ތާރީހީ މޭޔަރުގެ ވައުދު: މާލެ އަކީ މާލޭ ރައްޔިތުންގެ ތަނަކަށް ހަދައިދޭނަން!

ސަރަނގު އާދަމް މަނިކު ސަން އަށް އިންޓަވިއު ދެއްވަނީ --ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރަނގު އާދަމް މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ މޭޔަރެވެ. ދެހާސް އެގާރަ ވަނަ އަހަރު މޭޔަރު ކަމަށް ވަޑައިގެންނެވީ މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް ކުރެއްވުމަށް ފަހު އެވެ. ނަމަވެސް މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވިތާ ހަ މަސް ވެސް ނުވަނީސް މަގާމުން އިސްތިއުފާ ދެއްވައި، މޭޔަރުގެ ޒިންމާތަކުން ދުރަށްޖެހިވަޑައިގެންނެވި އެވެ.

މޭޔަރުކަމާ ހަވާލުވީ ވަރަށް ގިނަ އުންމީދުތަކަކާ އެކު އެވެ. މާލޭގެ ރައްޔިތުންނަށް ޓަކައި، ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީ، މާލެއަކީ ހަމަޖެހިލައިގެން އުޅެވޭނެ ތަނަކަށް ހަދައިދިނުމުގެ ފޮނި އުންމީދުގަ އެވެ. އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތްތަކެއް ވެސް ފެއްޓެވި އެވެ. ނަމަވެސް އެންމެފަހުން އެ އުންމީދުތައް ފުރިހަމަކޮށް ނުދެވި، ވަކި ހިސާބަކުން ދޫކޮށްލަން މަޖުބޫރުވީ އެވެ.

އެހެންކަމުން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ރޭހަށް، ބޫޓުގެ ނާޑުވާ ބާރުކޮށްލައްވައި ސަރަނގު އާދަމް މަނިކު ނުކުންނެވީ އެ ކަންކަން އަލުން ފުރިހަމަ ކޮށްދިނުމަށެވެ. މާލޭ ރައްޔިތުންގެ އަތުގައި އަލުން ހިފައި، މާލޭގެ ކަންކަން ރަނގަޅު ކޮށްދިނުމުގެ ބޭނުމުގަ އެވެ.

"މޭޔަރު ކަމަށް ކުރިމަތިލާން ނިންމީ މާލޭގެ ކަންތައްތައް މިހާރަށް ވުރެ ރަނގަޅު ކުރުމުގެ އުންމީދުގައި. ދެން އެ ކަމަކީ އަޅުގަނޑު މީގެ ކުރީގައި ވެސް ކޮށްފައި އޮތް ކަމަކަށް ވާތީ އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި ތަންކޮޅެއް ރަނގަޅަށް އެކަން ކުރެވޭނެ ކަމަށް ޔަގީންވާތީ،" އާދަމް މަނިކު ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ދަތި ދިރިއުޅުން އާދަމް މަނިކު ދަނެ އެވެ. ބޯހިޔާވަހިކަމުގެ ދަތިކަމާއި ކުލި ބޮޑުވުމާއި މަގުތަކުގެ އަޑިގުޑަންތަކާއި ހިތްހަމަޖައްސާލަން ދާނެ ތަންތަން މަދުވުމާ ގުޅިގެން ރައްޔިތުން ކުރާ ޝަކުވާތައް އަންނަނީ އަޑުއައްސަވަމުންނެވެ. އަދި މިފަހަރު މޭޔަރު ކަމުގެ ރޭހަށް ނުކުންނަވައިގެން ހުންނެވީ އެ މައްސަލަތައް ހައްލުކުރަން ބޮޑު ޕްލޭނަކާ ވެސް އެކުގަ އެވެ.

ގެންގުޅުއްވަނީ މާލެ ފަސްޓް ސިޔާސަތެއް!

އެމްޑީޕީގެ އެޖެންޑާ19ގައި ހުރި ކަންކަން ތަންފީޒުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އިރު، ސަރަނގު އާދަމް މަނިކު ވަކި ތަސައްވުރެއް ވެސް އެބަ އޮތެވެ. ގެންގުޅުއްވަނީ "މާލެ ފަސްޓް" ސިޔާސަތެކެވެ.

އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔަވަހިކަމުގެ މައްސަލަ ކަމަށެވެ. އައިޑީ ކާޑުގައި މާލެ ރައްޔިތެއްގެ ގޮތުގައި އޮންނަ އެތައް ބަޔަކަށް މާލޭގައި އަމިއްލަ ގެދޮރު ލިބެން ނެތުމަކީ މައްސަލައެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެކަމަކު ގޯތި އެއްޗެހި ދޫކުރުމުގައި މާލޭ މީހުންނަށް އިސްކަން ނުދެވޭ މައްސަލަ މައްސަލައަކީ،" އާދަމް މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ކަހަލަ ވަޒީފާތަކަށް އަތޮޅު ތެރެއިން މާލެ އަންނަ ފަރާތްތަކަށް، އަމިއްލަ ރަށުގައި ގޯތި ހުރި ނަމަވެސް، މާލެއިން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލެވޭ ކަމަށެވެ. ނަމަވެސް މާލޭ ރައްޔިތުންނަށް އެފަދަ ތަންތަން ހާއްސަ ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިޔެއްނުވޭ މާލޭ މީހުން އެއްގޮތަކަށް ވެސް އަތޮޅުތަކުގެ މީހުން މާލެ އައުމަށް ހުރަސް އަޅާ ހެނެއް. އެކަމު ވާނެގޮތަކީ އެމީހުންގެ ވެސް ހައްގުތަކެއް ވާއިރުގައި، އެ ހައްގުތައް ވެސް ރައްކާތެރިވެގެން އެކަން ވާންޖެހޭނީ. އެހެންވީމާ އަޅުގަނޑުގެ ވިސްނުމަކީ މާލެ އޭ ފުރަތަމަ. އެ މައްސަލަ ހައްލުކޮށްފައި ނޫންތޯ މާލެއިން ބޭރުން މާލެއަށް އަރާތިބި މީހުންގެ މައްސަލަ ހައްލުކުރަން ވާނީ،" އާދަމް މަނިކު ވިދާޅުވި އެވެ.

ޖެނުއަރީ 14، 2020: އާދަމް މަނިކު --ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯހިޔާވަހިކަމާ ގުޅިގެން ދެން ނުކުންނަ ކުލި ބޮޑުވުމުގެ މައްސަލަ ހައްލު ކުރައްވަން ގެންގުޅުއްވާ ޕްލޭން ވެސް އާދަމް މަނިކު ހިއްސާ ކުރެއްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ކުލި ކޮންޓްރޯލް ކުރުމަކީ އަދި ހައްލެއް ނޫނެވެ. ކުލި ކޮންޓްރޯލް ކުރަން ގާނޫނެއް ނުވަތަ ގަވާއިދެއް ހަދައިފި ނަމަ، ކަޅު ބާޒާރެއް އުފެދުމުގެ ބިރު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭގެ އެންމެ ބޮޑު މިސާލަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްޗަށް ގަވާއިދެއް މި ހެދީ އެމީހުންގެ މުސާރަ އާއި އެހެނިހެން ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ އިރުގައި ޓެކްސް އެއް ނަގަން. އެ ނުހިނގި. އޭގެ ބަދަލުގައި އެ ގާނޫނު އައި ފަހުން އުފެދުނީ ކަޅު ބާޒާރެއް. މިހާރު ބައިވަރު މީހުން އެބަތިބި އެމީހުންގެ ލާރި ދިނީމާ ބޭންކަށް ވުރެ ވެސް އަވަހަށް ބަންގްލަދޭޝް އިން ލާރި ލިބޭ. އެހެންވީމާ ސަރުކާރަށް ލިބެންވާ ޓެކްސް ވެސް ނުނެގުނީ، ބައިވަރު ފައިސާ ކަޅު ބާޒާރެއް ތެރޭގައި އެނބުރެން ފެށީ،" އޭނާ ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ އެއީ ގާނޫނެއް ހަދައިގެން ހައްލު ކުރެވޭނެ ކަންކަން ނޫންކަމަށާއި އަސްލު މައްސަލައަކީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވުން ކަމަށެވެ. އަދި ފްލެޓް ވިއްކާ އަގު ބޮޑުވުމަކީ ވެސް މައްސަލަ ހައްލު ނުކުރެވިގެން އުޅޭ ސަބަބެއް ކަމަށެވެ.

"މާލޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު ބޮޑޭ ތަރައްގީވެފައި އޮތް މެލޭޝިޔާއަށް ވުރެ. އެއީ އިންޓްރެސްޓް ބޮޑު ކަމުން. ހައުސިން ލޯނުތަކުގެ އިންޓްރެސްޓް މާބޮޑީ. އާދައިގެ މީހުންނަކަށް އެ އެއްޗެހި ވިސްނައެއް ނުގަނެވޭ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އާދަމް މަނިކު މިފަހަރު މޭޔަރުކަމަށް ކުރިމަތިލައްވަނީ މިކަންކަމަށް ހައްލެއް ގެނެވިދާނެ ގޮތެއް ހޯއްދަވައިގެންނެވެ. އޭނާ ވިދާޅުވީ މޭޔަރުކަމަށް ހޮވިއްޖެ ނަމަ، ގާނޫނުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރު، ސަރުކާރު ވުޒާރާތަކުން ނަގައި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ކުޑަކުރަން ބޭންކުތަކަށް މަޖުބޫރު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އިންތިހާބު ވެއްޖެއްޔާ އަޅުގަނޑު ސްކީމެއް ތައާރަފް ކުރާނަން މާލޭ މީހުން ގެދޮރުވެރި ކުރުވާއިރުގައި އެމީހުންގެ އިންޓްރެސްޓް ސަބްސިޑައިޒް ކުރެވޭނެ ގޮތެއް. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ބޯހިޔާވަހިކަން އަމިއްލަ ކުރުމުގައި ގެންގުޅޭ ސިޔާސަތެއް،" އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ އޭރުން އާންމު ބޭންކް އިންޓްރެސްޓަށް ވުރެ މާ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރެވި ބޯހިޔާވަހިކަމުގެ އަގު ތިރިވެގެންދާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޕާކިން ޒޯނު ހެދުމަކީ ހައްލެއް ނޫން!

މާލޭގައި ދިރިއުޅޭ ރައްޔިތުން މިހާރު އެންމެ ގިނައިން ކުރާ ޝަކުވާއަކީ މާލޭގައި ޕާކުކުރުމުގައި ހުރި ދަތިކަމުގެ ވާހަކަ އެވެ. ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖެހުމާއި، އެ ޖޫރިމަނާގައި އެތައް ހާސް ބަޔަކު ތާށިވެ ދަރަނިވެރިވުމުގެ ޝަކުވާ އެވެ.

މިކަން ހައްލު ކުރުމަށް ސިޓީ ކައުންސިލުން ގެންގުޅޭ ވިސްނުމަކީ، ޕާކިން ޒޯންތަކުގެ އަދަދު އިތުރުކުރުމެވެ. ނަމަވެސް އެ ވިސްނުމާ އާދަމް މަނިކު ދެކޮޅެވެ. އޭނާ ވިދާޅުވީ ކިތަންމެ ބައިވަރު ޕާކިން ޒޯނެއް ހެދި ނަމަވެސް، މާލެ ތެރޭގެ ވެހިކަލްތަކުގެ އަދަދު މަދު ނުކުރެވޭ ނަމަ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި މާލެއަށް އެކަށީގެންނުވާ ވަރަށް، އަދި ބޭނުން ވެސް ނުވާ ވަރަށް އަދި ވެސް ވެހިކަލް އެތެރެވަމުން އަންނާތީ އޭނާ ވަނީ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ޕާކިންގެ މައްސަލައަކީ އަޅުގަނޑަށް ދެންނެވޭނީ ސިޓީ ކައުންސިލް ވަރަށް ބޮޑަށް ފެއިލްވެފައި އޮތް މައްސަލައެއް. ހުރިހާ ގޮތަކުން ވެސް. އެއީ ގާނޫނު ލާޒިމް ކުރޭ ސިޓީ ކައުންސިލަށް މާލޭގެ ވެހިކަލް ކެރީއިން ކެޕޭސިޓީ ޑިކްލެއާ ކުރަން،" އާދަމް މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ، ސިޓީ ކައުންސިލާ މަތިކޮށްފައިވާ ޒިންމާތައް އަދާކޮށް، މާލެއަށް އުޅަނދު އެތެރެކުރެވޭނެ މިންވަރު ކަނޑައަޅައި މަގުތަކުގެ ހަލަބޮލިކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

އަގުހެޔޮ ޕަބްލިކް ޓްރާންސްޕޯޓް ގާއިމުކޮށްދޭނަން!

ސަރަނގު އާދަމް މަނިކު މުނިސިޕަލްޓީ ހިންގުމާ ހަވާލުވެހުންނެވި އިރު މާލޭގައި އާންމު ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް އަހަރެއްހާ ދުވަހު އެ ހިދުމަތް ދިނުމަށް ފަހު ހުއްޓުނީ އެވެ. އާދަމް މަނިކު ގަބޫލުކުރައްވަނީ އޭނާ އިސްތިއުފާ ދެއްވި ހިސާބުން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުނީ ކަމަށެވެ. ނޫނީ ބަލަހައްޓަން ނޭނގުނީ އެވެ.

އެހެންކަމުން ދެވަނަ ފަހަރަށް މޭޔަރުގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަނެއްކާ ވެސް ބަހުގެ ހިދުމަތް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މިހާރު ބަހުގެ ހިދުމަތުގެ އަގު ބޮޑުކަން ފާހަގަ ކުރައްވައި އާދަމް މަނިކު ވިދާޅުވީ، މޭޔަރު ކަމަށް ހޮވިއްޖެ ނަމަ އެ ހިދުމަތް އަމިއްލަ ފަރާތްތަކަށް ހުޅުވާލާނެ ކަމަށެވެ.

"އޭރުން ވާދަވެރިކަން އުފެދި އަގު ދަށްވާނެ ފަސް ރުފިޔާއަށް ވެސް،" އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ސްކޫލު ބަހުގެ ހިދުމަތް ތައާރަފުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭރުން ހުޅުމާލެ ދެ ވަނަ ފޭސްގައި އަޅާ ސްކޫލުތަކާ އެކު ދަރިވަރުންގެ އާބާދީ މާލެ އާއި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް ހަމަހަމައަށް ބެހިގެން ގޮސް، ކުދިން ސްކޫލަށް ގެންދިއުމުގައި ބެލެނިވެރިންނަށް ވެސް ލުއިވާނެ ކަން ފާހަގަކުރެއްވި އެވެ.

"ބަސް ވެސް ދުއްވާނަން. މީހުންނަށް ގޯތި ވެސް ދޭނަން، ހިޔާވަހިކަން ވެސް ހޯދާ ދޭނަން. ނުކުރާނެ ކަމެއް ނޯންނާނެ އަޅުގަނޑު މާލޭ މީހުންނަށް ޓަކައި،" އާދަމް މަނިކު ވިދާޅުވި އެވެ.

މީގެ އިތުރުން މާލެ ސިޓީއަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ޓަކައި، ކުދިން ގޮވައިގެން ގޮސް ވަގުތު ހޭދަކޮށްލެވޭނެ ފަދަ މައިޒާންތައް އިތުރުކޮށް، މާލެ ފެހި ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހައްލު ކުރެވޭނެ، އެކަމަކު އެކަން ވާނީ ގާބިލް މީހަކަށް!

ސަރަނގު އާދަމް ވިދާޅުވީ މާލެ ސިޓީގައި ހައްލު ކުރަން ޖެހިފައި ހުރި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. މަސްއޫލިއްޔަތެއް އަދާކުރުމަށް ރައްޔިތުންނަށް ވައުދުވެގެން މަގާމަކަށް އަންނަ މީހަކަށް، އެކަން ނުކުރުމުގެ އުޒުރެއް ނޯންނާނެ ކަމަށާއި ނުކުރެވޭ ނަމަ އެއީ ގާބިލްކަން ނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެނުއަރީ 14، 2020: ސަރަންގު އާދަމް މަނިކު ސަން އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ަފަޔާޒު މޫސާ

އާދަމް މަނިކު ވިދާޅުވީ މާލެ އަކީ ރާއްޖޭގެ އެހެން ރަށްތަކާ މުޅިން ތަފާތު ތަނެއް ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގެ މީހުން މާލޭގައި އުޅޭ އިިރު، އުމުރުން ހަގު، ތަޖުރިބާ މަދު ނުވަތަ ދެ ދައުރު ކައުންސިލްގައި ތިބި އިރު ވެސް ކަމެއް ނުކުރެވުނު ބަޔަކަށް މާލޭގެ ކަންކަން ހައްލު ކުރަން ނޭނގޭނެ ކަމަށެވެ.

"މާލެއަށް ބޭނުން ވަނީ ވިޝަން އެއް އޮތް މޭޔަރެއް. މިޝަން އަކާ އެކު މަސައްކަތް ކުރާ ކައުންސިލެއް،" އާދަމް މަނިކު ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުންނަށް މެސެޖެއް!

އާދަމް މަނިކަށް މޭޔަރުކަމަށް ވާދަކުރުމަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރަން ޖެހޭނެ އެވެ. އެކަމަށް އެމްޑީޕީ މެމްބަރުންގެ ތާއީދާއި އިތުބާރު ސަރަނގު އާދަމް މަނިކަށް ބޭނުންވެ އެވެ. އެމްޑީޕީ ދޫކޮށް އެހެން ބޭފުޅެއްގެ ފަހަތަށް އާދަމް މަނިކު އެރިކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލުކުރެ އެެވެ. ނަމަވެސް އާދަމް މަނިކު ވިދާޅުވީ އޭނާ ދުވަހަކު ވެސް އެމްޑީޕީއާ ދުރަށް ނުދާ ކަމަށާއި ނިންމެވި ކޮންމެ ނިންމެވުމަކީ ވެސް އެމްޑީޕީގެ ރައީސް އާއި އެ ޕާޓީގެ އާންމު މެމްބަރުންގެ ހައްގުގައި ވެފައިވާ ގުރުބާނީއެއް ކަމަށެވެ.

"އަޅުގަނޑަށް ވުރެ ބޮޑު ގުރުބާނީއެއް އެމްޑީޕީއަށް ޓަކައި ވާނެ މީހަކު ނުހުންނާނެ." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް