ވައިރަސް ފެތުރެމުންދާ ވޫހާންގައި ތިބި ދިވެހީން އެތަނުން ނެރެވޭތޯ ބަލަނީ

ޗައިނާގެ ވޫހާންގެ އެއާޕޯޓުގައި މީހުން ފޭސް މާސްކު އަޅައިގެން --

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހީން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވޫހާންގައި ތިބި ދިވެހީންގެ ހާލު ފޮރިން މިނިސްޓްރީއާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށެވެ. ވޫހާން ސިޓީގައި ތިބި ހަތް ދިވެހީންގެ ހާލު ވެސް ރަގަޅު ކަމަށްވެސް އެ މިނިސްޓްރީއިން ބުންޏެވެ.

"ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ހާއްސަކޮށް ދިވެހި ކިޔަވާކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި ހަތް ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޒޮންއާ މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ވޫހާންގައި ތިބި ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދެއްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

"ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިންވަނީ ދެއްވާފައެވެ. އަދި ދަރިވަރުން ކިޔަވަމުނަގެންދާ ޔުނިވަރސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިގޮތުން ދިވެހި ކިޔަވާކުދިންގެ ކަންތައްތައްވެސް ބައްލަވާނެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ވަނީ ދެއްވާފައެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެގައުމުގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓްރީއާ ނުވަތަ ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީއިން ވަނީ އެދިފައެވެ. އެގޮތުން މައުލޫމާތު ހިއްސާ ކުރަން ބޭނުން ފަރާތްތަކުން ކޮންސިއުލަރ އިމަރޖެންސީ ނަމްބަރު 7983400އަށް ގުޅުމަށް އެ މިނިސްޓްރީއިން އެދުނެވެ.

comment ކޮމެންޓް