ޖިންސީ ގޯނާއަށް ރަށެއްގެ އަނގަ ބަންދުކޮށްލީ؛ ނުފޫޒާއި ބާރު!

ގއ. ކަނޑުހުޅުދޫ މަގެއްގެ މަތިން: ޖިންސީ މައްސަލަތަކުގައި ފިޔަވަޅެއް ނޭޅި ދިޔައީ ނުފޫޒާ ބާރުން ކަމަށް ރަށު މީޙުން ބުނޭ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

(ގއ. ކަނޑުހުޅުދޫ އިން --) : އަހަރެން އައިސް މި ހުރީ، 900 މީހުންގެ އާބާދީއެއް ހިމެނޭ، ގއ. ގެ އެންމެ ދެކުނަށް އޮންނަ މި ރަށުގަ އެވެ. މި ރަށުގެ އާބާދީގެ 40 ޕަސަންޓް މީހުން ހިޖުރަކޮށްފައިވުމުން ރަށުގައި މަދު ބަޔަކު ދިރިއުޅުނު ނަމަވެސް، މި ރަށަށް ކުރިމަތިވެފައި އޮތް ބަލިމަޑުކަމަކީ، ޖިންސީ ގޯނާ އެވެ.

"އަަހަރުމެން ކިތަންމެ ވަރަކަށްވެސް ރިޕޯޓް ކުރަން. ރިޕޯޓް ކުރިޔަސް އަޅާ ފިޔަވަޅެއް ނޯވޭ. ލިބޭ އިންސާފެއް ނޯވޭ. ކުށް ކުރާ މީހުން އެހާވެސް ބާރުގަދަ. ދެން ކީއް ކުރާނީ،" ގޮތް ހުސްވެފައި ހުރި ފަސް އަހަރުގެ ކުއްޖެއްގެ މަންމަ އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލި އެވެ.

މި ރަށުން ދިމާވެ ވާހަކަދައްކާލާ ކޮންމެ މީހެއްގެ ޝަކުވާއަކީ ވެސް މިއެވެ. ޖިންސީ ގޯނާގެ މައްސަލަތައް ގިނަ ނަމަވެސް، އެކަން ހުއްޓުވަން އެޅުނު ފިޔަވަޅެއް ނެތުމެވެ. މުއައްސަސާތަކުގައި އެކި ފަހަރު އެކި ސިފައިގައި އާދޭސްކޮށްގެން ވެސް އެ މީހުންނަށް އުޅެން ޖެހިފައި އޮތީ، ޖިންސީ ގޯނާގެ ބިރުން ފުރިފައި އޮތް ހާއްޔެއްގަ އެވެ.

މި ރަށު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގަައި މިކަން މި ހިސާބަށް ދިޔައީ، ރައްޔިތުން ރިޕޯޓު ކުރާ މައްސަލަތަކުގައި ފިޔަވަޅު ނޭޅޭތީ އެެވެ. ނިސްބަތުުން އެފަދަ ކަންކަން ގިނައިން ހިނގާ އަދި ހިނގާފައިވާއިރު، ފިޔަވަޅު އެޅި އެފަދަ މީހެއްގެ މައްޗަށް ހުކުމްކޮށްފައިވަނީ ވަރަށް ވެސް މަދު ފަހަރަކު އެވެ. ހުކުމަށް ފަހުވެސް އެ މީހުން ވީއްލިގެން އައިސް، އަނެއްކާ އެ ކުޅިވަރު ފަށަނީ އެވެ.

ގއ. ކަނޑުހުޅުދޫގައި މުސްކުޅި އުމުރުގެ މީހަކު ހިނގާފައި ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިދިޔަ ބުރާސްފަތި ދުވަހު ތުއްތު ކުއްްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުޑަ ކުއްޖާގެ މުނިކާފަ އަކީ މި ރަށު މީހުން ބުނި ގޮތުގައި ވަރަށް ގިނައިން އެފަދަ ޒާތުގެ ކަންކަން ކުރާ މީހެކެވެ. އޭނާގެ މައްސަލަ ކިތަންމެ ވަރަކަށް ޖެއްސިޔަސް ފިޔަވަޅެއް ނާޅަ އެވެ. ހައްޔަރެއް ނުކުރެވެ އެވެ. އެ އާއިލާއިން ބުނާ ގޮތުގައި އޭނާ އެކަހަލަ ކަންކަން ކުރަނީ؛ އުމުރުން ދުވަސްވެ، ސިކުނޑީގެ އުނިކަމެއް އޭނާގެ ހުންނާތީ އެވެ.

އެހެންވެ، އެބޭގެ އެ އުޅުމާ މެދު އެއްޗެއް ބުނެލަން ވެސް މި ރަށު މީހުން ޖެހިލުންވެ އެވެ. ސަބަބަކަށް ވަނީ، އެކަން މައްސަލައަކަށް ހަދާލައިފި ނަމަ މި ކުޑަކުޑަ ރަށުގައި އެއް ބަޔަކު އަނެއް ބަޔަކަށް މޫނު ކެނޑޭނެތީ އެވެ. އަދި ނުފޫޒުގަދަ އެ އާއިލާގެ ބާރުގައި އެ މީހުން ރަށު ތެރޭގައި ބާކީ ކޮށްލަފާނެތީ އެ މީހުން ބިރު ގަންނަނީ އެވެ.

އެންމެ ފަހުން، ކުށްވެރިވަނީ، އެ ވާހަކަ ދައްކާ ބައެކެވެ. ލަދު ގަންނަ ޖެހެނީވެސް އެވާހަކަ ދައްކާ މީހުންނެވެ. މި ރަށުގައި ޖިންސީ ފުރައްސާރައިގެ ކަންކަން އަޅާނުލާ ދޫކޮށްލެވި، އެކަން އޮތީ އެހާ ވެސް އާދައިގެ ކަމަކަށް ބަދަލުވެފަ އެވެ. ގިނަ މީހުން އެންމެ ފަހުން ނިންމައިގެން ތިބީ؛ ފެންނަ ކަންކަން ނުފެންނަ ކަމަކަށް ހަދާލައިގެން ތިބޭށެވެ.

"ބައެއް މީހުން ބުނޭ ކޮބާހޭ މައްސަލައަކީ. އެއީ އެވަރުގެ ކަމެއްހޭ. ގައިގަ އަތެއް ނުލައެއް ނުންހޭ. އަގައިން އެބޭބެ ކިޔާ އެއްޗެއް ކިޔަނީ ނޫންހޭ،" ހައްޔަރު ކުރި މުނި ކާފަގެ ފަރާތުން އަނިޔާ ލިބުނު މިހަކު ބުންޏެވެ. "މިއީ ބައެއް މީހުންގެ ވިސްނުން،"

ގއ. ކަނޑުހުޅުދޫގައި މަގުމަތިން ކުޑަ ކުއްޖަކާއެކު ދެ އަންހެނަކު ހިނގާފައި ދަނީ: އެރަށުގައި ޖިންސީ ގޯނާ ކުރި މައްސަލަ ބައެއް މީހުން އެހާ ބޮޑު ކަމަކަށް ނެހިދި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރަށު މީހުން ބުނި ގޮތުގައި މިކަން އެންމެ ބޮޑަށް ފެތުރިގެން އައީ، މި ރަށުގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ބައެއްގެ ތެރެއިންނެވެ. އެކަމަކު އެ މީހުންގެ އާރާއި ބާރުގައި އެންމެންގެ "އަނގަ އޮންނަނީ ބަންދުކޮށްލައިފަ" އެވެ.

އެގޮތުން 2018 ވަނަ އަހަރުގެ މެދުތެރޭވެސް އޭނާގެ މިފަދަ މައްސަލައެއްގައި ތަހުގީގުކޮށް ދައުވާ ކުރި އެވެ. ނަމަވެސް އޭނާއަށް ބޮޑު ބޭބެ ކިޔާ އިސް މެޖިސްޓްރޭޓް، ހަސަން ދީދީ ހުންނަވައި، ގއ. ކަނޑުހުޅުދޫ ކޯޓުން ދޮޅު އަހަރުވީއިރު ވެސް ޝަރީއަތެއް ބާއްވާފައެއް ނުވެ އެވެ. އެ މައްސަލައިގައި ފައިލް އޭނާގެ މޭޒުމަތީގައި ހިރަފުސް އަރަން އޮތީ އެވެ.

"އެ މައްސަލައިގައި ޝަރީއަތްކޮށް އޭނާ ޖަލަށް ލީ ނަމަަ އިތުރު ކުދިންތަކަށް މި އަނިޔާ ނުލިބުނީސް. އޭނާގެ ޝިކާރަކަށްވި ދެއަހަރު ނުވާ ތުއްތު ކުއްޖާގެ ދިރިއުޅުންވެސް ސަލާމަތްވީސް،"އެ އާއިލާ އިން ބުންޏެވެ.

އެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އެ މައްސަލަ ކުރިއަށް ނުދިޔައީ ގާޒީގެ ނުފޫޒާއި ބާރުންނެވެ. ޖިންސީ ފުރައްސާރައިގެ ވާހަކަތައް އަޑުގަދަކޮށް ދައްކާ މީހުންނާ ދިމާލަށް ގާޒީ ބުނާ ކަމަށްވަނީ؛ "މައްސަލަ ނިންމާނީ އޭނާ ބޭނުން އިރަކުން،" ކަމަށެވެ.

އެ ހުރިހާ ކަމަކާ ހުރެ ޖިންސީ ގޯނާ ލިބި، އެކަމަކު އެ ވާހަކަ ފޮރުވައިގެން މި ރަށުގެ އެތައް ބަޔަކު އެބަ ތިއްބެވެ. ހަމަ ގައިމު، ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ޝިކާރައަކަށްވީ ކުދިންގެ ވަރަށް ގިނަ އާއިލާތަކާ ބައްދަލުވި އެވެ.

"އަދިވެސް އެބަހުރި މިކަހަލަ ވަރަށް ގިނަ ގެތަށް މިރަށުގައި. ބައެއް މީހުން ފަސް ޖެހެނީ އެ ވާހަކަތައް ދައްކަން،" ރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިކަންކަމަކީ ޒަމާނުއްސުރެ މިރަށުގައި ހިނގާ ކަންކަމެވެ. އެކަމުގެ މައުލޫމަތު ކައުންސިލަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެކަމަކު އެއްވެސް ބަޔަކު އެކަމާ އަޅާލަން ބޭނުން ނުވަނީ އެވެ.

"މިއީ ކަތީބު ޒަމާނުއްސުރެ ހިނގަމުން އައި ކަމެއް. މައްސަލައަކީ ބައެއް މީހުން މިކަންތައް ސިއްރު ކުރާތީ. އާއިލާގެ އަނބުރަށްޓަކައި. އަދި ފިޔަވަޅުވެސް ނާޅާތީ،" ރަށުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ނަން ނުޖަހާ ގޮތަށް ބުންނެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ޝަހީމް ރައްޔިތުންގެ މަޖިލިސް ކޮމިޓީގައި ވިދާޅުވީ އެފަދަ ކަންކަން ރަސްމީކޮށް އެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ވާހަކަ ދެކެވެނީ ތުންތުން މަތިން ކަމަށެވެ.

"ރަށުތެރޭ ދެކެވޭ ވާހަކައަކާ ގުޅިގެން ރަސްމީ ސިފައެއްގައި މައްސަލައެއް ހުށަހެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކަމެއް ހިނގައިގެން އެއްވެސް ބަޔަކު، އެއްވެސް އާއިލާއަކުން ހުށަހެޅީމަ އަޅުގަނޑުމެން ރަސްމީ ހައިސިއްޔަތުން ހުށަހެޅޭނެ ކަމަށް ގަބޫލު ކުރަނީ،" ޝަހީމް ވިދާޅުވި އެވެ.

"ސަން" އިން ތިން ދުވަސް ވަންދެން ރަށު ކައުންސިލް ރައީސްއާ ބައްދަލުކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އޭނާ ހުންނެވީ މި ކަންކަމާ ވާހަކަ ދައްކަން ބޭނުން ވެގެނެއް ނޫނެވެ.

ރަށް އޮތީ މި ވަބާ އިން މިންޖުވާން ބޭނުންވެފައި!

ގއ. ކަނޑުހުޅުދޫގައި މަގުމަތިން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކުރިން ވާހަކަ ދެއްކު ޒިންމާދާރު މަގާމުގައި ހުރި މިހާ ބުނި ގޮތުގައި އެރަށުގައި ހުންނަށް ޕޮލިސް ޑެސްކުން މާބޮޑު ކަމެއް ނުވެ އެވެ. މައްސަލައެއް ބެލުމަށް އެހެން ރަށަކުން ފުުހުންގެ އިންވެސްޓިގޭޓް އޮފިސަރަކު އައުމުން ނޫނީ މައްސަލައެއް އެ މީހުންނަކަށް ނުބެލެ އެވެ. ޖެންޑާގެ އޮފީހުގެ ހާލަތުވެސް މި އަތޮޅުގައި އޮތީ ވަރަށް ދެރަކޮށެވެ.

"ޕޮލިސް ސްޓޭޝަން ހަރުދަނާ ކުރަން ޖެހޭ. މި އަތޮޅުގައި ޖެންޑާ ރަނގަޅު ކުރަން ޖެހޭ. ސިއްރުކުރުންވެސް ހުއްޓާލަން ޖެހޭ،" މި ރަށު ސަރުކާރުގެ އޮފީހެއްގެ އިސްވެރިޔަކު ވިދާޅުވި އެވެ.

މި ރަށް އެދި ގޮވަނީ މި ވަބާ އިން މިންޖު ވުމަށެވެ. މުއައައްސަސާތައް ހަދުދަނާވެ، ރިޕޯޓް ކުރާ މަސައްލަަތައް ބެލޭނެ ގޮތް ވުމެއެވެ. އެފަދަ މީހުންނާމެދު ފިޔަވަޅު އެޅި އިންސާފު ލިބުމެވެ. އަނިޔާ ލިބުނު އާއިލާތައް މިފަހަރު ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ. އެ މީހުން އެ އަނިޔާ އާއި ބިރުގައި ވޭންދެނިވި ހަޔާތެއް ހޭދަކޮށްފި އެވެ.

"މިފަހަރު މި ވާހަކަތައް ދައްކައިގެން އަހަރުމެން މިތިބީ ޖަލަށް ދާން ޖެހުނަސް ޖަލަށް ދާން ތައްޔާރަށް. އަހަރުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ ދިރިއުޅުމަށްޓަކައިވެސް މިރަށް މި ވަބާ އިން ސަލާމަތް ކުރަން،" އަހަރެން މިރަށުން ފުރުމުގެ ކުރިން ސަލާން ކޮށްލި ރަށު މީހަކު ބުނީ މިހެންނެވެ.

comment ކޮމެންޓް