" މަސް ނިމެނީ، އަތުގައި ބައި ރުފިޔާއެއްވެސް ނެތް"
މިއީ މަހުގެ ފަހުކޮޅަށް ދާވަރަށް ގިނަވާ ޝަކުވާއެކެވެ. ކިތަންމެ ފައިސާއެއް ލިބުނަސް، ގޭތެރޭގެ ހަރަދު ބަރަދު ނިންމާލުމަށްފަހު، ކުދިންނަށް ބޭނުންވާ ސާމާނުތައް ގަނެ ހިންދަމާނުލެވެނީސް ބޭންކް އެކައުންޓް ބެލެންސް ސުމަކަށްދެ އެވެ. އަނގަޔާއި އަތާއި ދިމާވާވަރު ކުރެވެނީވެސް ކިރިޔަކިރިޔާ އެވެ.
މިފަދަ ހާސްކަމަކުން ސަލާމަތްވެ، މަހުގެ މުސާރަ ލިބޭ ވަގުތުން ފެށިގެން މުޅި މަހަށް ވާވަރަށް އެކިކަންކަމަށް ފައިސާ ބަހާލާ، ބަޖެޓުކުރުމަށް ގިނަ އުކުޅުތަކެއް އެކި މީހުން ގެންގުޅެ އެވެ.
ބަޖެޓިން އެޕްސް
ބަޖެޓިންގައި އެންމެ ދުވަސްވީ އެއްއުކުޅަކީ އެންވެލޯޕް ސިސްޓަމެވެ. އެއީ އެމީހަކު ހަރަދުކުރަންޖެހޭ އެކިކަންކަމަށް ހޭދަވާނެ ވަރު މުސާރައިން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ފައިސާއަކުން ނަގާ ސިޓީއުރައަކަށް އަޅާފައި ބެހެއްޓުމެވެ. ނަމަވެސް ނަގުދު ފައިސާ މާގިނައިން ނުގެންގުޅޭ މިޒަމާނުގައި ހުރިހާ ކަމެއްވެސް ޑިޖިޓަލައިޒްކޮށް ކުރެވޭނެ ގޮތެއް އެންމެންވެސް ބޭނުންވާނެ އެވެ.
މިކަމަށް އޮތް ހައްލަކީ ބަޖެޓިން އެޕްސް އެވެ. ރާއްޖެއަށް ހާއްސަ ވަކި އެޕްލިކޭޝަންއެއް މިކަމަށް ނެތްއިރު، ބޭރުގެ ބައެއް އެޕްތައް ބޭނުންކުރެވިދާނެ އެވެ. ފޯބްސް އިން 2020 ގައި އެންމެ ޓްރެންޑިން ބަޖެޓް އެޕްލިކޭޝަންސްގެ ގޮތުގައި ލިސްޓުކޮށްފައިވާ އެޕްސްތަކުގެ ތެރޭގައި، މިންޓް، ޕާސަނަލް ކެޕިޓަލް، 'ޔޫ ނީޑް އަ ބަޖެޓް' ހިމެނެ އެވެ. މީގެ ތެރެއިން ގުޑް ބަޖެޓް އެޕްލިކޭޝަންއަކީ އެންވެލޯޕް ސިސްޓަމްގެ މި ނިޒާމަށް އުފައްދާފައިވާ އެޕްލިކޭޝަން އެކެވެ.
އެމީހަކު ހަރަދު ކުރަންޖެހޭ ކެޓަގަރީތައް ފާހަގަކޮށް، އެކަންކަމަށް އެކަށޭނަ މިންވަރެއް ކުރީބައިގައި ކަނޑައެޅުން ވެގެންދާނީ ތިމާ ފައިސާއަށް އަޅުވެތިނުވެ، އަމިއްލައަށް ފައިސާ ކޮންޓްރޯލް ކުރަންއެހީވެދޭނެ ކަމަކަށެވެ.
މީލް ޕްލޭނިން
ފަށައިގަންނައިރު ތަންކޮޅެއް އުނދަގޫވިޔަސް، މީލް ޕްރެޕްކުރުމަކީ ފަހަކަށްއައިސް ހަރަދުތައް ކުޑަކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.
މިކަމުގައި އޮތް ފަސޭހައަކީ، އިރުއިރުކޮޅާ ކަންމަތީ ފިހާރައަކަށް ދުވަން ނުޖެހި ކެއްކުމަށް ބޭނުންވާ ސާމާނުތައް ދުރާލާ ހޯދާފައި ބެހެއްޓުމެވެ. މިގޮތުން މުސާރަ ލިބުމުން އެމަަހެއްގެ ފުރަތަމަ ދެ ހަފްތާއަށް ނޫނީ މުޅި މަހަށްވެސް ގަނެވޭ ކަހަލަ ބާވަތްތައް ލިސްޓުކޮށް 'ބަލްކް' ކޮށް ގަތުމުން، އެއްޗެހީގެ އަގުވެސް ހެޔޮވާނެ އެވެ. ބައެއް ތަރުކާރީއާއި މޭވާ އަދި މަހުގެ ބާވަތްތައްވެސް މިގޮތަށް ގަނެފައި ބެހެއްޓިދާނެ އެވެ.
ހަމައެޔާއެކު، ތާޒާކޮށް ގަންނަންޖެހޭ ބާވަތްތަކަށް ވަކި ބަޖެޓެއް ކަނޑައަޅާ އެ މިންވަރަށް އެކަނި ހަރަދުކޮށް ބާކީބައި ލުއިގޮތަކަށް ހަމަޖައްސާލަން ދަސްކުރަންވާނެ އެވެ. ގިނަ ދުވަސްވާވަރަކަށް މިބައި މެނޭޖްކުރަން އަމިއްލައަށް ދަސްވާނެ އެވެ.
ބޭނުންނުވާ ހަރަދުތައް އުނިކޮށްލާ!
ކަރަންޓާއި، ފެނުގެ އިތުރަށްވެސް ގިނަ ހަރަދުތަކެއް ކޮންމެ މަހަކުވެސް ކުރަންޖެހެ އެވެ. ފޯނު ބިލް، އިންޓަނެޓް ބިލް، ކޭބަލް ޓީވީގެ ބިލް، ހެލްތް އިންޝުއަރެންސް އަދި މިނޫންވެސް އެތަށް ބިލެކެވެ.
ހަރަދު ކުޑަކޮށް، ފަހަށް ރައްކާކުރަން ބޭނުންވާނަމަ، މި ބިލްތަކުގެ އަދަދު ކުޑަކުރަންޖެހެ އެވެ. ކޮންމެހެން ކޭބަލް ޓީީވީގެ ހުރިހާ ޗެނަލެއް ނުބަލާނަމަ، އެ އަށްވުރެ ކުޑަ ޕެކޭޖަކަށް ބަދަލުކުރެވިދާނެ އެވެ. ފޯނު ބިލްވެސް ވަކިވަރެއްގައި ލިމިޓްކުރުމަކީ، ބޭކާރު ގޮތުގައި ހަރަދުވާ ފައިސާ ކުޑަ ކުރެވިދާނެ ގޮތެކެވެ.