ކައިބާން އަށް އޮސްޓްރޭލިއާއިން ވިސާ ހަމަޖައްސައިދީފި

ކައިބާން އަދި އޭނާގެ މަންމަ. ކައިބާން އަށް ވިސާ ދޭން އޮސްޓްރޭލިއާއިން ނިންމާފައިވާކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައި --

ސިއްހީ މައްސަލަތަކަކާ ހުރެ އޮސްޓްރޭލިއާއިން ޑީޕޯޓުކޮށްލުމުގެ ބިރު އޮތް ދިވެހި ފިރިހެން ކުއްޖާ، ކައިބާން ޖަމްޝީދަށް އެ ގައުމުން ވިސާ ހަމަޖައްސައިދީފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ކައިބާން އަކީ އޮސްޓްރޭލިއާއަށް އުފަން ކުއްޖެކެވެ. އެހެން ނަމަވެސް އެކުއްޖާއަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އޮސްޓްރޭލިއާއިން އޭނާއަށް ވިސާ ނުދޭން ނިނިންމިއެވެ.

ހިމޮފީލިއާގެ އިތުރުން، އުފެދުމުގައި ސިކުނޑިއަށްވެސް ގެއްލުން ވެފައިވާ ކައިބާން ޖަމްޝީދަށް ވިސާ ނުދީ، އޮސްޓްރޭލިއާއިން ޑީޕޯޓުކޮށްފާނެ ކަމުގެ ބިރު ހީވުމާއެކު ކައިބާންއަށް ވިސާ ހަމަޖައްސައިދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު ދިވެހި ސަރުކާރުން ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ދަންނަވައިފައެވެ.

ފޮރިން މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައިބާންއަށް މިހާރު ވިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިނިސްޓަރު ވަނީ އޮސްޓްރޭލިއާ ސަރުކާރަށާއި އެގައުމުގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކައިބާންއަށް ބޭނުންވާ ފަރުވާ އޮސްޓްރޭލިއާއިން ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ގާނޫނުތައް ބުނާ ގޮތުން ސިއްހީ ބޮޑެތި މައްސަލައެއް ހުންނަ ފަރާތްތަކާއި ވިސާ، ނުވަތަ އެގައުމުގެ ރައްޔިތުކަންވެސް ނުދިނުމުގެ އިހްތިޔާރު އެގައުމަށް ލިބެއެވެ. އެ ގޮތުގެ މަތިން ކައިބާންއަށްވެސް ވިސާ ނުދިނުމަށް އެގައުމުގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ނިންމިއެވެ.

ކައިބާންއާ ބެހޭ ރިޕޯޓުތައް ވަނީ އެގައުމުގެ މީޑިއާގެ ސަމާލުކަމަށް އައުމާއެކު، "ސޭވް ކައިބާން"ގެ ނަމުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ދިޔައެވެ. އަދި އެ ޕެޓިޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޮއިކޮށްފައެވެ.

ކައިބާންއަށް ވިސާ ނުދޭން ނިންމި ނިންމުމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލުކުރެއްވިއެވެ.

އަދި ކައިބާން ޖަމްޝީދަށް އިންސާނިއްޔަތުކަމުގެ މަތިން ވިސާ ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށާއި، ޝާހިދުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރަށް ސިޓީއެއް ވަނީ އަރުވައިފައެވެ.

comment ކޮމެންޓް