އައްޑޫގައި ހަދާ އެކެޑަމީގެ ބޯޑުގައި ސިޓީ ކައުންސިލު ތަމްސީލުކުރާގޮތް ހަދާނަން: ނަޝީދު

އައްޑު ސިޓީ ލިންކް ރޯޑް ސަރަހައްދުގައި އިންޑިއާ އެހީގައި ބިނާ ކުރަމުންދާ ސަރައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި އަޅަމުންދާ ފުލުހުން ތަމްރީނު ކުރާ މަރުކަޒުގެ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު ހުންނަ ގޮތަށް ހަމަޖައްސަން އެމްޑީޕީއިން ވައުދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލު އިންތިހާބަށް އަމާޒުކޮށް އެމްޑީޕީއިން މިއަދު އައްޑޫ ސިޓީގައި ފެށި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ހީވެފައި އޮތީ އައްޑޫގައި އަޅާ މަރުކަޒަކީ ހަމައެކަނި ޕޮލިސް އެކެޑެމީއެއް ކަމަށް ކަމަށެވެ. އެތަނަށް ނިސްބަތްކޮށް ކުރިން ކިޔައި އުޅުނީ "ޕޮލިސް އެކެޑެމީ" އާއި "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް"އެވެ.

އެކަމަކު، އެތަނުގެ ނަން މިހާރު "އިންސްޓިޓިއުޓް އޮފް ލޯ، އޯޑާ އެންޑް ސްޓްރެޓަޖިކް ސްޓަޑީޒް"އަށް ބަދަލުކޮށް އެތަނުގައި އެހެން ތަމްރީނުތައް ދޭގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެ އިންސްޓިޓިއުޓުގެ ބޯޑުގައި ސިޓީ ކައުންސިލުގެ މެމްބަރަކު ހިމެނޭ ގޮތަށް ވައުދުވެވޭނެ ކަމަށެވެ.

"އެތަން ހިންގުމުގައި ސިޓީ ކައުންސިލަށް އޭގެ ބޯޑުގައި މީހަކު އިންނަ ގޮތަށް ކަންތައްތައް ގެންދިޔުމަށް ތިބޭފުޅުންނަށް ވައުދު ވެވޭނެ. އަދި އެއީ ބޮޑު އިންސްޓިޓިއުޓަކަށް އެތަން ބަދަލު ކުރުމަށާއި، ހަމައެކަނި ޕޮލިސް ޓްރެއިނިން ތަނެއް ނޫންކަމަށް ތިބޭފުޅުންނަށް ވައުދު ވެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

އައްޑު ސިޓީ ލިންކް ރޯޑް ސަރަހައްދުގައި އިންޑިއާ އެހީގައި ބިނާ ކުރަމުންދާ ސަރައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އައްޑޫގައި އަޅާ މަރުކަޒަކީ 2004 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާވިސް، އޭރުގެ އެންއެސްއެސް އިން ވަކިވެ ސަލާމަތީ ހިދުމަތްދޭ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވުމަށް ފަހު، ފުލުހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިއްބައިދިނުމަށް ބޭނުންވާ އެކަށީގެންވާ ތަމްރީނުދޭ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެށިގެން ދިޔަ ކަމެއް ކަމަށެވެ.

އެގޮތުން ކުރެވެމުން ދިޔަ މަސައްކަތްތަކާ މަޝްވަރާތަކުގެ ތެރެއިން އިންޑިއާގެ ސަރުކާރާ އެކު ދިވެހިރާއްޖެ އިން ފުލުހުންނަށް ތަމްރީނުދޭ ޕޮލިސް އެކެޑެމީއެއް އެޅުމުގެ މަޝްވަރާ 2009 ވަނަ އަހަރު ފެށި، އެ ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، 26 ސެޕްޓެމްބަރު 2012 ގައި އިންޑިއާ ސަރުކާރާ، ދިވެހި ސަރުކާރާ އެކުގައި އެމްއޯޔޫއެއްގައި ސޮއިކުރެވިގެން ދިޔަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެކެޑެމީ އިމާރާތް ކުރާނެ ބިން ކަނޑައަޅައި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ 18 ނޮވެމްބަރު 2014ގަ އެވެ. އަދި 26 ޑިސެމްބަރު 2016ގައި އެތަނުގެ އަމަލީ މަސައްކަތް ފެށިގެން ދިޔަ އެވެ. މަސައްކަތުގެ ޝެޑިއުލަށް ބަދަލެއް ނައިސް ކުރިއަށް ދާ ނަމަ 1 ޖުލައި 2020ގައި މަސައްކަތް މުޅިން ނިމިގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި 18 މިލިއަން ޑޮލަރުގެ އެ މަރުކަޒުގެ މަސައްކަތް ފެށި ނަމަވެސް، ވަކި ހިސާބަކުން މަސައްކަތް ހުއްޓާލިއެވެ. އޭރު ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އޮތީ ހީނަރުވެފައެވެ. ނަމަވެސް، މިހާރު އަލުން އެތަނުގެ މަސައްކަތް ވަނީ ފެށިފައެވެ.

comment ކޮމެންޓް