މާލޭގައި މިއަދު އަލަށް ހުޅުވި އިއްޒުއްދީން ސްކޫލްގައި އަދިވެސް ޖާގައެބައޮތް ކަމަށް އެ ސްކޫލްއިން ބުނެފިއެވެ.
މިއަދު އެ ސްކޫލް މިއަދު ހުޅުވިއިރު ކިޔެވުން ފެށީ ޖުމްލަ 209 ދަރިވަރުންނާއެކުއެވެ. ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލަކީ 450 ކުދިންގެ ޖާގައިގެ ސްކޫލެެކެެވެ.
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު "ސަން" އަށް ވިދާޅުވީ އެ ސްކޫލުން ގްރޭޑް އެކަކަަށް ވައްދާ ދަރިވަރުންގެ ޖާގަ ގާތްގަނޑަކަށް މިހާރު ފުރިފައިވާ ކަމަށެވެ.
އެ ސްކޫލްގެ ގްރޭޑް އެކަަކަށް ފަސް ކްލާހެއްގައި 125 އެއްހާ ދަރިވަރުންނަށް ޖާގަ ވަނީ ދީފައެވެ. އިއްޒުއްދީން ސްކޫލްގައި ކްލާހަކުން އެންމެ ގިނައިން ވައްދަނީ 25 ދަރިވަރުންނެވެ. މިއީ ސަރުކާރުގެ ސްކޫލްއެއްގައި ކްލާހެއްގައި 25 ކުދިންނަށް އެންމެ ގިނަވެގެން ޖާގަ ދޭން ފެށި ފުރަތަމަ ސަރުކާރު ސްކޫލްއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އާ ސްކޫލަށް އެންމެ ގިނައިން ވެއްދީ ގްރޭޑް އެކަކަަށް ކަމަށާއި ދެން ވެއްދި ކުދިންނަކީ އަތޮޅުތަކުން ނާއި މާލޭގެ ސްކޫލްތަކުން ބަދަލުވި ދަރިވަރުން ކަަމަށެވެ. އަދި އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އަދިވެސް ޖާގަ ހުޅުވާލައިފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށި ފުރަތަމް ސްކޫލެވެ. ސްކޫލްގެ ކިޔެވުން ހެނދުނު ފެށޭއިރު އެ ސްކޫލްގެ ކުދިން އަނބުރާ ގެއަށް ދަނީ ސްކޫލްގައި ނަމާދުކޮށް މެންދުރު ކައިގެންނެވެ. ކެއުން ހަމަޖައްސަނީ ބެލެނިވެރިންނެވެ.