މުވާސަލާތީ ގުޅުންތައް ވަރުގަދަ ކުުރުމަށް ޓަކައި އީރާނުން ދެ ސެޓަލައިޓް ޖައްވަށް ފޮނުވަނީ

އީރާނުން ޖައްވަށް ފޮނުވުމަށް ތައްޔާރުވާ ދެ ސެޓަލައިޓްގެ ތެރެއިން އެއް ސެޓަލައިޓް

ތެހެރާން (20 ޖަނަވަރީ 202) : އީރާނުން ޖައްވަށް ފޮނުވަން ތައްޔާރުކޮށްފައިވާ ދެ ސެޓަލައިޓް ގެ އެންމެ ފަހުގެ ޓެސްޓްތައްކޮށް ނިންމައިފިކަމަށް އެގައުމުން ބުނެފި އެވެ.

ފަޒާއާބެހޭ އީރާނުގެ އިދާރާ "އީރާން ސްޕޭސް އެޖެންސީ" (އައިއެސްއޭ)ގެ ވެރިޔާ މުރްތަޟާ ބަރާރީ ވިދާޅުވީ "ޒަފްރު 1" އަދި "ޒަފްރު 2"ގެ ނަމުން ނަންދީފައިވާ މިދެސެޓަލައިޓް ފޮނުވުމަށް ހަމަޖެހިފައި ވަނީ ބިމުގެ ސަތަހުން ފެށިގެން 500 ކިލޯ މީޓަރުގެ ދުރުގައިވާ އޯބިޓްތަކަށް ކަމަށާއި މިއިން ކޮންމެ ސެޓަލައިޓެއް ވެސް އޭގެ އޯބިޓަށް ވާސިލް ވުމުން ދުނިޔެ ވަށައި ދުވާލެއްގެ މައްޗަށް 16 ބުރު ޖަހާނެ ކަމުގަ އެވެ.

އީރާނުގެ ޓެކްނިކަލް ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ސައެންސް އެންޑް އިންޑަސްޓްރީގެ ސައެންސްވެރިންނާއި ފަޒާގެ އިންޖިނޭރުން ތައްޔާރުކުރި މިދެ ސެޓަލައިޓް، އީރާނުގެ ފަޒާއާބެހޭ އިދާރާ އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުރްތަޟާ ވިދާޅުވީ މިދެ ސެޓަލައިޓް ފަޒާއަށް ފޮނުވާނީ އެއިދާރާއިން ސެޓަލައިޓް ފޮނުވުމަށް ބޭނުންކުރާ ސޮލިޑް ފިއުލްގެ ޓެކްނޮލޮޖީގެ ޕްރޮޓޮން ރޮކެޓެއްގައި ކަމުގަ އެވެ.

ސެޓަލައިޓް ފޮނުވުމަށް އީރާނުން ބޭނުންކުރާ ސޮލިޑް ފިއުލްގެ ރޮކެޓެއް

"ޒަފްރު 1" އަދި "ޒަފްރު 2" އަކީ އީރާނުގެ މުވާސަލާތީ ގުޅުންތައް ވަރުގަދަކޮށް ޒަމާނީ ކުރުމުގެ މަޝްރޫޢުގެ ދަށުން އީރާނުގެ ޓްރާންސްޕޯޓް އާއި ކޮމިއުނިކޭޝަނާ ބެހޭ މިނިސްޓްރީގެ ކޮންޓްރަކްޓެއްގެ ދަށުން ތައްޔާރުކުރި ސެޓަލައިޓެކެވެ. އީރާނުގެ މުވާސަލާތާ ބެހޭ ވަޒީރު މުހައްމަދު ޖަވާދު އަޒަރީ ޖަހްރަމީ ވަނީ މިދެ ސެޓަލައިޓް، އީރާނުގެ ފަޒާއާބެހޭ އިދާރާ އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

މިދެ ސެޓަލައިޓް އުފެއްދުމަށް ފަހު އޭގެ ޓެސްޓްތައް ކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ހޭދަވިކަމަށް އެދެސެޓަލައިޓް އުފެއްދި އީރާނުގެ ޔުނިވާސިޓީ އޮފް ސައެންސް އެންޑް އިންޑަސްޓްރީ އިން ބުނެފައިވެ އެވެ. އީރާނުން އެގައުމުގެ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް އެންމެ ފުރަތަމަ ސެޓަލައިޓެއް ފޮނުވާފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ. "އުންމީދު" ގެ ނަމުން ނަންދީފައިވާ އެސެޓެލައިޓް ކާމިޔާބުކަމާއެކު ޖައްވުގެ އޯބިޓަށް ގޮސްފައިވެ އެވެ.

އޭގެފަހުން އީރާނުން ވަނީ ދެ ސެޓަލައިޓެއް ކާމިޔާބުކަމާ އެކު ޖައްވަށް ފޮނުވާފަ އެވެ. އެއީ "ސަފީރު 1" އާއި "ނާހީދު 1" އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ މަހު އީރާނުން ޖައްވަށް ފޮނުވަން މަސައްކަތްކުރި ސެޓަލައިޓް ވަނީ ނާކާމިޔާބުވެފައެވެ. "ބިޔާމް"ގެ ނަމުން ނަންދީފައިވާ އެ ސެޓަލައިޓް ފޮވުމަށް ބޭނުންކުރި ފަޒާގެ ރޮކެޓް ގޮވުމުގެ ސަބަބުން އޯބިޓަށް ވާސިލް ވުމުގެ ކުރިން ސެޓަލައިޓްވަނީ ވެއްޓިފަ އެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާގެ ސައެންސްވެރިން ވަނީ އެ މައްސަލަ ތަހްގީގްކުރުމަށް ފަހު ރޮކެޓަށް ދިމާވި ފަންނީ މައްސަލަ ދެނެގަނެވިފައިވާ ކަމަށް ބުނެފަ އެވެ. މިހާރު ފޮނުވުމަށް އީރާނުން ތައްޔާރުވާ "ޒަފްރު 1" އަދި "ޒަފްރު 2" އަކީ 113 ކިލޯގްރާމްގެ ބަރުދަން ހުރި ދެ ސެޓަލައިޓެވެ. އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. (ފާރިސް ނޫސްއެޖެންސީ)

ގުޅޭ ޓެގު
comment ކޮމެންޓް