ނިއުކްލިއާ ހަތިޔާރު މަނާކުރާ މުއާހަދާއިން ވަކިވުމުގެ އިންޒާރު އިރާނުން ދީފި

އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް

ތެހެރާން (25 ޖަނަވަރީ 0202): އިރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމުގެ މައިގަނޑު ބައިތަކަށް އިރާނުން އަމަލުކުރުން ހުއްޓަލާފައިވާ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ގެންގޮސްފި ނަމަ ނިއުކްލިއާ ހަތިޔާރު މަނާކުރާ މުއާހަދާ (ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ)އިން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު އެގައުމުން ދީފިއެވެ.

ނޮން ޕްރޮލިފަރޭޝަން ޓްރީޓީ ނުވަތަ އެންޓީޕީއަކީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރުމަށްޓަކައި އދއިން އިސްވެ އޮވެ 1968 ގައި އެކުލަވާލި ބައިނަލްއަގުވާމީ މުއާހަދާއެކެވެ. މި މުއާހަދާގައި ސޮއިކޮށް ތަސްދީގުކޮށް، ތަންފީޒުކުރަން ފެށީ 1970 ގައެވެ.

އިރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފު ވިދާޅުވީ ޔޫރަޕާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް މަސައްކަތްކުރަން ފަށައިފިނަމަ އިރާނަށްވެސް ކުރެވިދާނެ އެތައް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން އެންޕީޓީއިން ވަކިވެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެންޕީޓީގައި ސޮއިކުރާ ގައުމުތަކުގައި ނިއުކްލިއާ ހަރަކާތްތައް ބަލައި ފާސްކޮށް އެކަމާ ބެހޭ ރިޕޯޓުތައް ނެރުމުގެ ގާނޫނީ ބާރު، އދގެ ނިއުކްލިއާ ހަކަތައާ ބެހޭ ޖަމިއްޔާއަށް ނިބިގެން ވެއެވެ. މި މުއާހަތާގައި ސޮއިކޮށްފައިވާ ގައުމުތަކަށް ފާޅުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އެންޕީޓީގައި ބައިވެރިވާ ގައުމުތަކަށްވެސް ނިއުކްލިއާ ރިސާޗުގެ ހުރިހަ ހަރަކާތްތަކެއް ހިންގައި، ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީކުރެވިދާނެއެވެ. އަދި މިކަމުގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގެ ފަންނީ އެހީތެރިކަންވެސް ލިބޭނެއެވެ. ނަމަވެސް ނިއުކްލިއާ ހަކަތަ އުފެއްދުމާބެހޭ ރިސާޗެއް ނުވަތަ ހަކަރާކެއް ހިންގުން ހުއްދައެއް ނުވާނެއެވެ.

އިރާނުން އެންޕީޓީން ވަކިވެއްޖެނަމަ އެގައުމުގެ ނިއުކްލިއާ ސައިޓުތައް ބަލައި ހެދުމުގެ ފުރުސަތާއި ގާނޫނީ ބާރު އައިއޭއީއޭއަށް ގެއްލޭނެއެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ "އޮޅިގަނޑު މަތީގައި އޮތްކަމަށް" ސިފަކުރެވޭ އިރާނު އެންޕީޓީން ވަކިވެއްޖެނަމަ ހައެއްކަ މަސްތެރޭގައި ނިއުކްލިއާ ބޮމެއް އުފެއްދުމަކީ އިރާނަށް ކުރެވިދާނެ ކަމެއްކަމާށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ސޮއިކޮށްފައިވާ އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމުގެ މައިގަނޑު ބައިތަކަށް އަމަލުކުރުން އީރާނުން ހުއްޓާލީ އެ އެއްބަސްވުމުން އެކަހެރި ގޮތެއްގައި އެމެރިކާ ވަކިވެ އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުންނެވެ.

އެމެރިކާގެ ފިޔަވަޅުތަކުން އީރާނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭނެކަމަށް ޔޫރަޕްގެ ބޮޑު ތިންބާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެތިންބާރު ނާކާމިޔާބުވުމުން އީރާން ވަނީ އެ އެއްބަސްވުމުގެ ގާތްގަނޑަކަށް 85 އިންސައްތަ ބައިތަކަށް އަމަލުކުރުން ހުއްޓާލާފައެވެ. މިގޮތުން އީރާންވަނީ އެ އެއްބަސްވުމުގައި މަނާކޮށްފައިވާ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތްވެސް އަލުން ފަށާފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް