ތިން މަހަށްފަހު ލުބްނާނުގައި އާ ސަރުކާރެއް އެކުލަވާލައިފި

ލުބްނާނުގެ އައު ބޮޑުވަޒީރު އެގައުމުގެ ރައީސް މިޝައިލް އައުން އާއި ޕާލަމެންޓްގެ ރައީސް ނަބީހް ބައްރީ އާ މިއަދު ބަައްދަލުކުރައްވަނީ

ބައިރޫތު (22 ޖަނަވަރީ 2020): ލުބްނާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުކޮށްފައިވާ ހަސަން ދިޔާބް، އޭނާގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވައިފިއެވެ.

މިކަން އިއްލާން ކުރައްވަމުން ދިޔާބް ވިދާޅުވީ އޭނާގެ ސަރުކާރުގެ ލަނޑުދަނޑިއަކީ ލުބްނާނުގައި މުޒާހަރާކުރާ އާންމުންގެ ބޭނުންތައް ފުއްދައިދީ ގައުމަށް ކުރިމަތިވެފައިޥާ އިގްތިސާދީ މައްސަލަތައް ހައްލުކޮށްދިނުން ކަމުގައެވެ. ކޮރަޕްޝަނުގެ ސަބަބުން ގައުމުން ބޭރަށް ގޮސްފައިވާ ފައިސާ ނުވަތަ ރައުސުލްމާލުގެ ބޮޑުބައެއް އަލުން އަނބުރައި ގައުމަށް ގެނައުމާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ކޮރަޕްޝަން ކޮންޓްރޯލް ކުރުމާއި ފަގީރުންނަށް ބައެއް ސަބްސިޑީތައް ދިނުމާއި ބައެއް ޓެކްސް ތައް ފަގީރުންނަށް މަޢާފްކުރުމާއި އިންތިޚާބާބެހޭ އައު ގާނޫނެއް ވުޖޫދަށް ގެނައުމަކީ ސަރުކާރުގެ އެޖެންޑާގައި އެންމެ ބޮޑަށް އިސްކަންދީފައިޥާ ކަންތައްތައް ކަމަށް ދިޔާބް ވިދާޅުވިއެވެ.

20 ވަޒީރުން ހިމެނޭ ލުބްނާނުގެ އައު ކެބިނެޓްގައި އެގައުމުގެ ސުންނީންގެ މައި ޕާޓީކަމަށްވާ މުސްތަގްބަލް ޕާޓީ ބައިވެރިއެއް ނުވެއެވެ. މުސްތަގްބަލް ޕާޓީ ގެ ވެރިއަކީ މުޒާހަރާތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކުރީގެ ބޮޑުވަޒީރު ސައުދުލް ހަރީރީ އެވެ. މުސްތަގްބަލް ޕާޓީ އައު ކެބިނެޓްގައި ބައިވެރި ނުވީވެސް ސިޔާސީ ދެބަސްވުންތަކެއްގެ ސަބަބުންނެވެ.

ލުބްނާނުގެ އައު ކެބިނެޓްގައި ޚާރިޖީ ވަޒީރުކަމަށް އައްޔަންކޮށްފައިވަނީ ނާސިފް ހައްތީ އެވެ. ދާޚިލީ ވަޒީރަކަށް ކުރީގެ ޖެނެރަލެއް ކަމަށްވާ މުހައްމަދު ފަހްމީއެވެ. ދިފާއީ ވަޒީރަކަށް އައްޔަންކޮށްފައިވަނީ އަންހެން ބޭފުޅެއްކަމަށްވާ ޒޭނާ ޢަކްރު އެވެ. މާލީ ވަޒީރަކަށް ޣާޒީ ވަޒްނީ އެވެ. އައު ސަރުކާރުގައި ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނޭ ކަމާއި ހުރިހާ ވަޒީރުންނަކީވެސް ފަންނީ ބޭފުޅުންކަމަށް އައު ބޮޑުވަޒީރު ހަސަން ދިޔާބު ވިދާޅުވިއެވެ.

ލުބްނާނުގައި މުޒާހަޜާކުރާ ފަރާތްތަކުން އެދޭކަންތައްތަކުގެ ތެރޭގައި ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނޭގޮތަށް ފަންނީ ބޭފުޅުން (ޓެކްނޮކްރޭޓުން) ގެ މައްޗަށް އެކުލެވޭ ސަރުކާރެއް އެކުލަވާލުން ހިމެނެއެވެ. މި ސަރުކާރު އެކުލަވާލުމުގެ ކަންތައް ލަސްވެގެން ދިޔައީ ލުބްނާނުގެ ޕާލަމެންޓްގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ކޯޅުންތަކުގެ ސަބަބުންނެވެ. މިދިޔަ އަހަރު ގެ އޮކްޓޯބަރު މަހުން ފެށިގެން ލުބްނާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެދެމުންދަނީ ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރި މުޖްތަމައެއް އުފައްދައި ބޮއްސުންލާފައިވާ އާންމު ޚިދްމަތްތައް ރަނގަނޅުކޮށްދީ ވަޒީފާގެ ފުރްސަތުތައް ފަހިކޮށްދިނުމަށެވެ.

ލުބްނާނުގެ ހާލަތަށް ބަލާއިރު ކޮންމެ އަހަރަކު ދެ ބިލިޔަނެއްހާ ޑޮލަރު ކަރަންޓަށް ޚަރަދުކުރާއިރުވެސް ގިނަ ސަރަހައްދުތަކަށް ސައުވީސް ގަޑީއިރު ކަރަންޓެއް ނުލިބެއެވެ. ކަރަންޓް ލިބޭ ސަރަހައްދުތަކުގައިވެސް ކަރަންޓް ކަނޑައިގެން އާންމުވެފައިވާއިރު ފެނާއި ސިއްޙީ ޚިދުމަތާއި ތައުލީމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދްމަތްތައް ވަނީ ބޮއްސުންލާފައެވެ. މަގުތަކާއި ހައިވޭތައް ހަލާކުވެ އެތަންތަނުގެ ރައްކާތެރިކަންވަނީ ގެއްލިފައެވެ. ވަޒީފާ ނުއުފެއްދޭތީ ވަޒީފާނެތް މީހުންގެ ނިސްބަތްވަނީ 40 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ.

މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ސައުދުލްހަރީރީގެ އިސްތިއުފާ ދެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. އެއަށްފަހު އައު ސަރުކާރެއް އެކުލަވާލުން ލަސްވެގެންދިޔައީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ދެބަސްވުންތަކުގެ ސަބަބުންނެވެ.

ލުބްނާނުގެ ހާލަތު ރަނގަނޅުކޮށް އިގްތިސާދީ އަދި އިންފްރާސްޓްރަކްޗާ މައްސަލަތައް ހައްލުކޮށް ދިނުމުގައި ލުބްނާނަށް އެހީތެރިވާން ބައިނަލްއަގްވާމީ މާލީ އިދާރާތައް ބޭނުންވެއެވެ. ނަމަވެސް ލުބްނާނަށް ބޭނުންވާ ލޯންނެގުންފަދަ ކަންކަން އެފަރާތްތަކާ ގުޅިގެން ކުރެވޭނީ އައު ސަރުކާރަށް ޕާލަމެންޓްގެ ރުހުންލިބި ސަރުކާރު ރަސްމީކޮށް ވެރިކަމާ ހަވާލުވުމުންނެވެ. ލުބްނާނުގެ މައްސަލަތައް ގޯހުން ގޯހަށް ދިޔުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ކޮރަޕްޝަނުގެ އިތުރުން އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު ގައުމުތަކުން ބާރާއި ނުފޫޒު ވަނުމާއި އެތެރޭގެ ސިޔާސީ ލީޑަރުންގެ ކޯޅުންތަކާ އަދި ކޮރަޕްޝަން ހިމެނެއެވެ.

ލުބްނާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އަދި އެންމެ ނާޒުކު މައްސަލައަކީ އެގައުމުގެ ސަރުކާރުގެ ހުރިހާ ލެވެލްތަކެއްގައި އާދަޔާ ޚިލާފަށް ކޮރަޕްޝަން އަށަގެންފައިވުމާއެކު ކޮރަޕްޝަންގެ ތެރެއިން ލުބްނާނުގެ ފައިސާއާއި ރައުސުލްމާލު ގައުމުން ބޭރަށް ދިޔުން ކަމަށްބުނެ މުޒާހަރާކުރާ ފަރާތްތަކުންވަނީ ކޮރަޕްޝަންގައި ޝާމިލްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު