ސައުދީ ޕްރިންސް، އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސްގެ ފޯނު ހެކްކޮށްފި

ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން އާއި އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސް 2018 ވަނަ އަހަރު ބައްދަލުކުރައްވަނީ --- ފޮޓޯ : ގާޑިއަން

ސައުދީ އަރަބިއްޔާގެ ޕްރިންސް މުހައްމަދު ބިން ސަލްމާން، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ސީއީއޯ ޖެފް ބޭޒޯސްގެ މޯބައިލް ފޯނު ހެކް ކޮށްލި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޑިޖިޓަލް ފޮރެންސިކް އެނަލައިސިސްތަކަކަށް ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެފައި ވަނީ 2018 ވަނަ އަހަރުގައި ސައުދީ ޕްރިންސް ވަނީ ޖެފް ބޭޒޯސްގެ މޯބައިލް ފޯނު ހެކް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖެފްގެ މޯބައިލް ފޯނު ހެކުކޮށްފައި ވަނީ ވަޓްސް އެޕުން ދެ ބޭފުޅުންގެ ދެމެދުގައި ކުރިއަށް ގެންދިޔަ ޗެޓުގެ މެދުން ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ.

ބޭރުގެ ނޫސްތަކުން ބުނެފައި ވަނީ ދެ ބޭފުޅުންގެ ޗެޓް ލޮގަށް ސައުދީ ޕްރިންސް ވަނީ އެންކްރިޕްޓެޑް ފައިލެއް ފޮނުވާފައި ކަމަށެވެ.

ބައެއް ނޫސްތަކުން ބުނާ ގޮތުގައި 2018 ވަނަ އަހަރުގެ މެއި ފުރަތަމަ ދުވަހު ދެ ބޭފުޅުންގެ ދެމެދުގައި "އެކުވެރިކޮށް" ވާހަކަތަކެއް ދެކެވިފައިވެ އެވެ. އަދި އެ ދެބޭފުޅުންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން ސައުދީ ޕްރިންސް، އިންފެކްޓްވެފައިވާ ވީޑިއޯ ފައިލެއް ޗެޓް ލޮގަށް ދޫކޮށްލެވި ކަމަށް ފޮރެންސިކް އެނަލައިސިސް އިން ބުނެ އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ގާޑިއަން"އަށް އިތުބާރުކުރެވޭ މަސްދަރެއް މައުލޫމާތު ދިންގޮތުގައި، ޗެޓް ލޮގަށް އެ ވީޑިއޯ ފައިލް ފޮނުވުމާ އެކު ގިނަ ގަޑިއިރުތަކެއް ނުވެ ޖެފްގެ ފޯނުން ގިނަ އަދަދެއްގެ މައުލޫމާތުތައް ހެކްކޮށްފައިވެ އެވެ. ނަމަވެސް އެ ފޯނުން ހެކް ކޮށްފައިވަނީ ކޮން ކަހަލަ މައުލޫމާތެއް ކަމަށާއި އެ ބޭނުންކޮށްފައި ވަނީ ކޮން ގޮތަކަށް ކަމެއް ނޭނގޭ ކަމަށް ގާޑިއަން އިން ބުނެފައިވެ އެވެ.

ޖެފްގެ މޯބައިލް ފޯނު ހެކްކުރި ކަމުގެ ތުހުމަތާ ގުޅިގެން އެމެރިކާގައި ހުރި ސައުދީ އެމްބަސީއިން ވަނީ އެކަން އިންކާރުކޮށްފަ އެވެ.

ސައުދީ އެމްބަސީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސައުދީ ޕްރިންސް، ޖެފްގެ ފޯނު ހެކް ކޮށްފާނެ ކަމަށް ދެކެވޭ ވާހަކައަކީ "ހަމަޖެހޭ" ވާހަކައެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް އެދި އެމްބަސީއިން ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް