މުޅިން އާ ދަތުރުފަތުރުގެ ނިޒާމެއްގެ ޕްލޭނު: ފަށާނީ އުތުރުން!

ހުޅުމާލެ ފެރީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މުޅި ރާއްޖޭގައި ގާއިމް ކުރަން ނިންމާފައިވާ ކަނޑުދަތުރުފަތުގެ ނިޒާމު ފަށާނީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ. އަތޮޅުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރުގެ ނިޒާމު އެކުލަވާލަން ނިންމާފައިވާ ގޮތުގެ މައުލުމާތު ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީގެ "އިރުވައި" ކޮންފަރެންސްގައި މިއަދު މިނިސްޓަރު އަސްލަމް ވަނީ ދެއްވައިފައެވެ. އޭނާ ވިދާޅުވި، ގޮތުގައި މި އަހަރުގެ ތެރޭގައި އެ ނިޒާމު އުތުރުގެ ތިން އަތޮޅުގައި ފެށިގެންދާނެއެވެ.

ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ރާއްޖެ ތަރައްގީވާނީ ޓްރާންސްޕޯޓުގެ ދާއިރާ އިތުރަށް ތަރައްގީކޮށްގެން ކަމަށް އަސްލަމް ވިދާޅުވިއެވެ. ރާއްޖެއަށް އެންމެ ބޮޑު ބަދަލެއް އަންނާނެ މަސައްކަތަކީ އެ ނިޒާމު ގާއިމުކުރަން ކުރާ މަސައްކަތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ އަމާޒަށް މަސައްކަތް ކުރުމަށް ދަތުރުފަތުރުގެ ނިޒާމަށް މި އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދަތުރުފަތުގެ ނިޒާމުގެ ތެރެއިން، ފެރީތައް ދަތުރު ކުރަނީ ތިން ބާވަތެއްގެ ރޫޓު ނުވަތަ ލިންކުތަކުންނެވެ. އެއީ ކޮމިއުޓް ލިންކާއި، ނޮން ކޮމިއުޓް ލިންކާއި، ހައިވޭ ލިންކެވެ.

ކޮމިއުޓް ލިންކަކީ އާބާދީ ބޮޑު، އިގްތިސާދީ ގޮތުން ވަރުގަދަ ސަރަހައްދުތަކަށް ކައިރިރަށެއްގެ މީހަކަށް ދުވާލެއްގެ މައްޗަށް ދެތިން ފަހަރު ދެވޭނެ ވަރަށް ދަތުރު ގިނަ އަދި އަވަސް ލިންކުތަކެވެ. އެފަދަ 12 ލިންކެއް އުތުރުގައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ލިންކުތަކުގައި ކުރާ ދަތުރުތައް އެންމެ ދިގުވެގެންވެސް ވާނީ 40 ކިލޯމީޓަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަތުރުތަކަށް އެވަރެޖުކޮށް ނަގާނީ 34 މިނެޓު ކަމަށާ އި އެންމެ ގިނަވެގެންވެސް ނަގާނީ 50 މިނެޓު ކަމަށް ވިދާޅުވިއެވެ.

ނޭޝަނަލް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ނޮން ކޮމިއިޓު ލިންކަކީ ދުވާލަކު އެއްފަހަރު އާބާދީ ބޮޑު، އިގްތިސާދީ ސެންޓަރަކަށް މީހަކަށް ދަތުރުކޮށް އަނބުރާ ދެވޭ ވަރުގެ ދަތުރުތައް އޮންނަ ލިންކެކެވެ. ފަސް ނޮން ކޮމިއުޓު ލިންކު އުތުރުގައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ދަތުރުތަކުގެ އެވަރެޖު ދިގުމިނަކީ 44 ކިލޯމީޓަރު ކަމަށާއި، އެވަރެޖުކޮށް 40 މިނެޓު ތެރޭގައި ދަތުރު ނިންމޭނެ ކަމަށެވެ. އެންމެ ގިނަވެގެންވެސް ނަގާނީ 70 މިނެޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައިވޭ ލިންކަކީ އަތޮޅުގެ އަތޮޅިތައް ގުޅުވައިދޭ ލިންކެެވެ. އުތުރުގައި ނަމަ އެ ލިންކު އޮންނާނީ އިހަވަންދޫއިން ކުޅުއްފުށިން ފުނަދޫއަށެވެ. އެއީ އެއް ދުވަހު ގޮސްފައި އަނެއް ދުވަހު އަންނަ ކަހަލަ ދަތުރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ލިންކުގައި އެވަރެޖު ދަތުރެއްގެ ދިގުމިނަކީ 53 ކިލޯމީޓަރު ކަމަށާއި އެންމެ ދިގު ދަތުރުވެސް ވާނީ 63 ކިލޯމީޓަރު ކަމަށް ވިދާޅުވިއެވެ. އަދި އެވަރެޖުކޮށް 63 މިނެޓުގެ ތެރޭގައި އެ ލިންކުން ދަތުރުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ލިންކުތަކުގައި ދަތުރުުކުރަން ބޭނުންވަނީ 30 މީހުންގެ ޖާގައިގެ 14 އުޅަނދު ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ލިންކުތަކަކީ ހަމަ އެކަނި ޕަސެންޖަރުން ދަތުރުފަތުރުކުރަން ހަދާފައިވާ ލިންކުތަކެއް ކަމަށާއި، ކެބިނެޓުގެ މަޝްވަރާއާއެކު ކާގޯ އުފުލަން ވަކި ލިންކުތަކަކާއި އުޅަނދުތަކެއް ހަމަޖައްސަން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު ސަބްސިޑައިޒްކޮށްގެން ކުރިއަށް ގެންދަން ޖެހުނަސް އެކަން ކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ އަހަރު ސަބްސިޑައިޒްކުރަން 15 މިލިއަން ރުފިޔާ ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ވިސްނައިގެން މިހުރީ މިއީ ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމެކޭ. މިކަމުން ފައިދާއެއް ނުވިޔަސް ސަބްސިޑައިޒްކޮށްގެން ކުރިއަށް ގެންދަން ޖެހުނަސް އަޅުގަނޑުމެން މިކަން ކުރާނަމޭ،" އަސްލަމް ވިދާޅުވިއެވެ.

comment ކޮމެންޓް