ގުރުއާން ފިޔަވައި ހުރިހާ މާއްދާއަކަށް ޓީޗަރުން ހަމަވެއްޖެ: އެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ބިދޭސީ ޓީޗަރުންނަަށް ފެށި އޮރިއެންޓޭޝަން ޕްރޮގްރާމްއެއްގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިއަހަރު ދިރާސީ އާ އަހަރު ފެށުނުއިރު ގުރުއާން މާއްދާ ފިޔަވައި ހުރިހާ މާއްދާއަކަށް ޓީޗަރުން ހަމަވެފަިއވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރު ވިދާޅުވީ އަހަރު ފެށުނުއިރު ހަމަ ނުޖެހި އޮތީ ގުރުއާން ކިޔަވައިދޭނެ ހަ މުދައްރިސުން ކަމަށެވެ.

"ގުރުއާން މި މާއްދާއަކަށް ބިދޭސީން ލިބުނު އަދަދަކަށް ސްކޫލްތަކަށް ފޮނުވިން. މީގެ އިތުރުން ސްކޫލްތަކަށް އެ ރަށްރަށުން ޕްރިންސިޕަލުންނާއި މުޖުތަމައު އެއްކޮށް ގުޅިގެން އެރަށްތަކުން ގުޅިގެން މުދައްރިސުން ކަންތައްތައް ހަމަޖައްސާފަވަނީ،" ފާތުމަތު ވިދާޅުވި އެވެ.

ފާތުމަތު އިތުރަށް ވިދާޅުވީ މި އަހަރު ރާއްޖޭގެ އެކި ސްކޫލްތަކުން 251 ބިދޭސީ ޓީޗަރުން ހޯދައިދިނުމަށް އެދުނު ކަމަށާއި ދިރާސީ އާ އަހަރު ފެށުނުއިރު އެހުރިހާ ޓީޗަރުން ސްކޫލްތަކަށް ނިކުންނަން ފަށައިފައިވާ ކަމަށެވެ.

އެންމެ ގިނައިން ބިދޭސީ ޓީޗަރުން މަސައްކަތް ކުރަނީ ސާނަވީ ގްރޭޑްތަކުގަ އެވެ. ފިޒިކްސް ކެމިސްޓްރީ ބައިލޮޖީ ފަދަ މާއްދާތަކުން ދިވެހި ޓީޗަރުން ލިބުމުގައި ދަތިތަކެއް އަބަދުވެސް ހުރެ އެވެ. ހާއްސަކޮށް އެފަދަ މާއްދާތައް އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވާދޭ ޓީޗަރުން މާލެ ބަދަލުވުން ފަދަ ހާލަތްތައް ކުރިމަތިވެ، ދިވެހި ޓީޗަރުން ހޯދުމުގައި ދަތިވާކަމަށް މިނިސްޓްރީން ކުރިން ބުންޏެވެ.

ދިރާސީ އާ އަހަރު ފެށުނުއިރު ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވައިދޭން ފެށިއިރު އޭގެތެރެއިން 150 ސްކޫލްގައި އެއް ދަންފަޅިއަށް ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.

comment ކޮމެންޓް