ޗައިނާގައި ތިބި ދިވެހި ދަރިވަރުން އެމްބަސީއަށް ގުޅުމަށް އެދެފި

ޗައިނާގެ ވޫހާން ސިޓީން އެހެން ސަރަހައްދަކަށް ދަތުރު ކުރި މީހުންގެ ހުން ހުރިތޯ ބަލަނީ: ޗައިނާގައި ތިބި ދިވެހި ކިޔަވާ ކުދިން ކޮންސިއުލް އޮފީހަށް ގުޅުމަށް ވަނީ އެދިފައި -- ފައިލް ފޮޓޯ: ރޮއިޓާސް

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ޗައިނާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، އެތަނުގައި ކިޔަވާ ދިވެހި ކުދިންގެ ހާލު ކަމާއި ގުޅޭ އިދާރާތައް މެދުވެރިކޮށް ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

ފޮރިން މިނިސްޓްރީން ވަނީ ޗައިނާގައި ތިބި ދިވެހި ކިޔަވާ ކުދިން ކޮންސިއުލާ ހޮޓްލައިން ނަންބަރު 7983400 އާ ގުޅުއްވުމަށް އެދިފައެވެ. އަދި ޗައިނާގެ އެހެން ސިޓީ ތަކުގައި ތިބި ދިވެހި ދަރިވަރުން ވެސް އެ ނަންބަރަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

މީގެއިތުރުން ދިވެހި އެމްބަސީއެއްގައި ދިރިއުޅޭ ރައްޔިތަކު ނަމަ އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮރޯނާ ވައިރަސް އޮރިޖިނޭޓުވެ ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ދިވެހީންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އަދި ވޫހާން ސިޓީގައި ތިބި ހަތް ދިވެހީންގެ ހާލު ރަގަޅު ކަމަށްވެސް އެ މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި ހަތް ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޒޮންއާ މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ވޫހާންގައި ތިބި ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދެއްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ވޫހާންއިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާތީ އެ ސިޓީއަށް ވަދެ ނުކުމެ އުޅުން ވަގުތީ ގޮތުން މަނާކޮށް، އެ ސިޓީގެ ދަތުރުފަތުރުގެ ކަންކަން އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންއިން ފުރަތަމަ ފެނުނު އެ ވައިރަސް މިހާތަނަށް 1،300 މީހެއްގެ ހަށިގަނޑުން ފެނިފައިވާ ކަމަށް މިއަދު އެގައުމުން ބުންޏެވެ. އަދި އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 41އަށް އަރާފައިވާ ކަމަށް ވެސް އެގައުމުން ބުންޏެވެ.

އެ ވައިރަސް ވަނީ ޗައިނާގެ 30 ޕްރޮވިންސަކަށް ފެތުރިފަ އެވެ. އަދި އެގައުމުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވޫހާން އާއި އިތުރު 13 ސިޓީއެއް ކަރަންޓީނުކޮށްފަ އެވެ.

comment ކޮމެންޓް