ޑްރައިވަރު ގާސިމް މަރާލީ އެކަކު ކަމަށް ގަބޫލެއް ނުކުރަން: އާދަމް ޝަރީފް

މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައިވަނީ އެކަކު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ގާސިމް ހަސަން މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް މުހައްމަދު އިއުތިރާފްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ގާސިމް މަރާލުމުގައި އެހެން އެއްވެސް ބަޔަކު ބައިވެރިވިކަމެއް އަދި އެނގިފައި ނުވާ ކަމަށް ވެސް އޭނާގަ މަރަށް 20 ދުވަސް ވީ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އެހެން ބުނި ނަމަވެސް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އެ ޕާޓީގެ އެފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި އާދަމަ ޝަރީފް ވަނީ ފުލުހުންގެ ހޯދުންތަކާއި މެދު ސުވާލު އުފައްދައި އެކަމުގައި އިތުރު ބަޔަކު ޝާމިލްވާ މޭރުމުން ވާހަކަ ދައްކަވާފަ އެވެ.

"ހުޅުމާލޭގައި ޑްރައިވަރު ގާސިމް މާރާލީ އެއްމެ މީހެއްގެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝާރީފް އެހެން ވިދާޅުވިނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ގާސިމްގެ ގާތިލުންނާ ގުޅޭ ގޮތުން އާދަމް ޝަރީފް ވާހަކަ ދައްކަވާފައި މިވަނީ، ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި ގައުމަށް ހަމަޖެހުމާއި އަމަން އަމާންކަން ގެނެވިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަން ނަފީ ކުރުމުގެ ގޮތުންނެވެ.

"އެތައް ބައިވަރު މާރާމާރީތަކެއް ހިނގަމުންދާއިރު އަނެއްކޮޅުން ޕޮލިހުން ސީދާ ވިދާޅުވެފައި އޮތީ ރާއްޖޭގައި ވައްކަން ކުރުމާއި ކުށްތައް އޮތީ ގިނަވެފައި ކަމަށް. އެކަމަކު ރައީސް އޮފީހުން ނެރުނު ފޮތުގައި މި ބުނަނީ ކުށްތައް މަދުވި ވާހަކަ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް