މާޒިޔާއިން ދަ ގްރާންޑޭ ބަލިކުރި އިރު ޓީސީ ދެވަނައަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ފޯކައިދޫއާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ އިއްޔެ ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރި އިރު، ރޭ ފޯކައިދޫ އަތުން މޮޅުވެ ޓީސީ ދެވަނައަށް ޖެހިލައިފިއެވެ.

އެންމެ ފަހުން ކުޅުނު އަށް މެޗުގައިވެސް ސީދާ މޮޅު ހޯދައި މާޒިޔާއިން އިއްޔޭގެ މެޗަށް ނުކުތީ ލީގުގެ ޗެމްޕިއަންގެ ގޮތުގައެވެ. ލީގުގައި ބާކީ ތިން މެޗު އޮއްވާ އެ ޓީމުން ލީގު ކަށަވަރު ކުރީ އެންމެ ފަހުން ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި ބޮޑު މޮޅާއެކު އެވެ. އެކަމަކު ރޭގެ މެޗުގައި ދަ ގްރާންޑޭ އަތުން އެ ޓީމަށް މޮޅުވެވުނީ އުނދަގުލުންނެވެ. އެ މެޗުން މާޒިޔާ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން ހޯދި މޮޅާ އެކު މާޒިޔާއަށް ވަނީ 19 މެޗު ކުޅެގެން 50 ޕޮއިންޓް ލިބިފައެވެ. އެ ޓީމާއި އެންމެ ގާތުން ދެން ވާދަކުރާ ޓީސީ، ރޭ ކުޅުނު މެޗުގައި ފޯކައިދޫ އަތުން މޮޅުވެގެން ލިބިފައި ވަނީ 37 ޕޮއިންޓެވެ.

މާޒިޔާއަށް ލީގު ޔަގީންވެފައި އޮތުމުން އިއްޔެގެ މެޗަށް އެ ޓީމުން ނުކުތީ ބަދަލުތަކާއެކުއެވެ. އެކަމަކު މެޗު ފެށިގެން ވެސް ޑޮމިނޭޓްކޮށް މޮޅަށް އެ ޓީމުން ކުޅުނު އިރު މެޗުގެ ކުރީކޮޅު އެ ޓީމުގެ ފޯވާޑް ނާއިޒް ހަސަން (ދާދު) ފޮނުވާލި ދެ ހަމަލާއެއް އިދިކޮޅު ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މާޒިޔާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 14 ވަނަ މިނަޓުގައެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގެ ފައިދާ ނަގައި ޓީމަށް އަލަށް ގުޅުނު އަފްގާނިސްތާންގެ ޑިފެންޑަރު މުހައްމަދު ޝާރިފް ޖަހައިދިން ގޯލެކެވެ.

މާޒިޔާގެ ގޯލާއެކު ދަ ގްރާންޑޭއިން ކުޅުން ރަނގަޅުކޮށް އުފެއްދި ފުރަތަމަ ހަމަލާއިން އެ ޓީމުން ވަނީ ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އޮބައިދާ ކަދުމް ދިން ބޯޅައަކުން ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

މުލަކޭގެ ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މާޒިޔާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ ތެރޭގައި ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އެވެ.

މާލީ މައްސަލަތަކެއް ކުރިމަތިވެ ސީޒަނުގެ މެދަކާ ހިސާބުން އުނދަގޫ ހާލަތަކަށް ދިޔަ ޓީސީ އަލުން ވަރުގަދަ ކޮށްފައިވާ އިރު ރޭ އެ ޓީމުން ވަނީ 0-4 ގެ ބޮޑު ތަފާތަކުން ފޯކައިދޫ ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ޓީސީގެ ފުރަތަމަ ދެ ގޯލް ފުރަތަމަ ހާފުގައި ޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. މެޗުގެ އަނެއް ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ސީޒަނުގެ ފުރަތަމަ ކޮޅު ގްރީންސްޓްރީޓުން ފެނުނު އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

comment ކޮމެންޓް