ބައެއް ދާއިރާތަކުން ދިވެހިން ތަމްރީނުކުރާ ކޯސްތަކެއް ފަށަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ދާއިރާތަކުގެ ވަޒީފާތަކަށް ބޭނުންވާ ތަމްރީނު ދިވެހިންނަށް ލިބިފައި ނުހުންނަ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށްޓަކައި ތަމްރީނުތަކެއް ފަށަން ތައްޔާރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރަމުންދާ ތިލަދުންމަތީ ދަތުރުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި ފެށީި އިރުވައި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ބައިވަރު ވަޒީފާ އެބަހުރި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް ވަޒީފާތައް ދިވެހިން ނުލިބެނީ ބޭނުންވާ ހުނަރުތައް ލިބިފައި ނުހުންނާތީ ކަމަށެވެ.

"ބައިވަރު ވަޒީފާ ރާއްޖޭގައި އެބަހުރި. މިހެން ދަންނަވާއިރު ސަމާލުކަން ދެއްވާތި. ބައެއް ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައެއް ނެތް [ދިވެހިންނަށް]. އަޅުގަނޑު ކުރިން މިހެން ބުނެގެން ވަރަށް ގޯސްވެސް ވެފައި އޮތީ. ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތަކަށް ދިވެހިން ގެންދިއުމަށްޓަކައި ބޭނުންވާ ބައެއް ދާއިރާތަކުގައި، ސްކިލްސްގެ ކުޑަކުޑަ މައްސަލައެއް އެބައުޅޭ." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި އެކި ރަށްރަށުގައި ދިވެހިންނަށް އަމާޒުކޮށްގެން ކޯސްތަކެއް ހިންގުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފެބްރުއަރީ މަހު ތިލަދުންމަތީގައި އެ ކޯސްތައް ފަށާނީ ހއ. އުލިގަމުންނެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ [ހާއްސަކޮށް] ޓޫރިޒަމް އިންޑަސްޓްރީގެ މެދުފަންތީގެ ވަޒީފާތަކުން ދިވެހިންނަށް ފުރުސަތު ހޯދައިދިނުން. އެއީ ތަންކޮޅެއް އާމްދަނީ ރަނގަޅު ވަޒީފާތަކަށް ވާތީ." ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ދިވެހިންނަށް އިތުރު ތަމްރީނުތައް ދީގެން ރިސޯޓުތަކުގެ ވަޒީފާތަކަށް ނެރެވޭނެ 12 ދާއިރާއެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެސްއެމްއީ ބޭންކުގެ ލޯނު އެހީގެ ދަށުން ގެސްޓްހައުސްތައް ތަރައްގީކޮށް ނިމުމުން އުފެދޭ ވަޒީފާތަކަށް ބޭނުންވާ ތަމްރީނުތައްވެސް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/124971

ދިވެހިން އިތުރަށް ތަމްރީނު ކުރަން ޖެހޭ ކަމަށް ފާހަގަވެފައިވާ ދާއިރާތަކުގެ ތެރޭގައި އިންޖިނިއަރިން، ކަރަންޓު މަސައްކަތް، މެކޭނިކްސް، ހޮޓެލް މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ދާއިރާ ހިމެނެއެވެ. އެ ދާއިރާތަކުގެ ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުރިއަށް ގެންދާނެއެވެ.

އެ ކޮންފަރެންސްގެ ތެރެއިން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހދ. އަތޮޅުގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 22،872 މީހުންނެވެ. ޖުމުލަ އާބާދީގެ ތެރެއިން ވަޒީފާއަށްދާ މީހުންގެ އަދަދު 6985 އަށް އަރާއިރު، ވަޒީފާ ހޯދަމުންދާ މީހުންގެ އަދަދަކީ ޖުމްލަ އާބާދީގެ 3.6 ޕަސެންޓެވެ.

comment ކޮމެންޓް