ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން މި އަހަރު ފަށަނީ

ހަނިމާދޫ އެއާޕޯޓު

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފިއެވެ.

ހދ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ "އިރުވައި ކޮންފަރަންސް"ގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވީ ތިލަދުންމަތިން ނެރެވިދާނެ އިގްތިސާދީ މަންފާއަކީ ކޮބާތޯ ބަލާއިރު، ރަނގަޅު ފެންވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން މުހިންމު ކަމަށެވެ.

ހދ. ހަނިމާދޫގައި މިހާރު އޮންނަ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް އެތަނުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. އެތަނުގައި މިހާރު އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކަށް ވާ އިރު، ބޮޑެތި އެއާކްރާފްޓުތައް ޖެއްސުމަށް އެއަށް ވުރެ ދިގު ރަންވޭ ބޭނުންވެއެވެ.

ފައްޔާޒް ވިދާޅުވީ ހަމައެކަނި "އިންޓަނޭޝަނަލް" ޖެހި ބޯޑެއް އަޅުވާލުމުން ނުފުދޭ ކަމަށެވެ. އަދި މި އަހަރުގެ މެދާ ހިސާބަށް ދާއިރު އެ އެއާޕޯޓު ތަރައްގީކުރުމަށް ކޮންޓްރެކްޓަރަކާއެކު ސޮއިކުރެވޭނެ ކަމަށާއި، މި އަހަރުގެ ފަހުކޮޅަށް ދާއިރު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ މަންޒަރު ޔަގީންކަމާއެކު ފެންނާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ލަސްވެގެން ދިޔައީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުމުގެ ކޮންސެޕްޓް ޑިޒައިން ދެ ފަހަރެއްގެ މަތިން ހަދަންޖެހުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ކޮންސެޕްޓް ޑިޒައިންކުރެވުނު ގޮތުން، މިހާރު 2،800 މީޓަރަށްވުރެ [ރަންވޭ ދިގުމިން] އިތުރުކުރެވޭ ޖާގައެއް ނުލިބޭ. އަޅުގަނޑަށް ވިސްނުނީ މީގެ 20 އަހަރު ފަހުން ނަމަވެސް މިތަން [ރަންވޭ] 3،800 އަށް ވުރެ ބޮޑުކުރަން ޖެހިދާނެއޭ. އެ ޖާގަ އޮންނަން ޖެހޭނެއޭ،" ފައްޔާޒް ވިދާޅުވިއެވެ.

މިއަދު އިރުވައި ކޮންފަރަންސްގެ ތެރެއިން ދިޔަ ފޯރަމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލްކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

"އެއަށް ފައިނޭންސް، އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތުންވެސް މިތިބީ ކަށަވަރުކޮށްގެން. އެއީ ބަޖެޓަށް މާ ބޮޑު އަސަރެއް ނެތި ކުރުމަށް ރާވާފައިވާ މަޝްރޫއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅަށް ބާރުދެއްވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ލޯނު ފެސިލިޓީގެ އިތުރުން އިންވެސްޓްމެންޓްތަކުގެ ތެރެއިންވެސް އެއަށް ފައިސާގެ ފުރުސަތުތައް ލިބިފައިވާ ކަމަށެވެ. އަދި ވަކި ގޮތެއް ވަރަށް އަވަހަށް ކަނޑައެޅިގެން ދާނެކަމަށް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓުން ކުރާ އިންޓަނޭޝަނަލް ދަތުރުތަކަކީ ހަނިމާދޫއިން އިންޑިއާގެ ތިރުވަނަންތަޕޫރަމަށާއި ކޮޗިންއަށް ބާއްވާ ދަތުރުތަކެވެ. މި ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.

comment ކޮމެންޓް