތެރިވާނީ ކިހިނެއް؟

ކޮރޯނާ ވައިރަސް އަކީ ދެނެގަންނަން ފަސޭހަ ވައިރަސްއެއް ނޫން ކަމަށް ސިއްހީ ދާއިރާގެ މާހިރުން ބުނޭ --- ފޮޓޯ : ސްކައި ނިއުސް

ޗައިނާއިން އެންމެ ކުލަގަދަކޮށް ފާހަގަކުރަމުން ގެންދާ ލޫނާ ނިއު އިޔާ އަކީ އެންމެ ގިނަ ބައެއް ފާހަގަކުރާ އުފާވެރި ބޮޑު ދުވަހެކެވެ. ނަމަވެސް މި އަހަރުގެ ލޫނާ އާ އަހަރު ފެށިގެން ދިޔައީ ދުނިޔެ ސިއްސުވާލި ހަބަރަކާއެކުގަ އެވެ. ޗައިނާގެ ބައެއް ސިޓީތައް ކަރަންޓީނުކޮށް ދަތުރުތައް މެދުކަނޑާލައި ބައެއް ސިޓީތައް ބޭރު ދުނިޔެއާ ވަކި ކޮށްލީ މުޅިން އާ ވައިރަސް އެއް ފެނިގެންނެވެ. ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އަކީ ކޮބައިކަން ހޯދުމަށް ގިނަ ފަރާތްތަކުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ. ނަމަވެސް ކޮރޯނާ ވައިރަސް އާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

ކޮރޯނާ ވައިރަސްގެ ފުރަތަމަ ކޭހެއް ފެންމަތިވީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ވޫހާންގަ އެވެ. ނަމަވެސް އެންމެ ފުރަތަމަ ކޮޅުގައި އެއީ ކޮންކަހަލަ ބައްޔެއް ކަމެއް ނޭނގޭނުވެ. ހުން އައިސް ނޭވާ ކުރުވެގެން މީހަކު ޑޮކްޓަރަކަށް ދެއްކުމުން ފުރަތަމަ އެ ބަލި ބަލާނީ އާދައިގެ ފްލޫއެއްގެ ގޮތުގަ އެވެ. ނަމަވެސް މި އަހަރު ފެށުމާ އެކު އެއީ އާދައިގެ ފްލޫއެއް ނޫން ކަން އެނގި ޗައިނާއިން ވަރުގަދަ ފިޔަވަޅުތައް އަޅަން ފެށުމުން ވައިރަސްގެ ނުރައްކާތެރިކަން އެނގިގެން ގޮސްފި އެވެ.

އެހެންކަމުން ކޮރޯނާ ވައިރަސް އަކީ ކޮބާ؟

ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ މިއީ އެވެ. ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަކީ ކޮބައި ހެއްޔެވެ؟ މިއީ މުޅިން އަލަށް ފެނިފައިވާ ވައިރަސް އެކެވެ. ކޮރޯނާ ވައިރަސްގެ އާއިލާއަށް ނިސްބަތްވާ މި ވައިރަސް އަކީ މުޅީން އާ ވައިރަސް އަކަށް ވުމުން އެއަށް އަދި ސީނާ ނަމެއްވެސް ދީފައެއް ނުވެ އެވެ.

ޗައިނާގެ ސިޓީއެއް ކަމަށްވާ ވޫހާންގެ މާރުކޭޓު ސަރަހައްދަކުން ފެތުރެން ފެށި ކަމަށް ބެލެވޭ މި ވައިރަސް އަކީ ކޮރޯނާ އާއިލާގެ އެހެން ވައިރަސްތައް ފަދައިގެން ކޮންމެވެސް ކަހަލަ ޖަނަވާރެއްގެ ފަރާތުން އުފެދިފައިވާ ވައިރަސް އެކެވެ.

އެގޮތުން ސިވިއާ އެކިއުޓް ރެސްޕިރޭޓޮރީ ސިންޑްރޯމް (ސާސް) އާއި މިޑްލް އީސްޓާން ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އަކީ ކޮރޯނާ ވައިރަސް އިން މީގެކުރީން ފެތުރިފައިވާ ވައިރަސްއެކެވެ.

އުފެދިގެން އައީ ކިހިނެއް؟

ސައިންސުވެރިން މިހާރު ވެސް ދަނީ އެ ވައިރަސް އުފެދިގެން އައި ގޮތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސައިންސުވެރިން ބުނާ ގޮތުގައި އެ ވައިރަސް އުފެދިގެން އައީ ވާލު ނުވަތަ ހަރުފައިގެ ފަރާތުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެ ވައިރަސް އަކީ އިންޓަރމީޑިއަރީ ސްޕީސީސްގެ ފަރާތުން ވާރުތަ ވެފައިވާ ވައިރަސްއެއް ކަމަށް ސައިންސުވެރިން ބުނެ އެވެ.

އެއީ ވައިރަސް ޖެހުމަށް މެދުވެރިވާ ޖަނަވާރެއްގެ ކިބައިން އެހެން ޖަނަވާރަކަށް އެ ވައިރަސް ވާރުތަވުމެވެ. މިސާލަކަށް މާރުކޭޓުގައި ބޭނުންކުރަމުން ދިޔަ މަހުގެ ބާވަތަކަށް އެ ވައިރަސް ވާރުތަ ވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ސައިންސުވެރިން ބުނެ އެވެ. އަދި އެ އިންފެކްޓުވެފައިވާ މަހުގެ ސަބަބުން އިންސާނުންނަށް އެ ވައިރަސް ޖެހުމަށް މަގުފަހިވީ ކަމަށް ސައިންސުވެރިން ވަނީ ލަފާކޮށްފަ އެވެ.

ކޮރޯނާ ވައިރަސް ދެނެގަންނާނީ ކިހިނެއް؟

އެ ވައިރަސްގެ ސަބަބުން ނިއުމޯނިއާ ޖެހުމަށް މެދުވެރިވެ އެވެ. އެ ވައިރަސް އަކީ ދެނެގަންނަން ވަރަށް އުނދަގު ފްލޫއެއް ކަމަށް ސިއްހީ ދާއިރާގެ މާހިރުން ހާމަކުރެ އެވެ.

ވައިރަސް ޖެހިފައިވާ މީހެއް ނަމަ ކެއްސުމާއި ހުން އައުމާއި ނޭވާލުމަށް އުނދަގުވާ ގޮތްތައް މެދުވެރިވެ އެވެ. އަދި ސީރިއަސް ހާލަތްތަކުގައި ބައެއް ގުނަވަންތައް ފެއިލްވުން އެކަށީގެންވެ އެވެ.

ނޯވިކް މެޑިކަލް ސްކޫލުގެ ޕްރޮފެސާ ޕޯލް ހަންޓާ ވިދާޅުވީ އެހެން ރެސްޕިރޭޓަރީ އިންފެކްޝަންތަކާ ހިލާފަށް ކޮރޯނާ ވައިރަސްގައި ކިނބިހިއެޅުމާއި ކަރުގައި ރިއްސުން ފަދަ އަލާމާތްތައް ކުރީކޮޅުގައި ނުފެންނާނެ ކަމަށެވެ.

މިއީ ވައިރަލް ނިއުމޯނިއާގެ ވައްތަރަކަށް ވުމުން އެންޓިބަޔޮޓިކްސް އެއްވެސް އަސަރެއް ނުކުރާނެ އެވެ. އަދި ފްލޫއަށް ބޭނުންކުރާ އެންޓިވައިރަލް ބޭސްތަކަކީ ވެސް އެ ބައްޔަށް މަސައްކަތް ކުރާނެ އެއްޗެއް ނޫނެވެ.

ވައިރަސް އިން ސަލާމަތްވުމަށް އެންމެ އިސް ރޯލެއް ކުޅޭނީ އިންސާނާގެ އިމިއުން ސިސްޓަމެވެ. އިމިއުން ސިސްޓަމް ވަރުގަދަ ވެއްޖެ ނަމަ އެ ވައިރަސް އިން ސަލަމާތްވުމުގެ ފުރުސަތު ބޮޑެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އެ ވައިރަސް ޖެހިގެން މަރުވި މީހުންނަކީ ސިއްހީގޮތުން ބަލި މީހުން ކަމުގައި ބެލެވެ އެވެ.

ކެއްސާނަމަ..

ކޮރޯނާ ވައިރަސް އިންފެކްޓުވެފައި ހުރިކަން އެންމެ ބޮޑަށް އެނގޭނެ އެއް ކަމަކީ ހިކި ކެއްސުމެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން ޖެހޭނީ ކިހާ ވަރަކަށް ކެއްސާނަމަ ހެއްޔެވެ؟

ޗައިނާގެ ގައުމީ ހެލްތު ސާވިސް އިން ބުނާގޮތުގައި ހަމައެކަނި ކެއްސާ ނަމަ ކޮންމެހެން ޑޮކްޓަރަށް ދެއްކުން މުހިއްމެއް ނޫނެވެ. އެހެންނަމަވެސް ގިނަ އިރު ކެއްސައި މޭގައި ރިއްސައި އަދި ނޭވާލުމަށް އުނދަގޫވާ ނަމަ ޑޮކްޓަރަކަށް ދެއްކުން މުހިއްމު ކަމަށް ހެލްތު ސާވިސް އިން ވަނީ އިރުޝާދު ދީފަ އެވެ.

މި ވައިރަސް ފެތުރޭނީ ކިހިނެއް؟

އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި އެ ވައިރަސް ފެތުރިދާނެ ތަފާތު ގޮތްތަކެއް ވަނީ ހާމަކޮށްފަ އެވެ. އެއީ؛

  • އިންފެކްޓުވެފައިވާ މީހަކު ކެއްސައި އަދި ކިނބިހި އަޅާ އިރު ވައިގެ ޒަރިއްޔާއިން
  • ވައިރަސްގެ އަސަރުކޮށްފައިވާ މީހެއްގެ ގައިގައި ޖެހުން، ސަލާމްކުރުން
  • ވައިރަސް ހުރި އެއްޗެއް ނުވަތަ ތަނެއްގައި އަތްލުމަށް ފަހު އަތް ނުދޮވެ ލޮލަށް، އަނގަޔަށް ނުވަތަ ނޭފަތަށް އަތް ލައިގެން

ސީޑީސީއިން އިތުރަށް ބުނެފައި ވަނީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އެ ވައިރަސް އަރަނީ ކިހާ ފަސޭހައިން ކަމެއް އަދި ނޭނގޭ ކަމަށެވެ.

އެ ވައިރަސް އެންމެ ފުރަތަަމަ ފެތުރިފައި ވަނީ ވޫހާންގެ މާރުކޭޓު ސަރަހައްދުގައި ތިބި މީހުންނަށެވެ. ނަމަވެސް އެ ވައިރަސް މިހާތަނަށް ޖެހިފައިވާ ގިނަ މީހުންނަކީ އެ މާރުކޭޓުގައި ތިބި މީހުން ނޫން ކަމަށާއި އެ ބަލި ގައިން ގަޔަށް އަރަމުންދާ ކަމަށް ޗައިނާގެ އޮފިޝަލުން ބުނެ އެވެ.

ރައްކާތެރިވާނީ ކިހިނެއް؟

ސީޑީސީއިން ބުނާ ގޮތުގައި ޗައިނާއަށް ދަތުރުކުރާ ނަމަ އެ ވައިރަސް އިން ރައްކާތެރިވުމަށް ޓަކައި ބަލި މީހުންނާ ދުރުގައި އުޅުން މުހިއްމެވެ. އަދި ދިރިހުރި ނުވަތަ މަރުވެފައިވާ ޖަނަވާރުތަކާ ވެސް ދުރުގައި އުޅުން މުހިއްމު ކަމަށް ސީޑީސީއިން ބުނެފައިވެ އެވެ.

ގިނަގިނައިން އަތް ދޮވުމަށް ވެސް ސީޑީސީއިން އިރުޝާދު ދެ އެވެ. އެގޮތުން ސައިބޯންޏާއި ފެނާ އެކު މަދުވެގެން 20 ސިކުންތު ވަންދެއް އަތް ދޮވުން މުހިއްމު ކަމަށް ސީޑީސީން ބުނެ އެވެ.

ސީޑީސީ އިން ބުނެފައި ވަނީ ސައިބޯންޏާއި ފެން ނުލިބޭ ނަމަ އެލްކޮހޯލް ބޭސްޑް ސެނިޓައިޒާއެއް ބޭނުންކުރުން ރަނގަޅުވާނެ ކަމަށެވެ.

ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި އަދި ކެއްސުމާއި ހުމުގެ އިތުރުން ނޭވާ ކުރުވުން ކަހަލަ އަލާމާތްތައް ފެންނަ ނަމަ ވަގުތުން ހޮސްޕިޓަލަށް ދެއްކުމަށް ސީޑީސީ އިން އެދިފައިވެ އެވެ. އަދި ހޮސްޕިޓަލަށް ދިޔުމުގެ ކުރީން އެތަނަށް ގުޅައި އަލާމާތްތަކާއި ދަތުރުގެ ވާހަކަ ހޮސްޕިޓަލަށް އެންގުން މުހިއްމެވެ. އެއީ އެހެން މީހުންނަށް އެ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށެވެ.

ވައިރަސް އަށް ވެކްސީން އެއް

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފޯސީ ވިދާޅުވީ މިހާތަނަށް އެ ބައްޔަށް ވެކްސިނެއް ތައްޔާރުކުރެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ވެސް ދަނީ ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް