އިއްސެ މަރާލިކަމަށް އިއުތިރާފުވި ޝުމޮން މިއާ ފަހުވަގުތު އެކަމަށް އިންކާރުކޮށްފި

ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު މަރާލި ކަމަށް އިއުތިރާފުވި، ޝުމަންމިއާ: އިއްސެ މަރާލިކަމަށް އޭނާ މިހާރު އިންކާރު ކުރޭ -- ސަން ފޮޓޯ

ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލިކަމަށް މީގެ ކުރިން އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ އެ ދައުވާއަށް އިންކާރު ކޮށްފިއެވެ.

އިއްސެ މަރާލި މައްސަލައިގައި ޝުމޮން މިއާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ތަހުގީގު މަރުހަލާއިން ފެށިގެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ވެސް ޝުމޮން މިއާ ވަނީ އޭނާ އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީ ކުށަށް އިއުތިރާފްވެފައެވެ.

އެ މައްސަލައިގައި ޝުމޮން މިއާ ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ފަރާތުން ހަމަޖެއްސި ވަކީލަކާއި އެކުގައެވެ. ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ފެށުމާއި އެކު ޝުމޮން މިއާގެ ވަކީލާ އައިމިނަތު ރުކްޝާނާ އިބްރާހިމް ވަނީ އޭނާގެ މުވައްކިލު "މުހިންމު" ވާހަކައެއް ބުނަން ބޭނުންވާތީ އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ދިވެހިން ރަނގަޅަށް ވާހަކަ ދައްކަން ދަތިތަކެއް ހުރުމުން ޝުމޮން މިއާ ބޭނުންވާ ވާހަކަތައް އަޑުއެހުމުގައި ކިޔައިދީފައިވަނީ ޓްރާންސްލޭޓަރެއްގެ އެހީގައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ޝުމޮން މިއާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކުރާ ކަމަށެވެ. ޝުމޮން މިއާގެ ވާހަކަތައް ބަދަލުވެފައި މި ވަނީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ، ތަހުގީގު މަރުހަލާގައި ކުށައް އިއުތިރާފްވީ ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި އަދި އޭނާއާއެކު އެ މައްސަލައިގައި ދެން ހައްޔަރުކުރި ދެ މީހުންވެސް އެކުގައި އެއް ގޮޅިއެއްގައި ބާއްވާނެކަމަށް ބުނުމުން ކަމަށެވެ. ނަމަވެސް އަނެއް ދެމީހުންގެ މައްޗަށް އުފުލި މީހެއްގެ މަރެއް ފޮރުވުމުގެ ދައުވާ ސާބިތުނެވެ އެ ދެމީހުން މިނިވަންވި ފަހުން ދެމަސް ވަރުވެއްޖެއެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޝުމިން މިއާގެ ވަކީލާ ވިދާޅުވީ، މާލީ ތަނަވަސްކަން ނެތުމުން ދައުލަތުގެ ފަރާތުން އޭނާގެ މުވައްކިލަށް ވަކީލަކު ހަމަޖެއްސި ނަމަވެސް އޭނާގެ މަންމަ މިހާރު ވަނީ އިތުރު ވަކީލަކަށް ފައިސާ ދިނުމަށްފަހު އެ މައްސަލައިގައި ކުރިއަށް ދިއުމަށް ދެ ފަރާތުން އެއްބަސްވެފައި ކަމަށެވެ. އެހެން ކަމުން ދެން އެ މައްސަލައިގައި ކުރިއަށް ދާނީ އެ ވަކީލުކަން ރުކްޝާނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ޝުމޮން މިއާގެ ފަރާތުން ވަކާލާތު ކުރާނެ ވަކީލަކު ހަމަޖައްސައި އެކަން ކޯޓަށް އެންގުމަށް ގާޒީ ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޝުމޮން މިއާ އާ ދެކޮޅަށް ދައުލަތުން އުފުލި ތޫނު އެއްޗަކުން ހަމަލަދީ މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާގެ ހެކިވެރިންގެ ހެކިބަސް ނަގައި ވަނީ ނިމިފަ އެވެ.

މީގެ ކުރިން ޝުމޮން މިއާ ވަނީ އިއްސެ މަރާލި ގޮތާއި ސަބަބު ޝަރީއަތުގައި ކިޔައިދީ އިއުތިރާފުވެފައެވެ. ޝުމޮން ބުނި ގޮތުގައި އޭނާ އިއްސެ މަރާލީ، އިއްސެގެ ސަބަބުން އޭނާއާއި އޭނާގެ އަނބިމީހާއާ މައްސަލަ ޖެހެން މެދުވެރިވުމުންނެވެ.

ޝުމޮން ބުނި ގޮތުގައި އޭނާ އިއްސެ މަރާލަން އައިސްޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެންނެވެ. ފުރަތަމަ ހިތުލައިގެން ދިޔައީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށެވެ. އޭރު އިއްސެ އޮތީ ނިދާފައި ކަމަށާއި ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ވިސްނުމުން އެ ކޮޓަރި ތެރޭގައި ހުރި ކަބަޑުން ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ ވަޅިއެއް ނެގުމަށް ފަހު އިއްސެ ކައިރިއަށް ދިޔައީކަމަށް އޭނާ ބުންޏެވެ.

އިއްސެގެ ކަރުގައި ވާގަނޑު އަޅައި ބާރުކުރަން އުޅުމުގެ ކުރިން އޭނާ ހޭލައި ޝުމޮންގެ ގައިގައި ޖެހިކަމަށް ޝުމޮން ބުންޏެވެ. ދެން އޭނާ އިއްސެގެ މޭމަތީގައި ދެތިން ފަހަރު ޖެހުމަށް ފަހު ވަޅި ނަގައިގެން އިއްސެގެ އަތަށް ޖެހި ކަމަށްވެސް އޭނާ ބުންޏެވެ.

އިއްސެގެ އަތަށް ވަޅި ހެރުމުން އޭނާ އެ ވަޅި އަތުލި ކަމަށް ޝުމޮން ބުންޏެވެ. އަދި ޝުމޮން އަލުން އެ ވަޅި އަތުލަން އުޅުމުގެ ތެރޭގައި ޝުމޮންގެ އަތް ކަފައިގެން ދިޔަ ކަމަށާއި، އެއަށް ފަހު ވަޅި ނަގައި އިއްސެގެ ކަރަށް ޖެހީ ކަމަށް ޝުމޮން ބުންޏެވެ.

"ދެފަހަރު ވަޅިޖެހިން ކަރަށް. އެވަރުންވެސް އިއްސެ މަރެއްނުވި،" ޝުމޮން ބުނެފައިވެ އެވެ.

ޝުމޮން ބުނީ އެއަށް ފަހު ދަމާފައި އިއްސެ އެނދުން ވައްޓާލުމަށް ފަހު ތިންވަނަ ފަހަރަށްވެސް ކަރަށް ވަޅި ހެރީ ކަމަށެވެ. އިއްސެއަށް ހަމަލާ ދިނުމަށް ފަހު ވަޅިއާއި ވާގަނޑު އިއްސެ ކައިރީގައި ބޭއްވުމަށް ފަހު ހުރިހާ ދޮރެއް ތަޅުލައި، ބޭރަށް ދިޔައީކަމަށް ޝުމޮން ބުންޏެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނުނީ 2018 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުއެވެ. އެ މައްސަލާގައި އޭރު ހަ ބިދޭސީއަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ދެ ބިދޭސީއަކަށް ދައުވާކުރީ އެނގިހުރެ މަރެއް ފޮރުވި މައްސަލާގައެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިކްރަމް ސެއިހް އަދި މުހައްމަދު މިލޮންއެވެ.

comment ކޮމެންޓް