ރައިޒީނާ ޑައިލޮގްގައި ތަގުރީރު ކުރައްވަން މިނިސްޓަރު ޝާހިދު އިންޑިއާއަށް

ޑިސެމްބަރ 16، 2019: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ރައިޒީނާ ޑައިލޮގްގައި ތަގުރީރު ކުރައްވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް ފުރުސަތުލިބިވަޑައިގެންފި އެވެ.

ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. މި އަހަރު އެ ބައްދަލުވުން އޮންނާނީ މި މަހުގެ 14އިން 16 އަށެވެ.

މިނިސްޓަރ ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.

އެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އެ ބައްދަލުވުމުގެ ތެރެއިން އެހެން ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި، އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެ އެވެ.

comment ކޮމެންޓް