ކޮކަ ކޯލާ ލެޖެންޑް ކަޕުގެ ނަމުގައި ހާއްސަ ފުޓުބޯޅަ މެޗެއް

މާގިރި ހޮޓެލުގައި އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން: އެ ހަފްލާ އަކީ ކޮކާކޯލާގެ އިސްނެގުމާ އެކު މޯލްޑިވިއަން ސޮކަ މޭޓްސްއާއި އެފްއޭއެމް ގުޅިގެން ބޭއްވި ބައްދަލުވުމެއް ---

ކޮކާ ކޯލާ ކުންފުނީގެ އިސްނެގުމާ އެކު މޯލްޑިވިއަން ސޮކާ މޭޓްސްއާއި އެފްއޭއެމް ގުޅިގެން "ކޮކަކޯލާ ލެގެންޑް ކަޕް"ގެ ނަމުގައި އަންނަ ހުކުރު ދުވަހު ހާއްސަ މެޗެއް ކުޅުމަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅު ކުރުމުގައި އެފްއޭއެމް އަބަދުވެސް ފާހަގަ ކުރަމުން އަންނަ އެއް ކަމަކީ ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި ކޯޗުންގެ އެއްބާރުލުން ދިނުމުގެ ވާހަކަތަކެވެ. އެކަމަކު ފަހަކަށް އައިސް ފުޓުބޯޅައިގެ ފޯރި ކެނޑުމާ އެކު ކުރީގެ ލެޖެންޑަރީ ޕްލޭޔަރުން ވެސް ވަނީ މަޑު މަޑުން ފުޓުބޯޅައާ ދުރަށް ޖެހިފަ އެވެ. އަދި ގިނަ ކުޅުންތެރިން އަމިއްލަ ދިރިއުޅުމުގައި ބިޒީވި ނަމަވެސް އަދި ވެސް ފުޓުބޯޅައަށް ހިތް އޮތްކަން އިނގެނީ ކޮންމެ އަހަރަކުވެސް ރޯދަ މަހު ބާއްވާ ވެޓަރަންސް ލީގުންނެވެ.

މާގިރި ހޮޓެލުގައި އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން: އެ ހަފްލާ އަކީ ކޮކާކޯލާގެ އިސްނެގުމާ އެކު މޯލްޑިވިއަން ސޮކަ މޭޓްސްއާއި އެފްއޭއެމް ގުޅިގެން ބޭއްވި ބައްދަލުވުމެއް ---

މާގިރި ހޮޓަލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މި މެޗުގެ މައިގަނޑު ބޭނުމަކީ ފުޓުބޯޅަ މިހިސާބަށް ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދިން ލެޖެންޑަރީ ކުޅުންތެރިންނަށް މިކަމުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އެކަމަކު މި މެޗުގައި ކުރީގެ ކުޅުންތެރިންނާ އެކު ބައެއް މިހާރުގެ ކުޅުންތެރިން ވެސް ކުޅޭނެ ކަން އޭނާ ފާހަގަ ކުރި އެވެ.

"ކުރީގެ ނަން މަޝްހޫރު ކުޅުންތެރިންގެ އިތުރަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން މިހާރުގެ ބައެއް ކުޅުންތެރިން ވެސް ހިމަނާލެވޭތޯ. ސީޒަން ތެރޭގައި ވީމަ މުބާރާތް ތެރޭ ވީމަ ކޮންމެވެސް ކަހަލަ ދަތިތަކެއް ހުންނާނެ، އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން އެ ފުރުސަތުވެސް ލިބޭތޯ." ޖަވާ ވިދާޅުވި އެވެ.

މީގެ އިތުރުން މި މެޗުގައި ކުރިން ދަނޑުމަތިން ނުފެނުނު ކަމުގައި ވިޔަސް މެނޭޖްމެންޓާއި ކޯޗިންގް ދާއިރާގައި މަސައްކަތް ކުރި ބައެއް ފަރާތްތައް ވެސް ޝާމިލް ކުރާނެ ކަމަށް ޖަވާ ވިދާޅުވި އެވެ.

އިއްޔެ ރަސްމިއްޔާތުގައި ދެން ބައިވެރިވީ، ސޮކް މޭޓްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަދި ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން އާއި ކުރީގެ ކުޅުންތެރިޔާ އިސްމާއީލް އަނިލް ލެޖެންޑަރީ މިޑްފީލްޑަރު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.

ސުޒެއިން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ބުނީ، ވޭތުވެ ދިޔަ 40 އަކަށް އަހަރުތެރޭ ރާއްޖޭގެ ފުޓުބޯޅައިން ފެނުނު ކުޅުންތެރިންގެ ތެރެއިން ކިރިޔާ ވެސް ދަނޑުތަމީގައި ކުޅެލެވޭ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.

"މި މެޗުގައި ބައިވަރު ލެޖެންޑުންތަކެއް ބައިވެރިވާނެ، މިސާލަކަށް ކުޑަ މޫސަ އަކީ ދެން އިތުރު ތައާރަފަކަށް ބޭނުންވާނެ ކުޅުންތެރިޔެއް ނޫން، އަޅުގަނޑު މިތާންގައި ހުރެ ކުޑަ މޫސަގެ ވާހަކަ ދައްކަންވެއްޖެޔާ އިތުރު ވަގުތުތަކެއް ހޭދަވާނެތީ ހަމައެކަނި ކުޑަ މޫސަ މެޗުގައި ކުޅޭނެ ވާހަކަ ދަންނަވަން،" ސުޒޭން ބުންޏެވެ.

މީގެ އިތުރުން ކުޑަ މޫސައާ އެކު އަލީ އަޝްފާގު (ދަގަނޑޭ) ވެސް މެޗުގައި އެއްތައް ކޮށްލުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށް ސުޒެއިން ބުންޏެވެ.

"ޝެޑިއުލް ހުރިގޮތުން އަލީ އަޝްފާގް އެއްތަން ކޮށްލެވިއްޖެއްޔާ ދެން [ކުޑަ މޫސަ އާއި އަޝްފާގް] ވާނެ ރާއްޖޭގެ ފުޓްބޯޅައިގެ ދެ ޖީލެއްގެ ފަހްރުވެރި ތާރީހް އެއްތަން ކޮށްލެވުނީ ކަމަށް."

ފުޓުބޯޅައިގެ ހަވީރެއް ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މެޗު ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހު، އެފްއޭއެމްގެ އެކުވެނި ޓާފްގަ އެވެ.

comment ކޮމެންޓް