ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާ 10،800 ރުފިޔާއިން ޖޫރިމަނާކޮށްފި

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި-- ސަންފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ދެހާސް ސަތާރަ ވަނަ އަހަރު ޕޭވްމަންޓު ގަލަކުން ޖަހާ، ރައީސް އޮފީހުގެ އަމީރު އަހްމަދު މަގާވީ ފަރާތުގެ ބިއްލޫރިގަނޑު ތަޅާލި މީހާ 10،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހއ. ދިއްދޫ / ހަވީރީފިނި، އަހްމަދު ސިރާޖުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 19 މާޗް 2017 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ޕޭވްމަންޓު ގަލަކުން ޖަހައި ރައީސް އޮފީހުގެ އަމީރު އަހްމަދު މަގާވީ ފަރާތުގެ ބިއްލޫރިގަނޑު ތަޅާލާފައި ވާތީއެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ އާދީއްތަ ދުވަހު ކޯޓުން ހުކުމް ކޮށްފައި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސިރާޖުގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުޅަ ދައުވާއަށް، އިބްތިދާއީ މަޖިލީހުގައި ޖަވާބުދާރީ ވަމުންނާއި، މައްސަލައިގެ އަވަސްނިޔާ މަޖިލީހުގައި ވެސް އެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

އަދި އެ ކުށް ކުރެވުނީތީ މައާފަށް އެދި ދެވަނަ ފަހަރަށް އެފަދަ ކުށެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ އިތުރުން ގެއްލުންވި ތަނަށް ބަދަލެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމަށް ބުނި ކަމަށް ވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.

އެހެންކަމުން ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އޭނާގެ އިއުތިރާފުގެ މައްޗަށް ބަލައިގެންނެވެ.

އަހްމަދު ސިރާޖުގެ މައްޗަށް މީގެކުރިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާތީ އާއި އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވެފައި ވާތީއާއި އަދި ލުއި އަދަބެއް ދެވެން އޮތް ނަމަ ލުއި އަދަބެއް ކަނޑައެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ފެންނާތީ، ސިރާޖުގެ މައްޗަށް ކަނޑައެޅޭ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 10،800 ރުފިޔާކަން އެނގެން އޮންނަ ކަމަށް ހުކުމްގައި ވެއެވެ.

އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ހަލާސްކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް