ޓްރަމްޕް މަގާމުން ދުރުކުރުމުގެ އަޑުއެހުންތައް ސެނެޓްގައި ފަށައިފި

ސެނެޓްގައި ބޭއްވި ޖަލްސާ

ވޮޝިންޓަން (22 ޖަނަވަރީ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމުގެ ޝަރީއަތް ހިންގުމުގެ އިޖުރާއާތުތައް ކަނޑައެޅުމުގެ ގޮތުން ސެނެޓްގައި ޖަލްސާއެއް ބާއްވައިފި އެވެ.

މިޖަލްސާގައި ސެނެޓްގައި ހިމެނޭ ރިޕަބްލިކަން މެންބަރުންނާއި އިދިކޮޅު ޑިމޮކްރެޓިކް މެންބަރުން ވަނީ ބަހުގެ ހޫނު ޙަމަލާތަކެއް ބަދަލުކުރައްވައިފަ އެވެ. ބަހުގެ ހޫނު ޙަމަލާތަކާއި ޒުވާބުތަކަށް ފަހު ސެނެޓްގައި އަޣްލަބިއްޔަތު އޮންނަ ރިޕަބްލިކަން މެންބަރުން ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކާ ބެހޭ ގޮތުން ޑިމޮކްރެޓިކް މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތައް ބަލައިނުގަތުމަށް ފާސްކޮށްފަ އެވެ. ޑިމޮކްރެޓިކް މެންބަރުން ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ ދެ ތުހުމަތު ސާބިތުކުރުމަށް ޓަކައި ހެކިން ބޭނުންކުރުމާއި ވައިޓް ހައުސް އިންނާއި އެމެރިކާގެ ޚާރިޖީ ވުޒަރާއިން ދިނުމަށް ދެކޮޅުހެދި އެކަމާ ބެހޭ ލިޔެކިޔުންތައް އެމެރިކާގެ ފެޑްރަލް ބަޖެޓާ ބެހޭ އޮފީހުން ހޯދުން ހިމެނެ އެވެ.

ނަމަވެސް ސެނެޓްގައި ރިޕަބްލިކަން މެންބަރުންނަށް ލިބިފައިވާ އަޣްލަބިއްޔަތު ބޭނުންކޮށްގެން ސެނެޓުގެ ތަޅުމުން ވަނީ މިކަމާދެކޮޅު ހަދައިފަ އެވެ. މިއާ އެކު ޑިމޮކްރެޓުން ވަނީ ޕާޓީ ރޫހުގައި ޓްރަމްޕްގެ ކުށްތައް ފޮރުވުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ރިޕަބްލިކަން މެންބަރުންގެ މައްޗަށް ކުރައްވައިފަ އެވެ.

ޓްރަމްޕްގެ މައްޗަށް ދެ ތުހުމަތެއް ސާބިތުވާ ކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ކުރި ބަރުލަމާނީ ތަހްގީގްތަކުން ވަނީ ހާމަވެފަ އެވެ. އެއީ ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މަސްއޫލިއްޔަތުތަކަށް ޓްރަމްޕް ހުރަސްއެޅުއްވި ކަމުގެ ތުހުމަތެވެ. ސެނެޓުން ބަލާނީ މިދެ ތުހުމަތަކީ ހަގީގަތެއްތޯ ބެލުމުގެ މަސައްކަތެވެ. މިކަމަށް ޓަކައި ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގުމަށް ފަނޑިޔާރުންގެ ޚާއްސަ ޓްރައިބިއުނަލްއެއް އެކުލަވާލަންޖެހެ އެވެ. ނަމަވެސް މި ޓްރައިބިއުނަލް އެކުލަވާލެވޭނީ ސެނެޓްގައި ހިމެނޭ 100 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ތާއީދު ލިބިގެންނެވެ.

މިއީ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތާއީދުނެތި ކުރެވޭނެ ކަމެއް ނޫނެވެ. ޓްރަމްޕް މަގާމުން ދުރުކުރުމުގެ މައްސަލާގައި ސެނެޓްގެ ރިޕަބްލިކަން މެންބަރުން ގެންގުޅުއްވަނީ ހަގީގަތަށް ނުބަލައި ކޮންމެ ގޮތެއްގައި ވެސް ޓްރަމްޕް ހިމާޔަތް ކުރުމުގެ ވިސްނުންކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޑިމޮކްރެޓުން ވަނީ މިތުހުމަތު ރިޕަބްލިކަން މެންބަރުންގެ މައްޗަށް ކުރައްވައިފަ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް