ފުލުހުން ބަލިކޮށް ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ސިފައިން އުފުލާލައިފި

ޕޮލިސް ކުލަބު ބަލިކޮށް ސިފައިން ގައުމީ ވޮލީ މުބާރާތުގެ ތަށި އުފުލާލަނީ --- ސަން ފޮޓޯ// ފަޔާޒް މޫސާ

ވާދަވެރި ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބު 2-3 ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ގައުމީ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލައިފި އެވެ.

މިފަހަރުގެ ގައުމީ ލީގު ކާމިޔާބު ކުރިތާ ހަފްތާއެއްގެ ތެރޭގައި ގައުމީ މުބާރާތުގެ ވެސް ޗެމްޕިއަންކަން ސިފައިން ހޯދި އިރު އެ ޓީމުން ދެފަހަރު ވެސް ތަށި އުފުލާލީ ޕޮލިހުންނަށް ލަނޑު ދިނުމަށްފަހު އެވެ. އެގޮތުން މީގެ ހަފްތާއެއް ކުރިން ކުޅުނު ގައުމީ ވޮލީ ލީގުގެ ފައިނަލުގައި ޕޮލިހާ ވާދަކޮށް ބަލިވި ނަމަވެސް އެ މެޗު ފަސް ވަަނަ ސެޓަށް ދިއުމުން ސިފައިންނަށް ވަނީ ތަށި ޔަގީންވެފަ އެވެ.

ޖެނުއަރީ 6، 2020: އަހަރެއްގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވި ގައުމީ ވޮލީ ލީގު ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލީގުގެ ދެ މެޗުގައި ވެސް ޕޮލިހުގެ އަތުން ބަލިވި ސިފައިން ގައުމީ މުބާރާތަށް ނުކުތީ ތަފާތު ރޫހެއްގަ އެވެ. ލީގުގައި ލިބުނު ތަޖުރިބާއާއި ހިތްވަރާ އެކު މުބާރާތަށް ނުކުމެ ސިފައިން ވަނީ ފުރަތަމަ ސެމީގެ އިތުރުން ރޭގެ ފައިނަލުގައި ވެސް 3-2 ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ. ރޭގެ މެޗުގެ ސެޓުތައް ދިޔައީ 25-13، 27-29، 22-25، 25-22 އަދި 13-15 އިންނެވެ.

ސޯޝަލް ސެންޓަރުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލުގެ ފުރަތަމަ ސެޓު ފެށިގެން މޮޅަށް ކުޅެ ސެޓު ގެންދިޔައީ ޕޮލިހުންނެވެ. ސިފައިންނަށް މާ ގިނަ ފުރުސަތެއް ނުދީ ޕޮލިހުގެ އަލީ ހުޒާމް (ހުޒަންޓެ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި ސްރީލަންކާ ގައުމީ ކުޅުންތެރިޔާ ދިޕްތީ ރޮމޭޝްގެ ފަރާތުން ތަފާތު ކުޅުމެއް ފެނުނު މި ސެޓު ޕޮލިހުން ގެންދިޔައީ 25-13 ގެ ބޮޑު ލީޑަކާ އެކު އެވެ.

ފުރަތަމަ ސެޓުގައި ލިބުނު ނާކާމީޔާބީއާ އެކު ދެވަނަ ސެޓު ފެށިގެން ސިފައިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ޕޮލިހުން އެ ސެޓުގައި ހަދަމުން ދިޔަ ކޮންމެ ޝޮޓަކަށް ރައްދުގައި ޝޮޓެއް ޖަހައި ހަމަހަމައަށް ކުޅެމުން ދިޔަ އިރު އެ ސެޓު ފަހު ވަގުތު ސިފައިން ކާމިޔާބު ކުރީ 29-27 އިންނެވެ. ދެ ޓީމަށް ވެސް ސެޓު ނިންމާލަން ފުރުސަތު ލިބުނު އެ ސެޓުގައި ސިފައިންގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ދެވަނަ ސެޓުން މޮޅުވުމާ އެކު ލިބުނު ހިތްވަރުން ސިފައިން ވަނީ ތިންވަނަ ސެޓު ޑޮމިނޭޓް ކޮށްފަ އެވެ. އެގޮތުން ސިފައިންގެ ޓީމުގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް)ގެ އިތުރުން ލިބަރޯ އަހުމަދު ނަބީލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ ސެޓު ސިފައިން ގެންދިޔައީ 22-25 އިންނެވެ.

ޕޮލިސް ކުލަބު ބަލިކޮށް ސިފައިން ގައުމީ ވޮލީ މުބާރާތް ކާމިޔާބުކުރުމުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

ރޭގެ ފައިނަލު އިތުރަށް ވާދަވެރިވެގެން ދިޔައީ ހަތަރު ވަނަ ސެޓު ޕޮލިހުން ކާމިޔާބު ކުރުމުންނެވެ. އެ ސެޓުގެ ފަހުކޮޅާ ހަމައަށް ވެސް ސިފައިން ރަނގަޅު ފައިޓެއް ދިން އިރު ކުޑަކާއްޓެ އާއި ދިޕްތީގެ ތަޖުރިބާގެ ބޭނުންކޮށް ރަނގަޅަށް ކުޅެ ޕޮލިހުން ސެޓު ކާމިޔާބު ކުރީ 25-22 އިންނެވެ.

ނަތީޖާ ނެރުމަށް ރޭ ކުޅުނު ފަހު ސެޓު ފެށިގެން ޑޮމިނޭޓް ކުރީ ސިފައިންނެވެ. މެޗުގެ ކުރީކޮޅު ނެގި ލީޑާ އެކު ކުޑަ ތަފާތަކުން ސެޓު ގެންގޮސް މެޗު ކާމިޔާބު ކޮށް ސިފައިން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ. އެ ޓީމުން އެ ސެޓު ކާމިޔާބު ކުރީ 15-13 އިންނެވެ.

މިފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ ލީގުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެޑަމް އެވެ. އެޑަމް ފަހަކަށް އައިސް އިންޑޯ ކޯޓުތަކުން ނުފެންނަ އިރު އޭނާ ބޮޑަށް ފޯކަސް ކުރަނީ ބީޗް ވޮލީއަށެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

comment ކޮމެންޓް