ރާއްޖޭގެ ކަނޑުތަކާ ގުޅޭ ދިރާސާތައް ފަށައިފި

ރާއްޖޭގެ ކަނޑުތަކާ ގުޅޭ ދިރާސާތައް ފެށުމަށް ފެށި ދަތުރުގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ ކަނޑުތަކާ ގުޅޭ ދިރާސާތައް ފަށައިފިއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި)އާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ސިލްސިލާއެއްގެ ގޮތަށް ކުރިއަށް ގެންދާ އެ ދިރާސާތައް ކުރުމުގެ ގޮތުން މިއަދު މެންދުރު ވަނީ ފުރަތަމަ ދަތުރު ފަށައިފައެވެ.

ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހުޅުމާލެއިން ފެށި އެ ދަތުރު ރާއްޖޭގެ އެކި ހިސާބުތަކަށް 26 ދުވަސް ވަންދެން ކުރިއަށް ދާނެއެވެ.

އެ ދަތުރު ފައްޓަވައިދެއްވުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ އެކްސްޕެޑިޝަން ކުރިއަށްދާ ކާޕޭ ޑިއެމް ބޯޓަށް ޒިޔާރަތްކުރައްވައި ދަތުރުގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ.

ރާއްޖެއިން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ބައިވެރިވެފައި ވަނީ، ނިމިދިޔަ އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ދިވެހި ސަރުކާރާއި އެކޯލިޝަން އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ނޫ އިގްތިސާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕޭޝަލް ޕްލޭންއެއް އެކުލަވާލެވިގެންދާނެއެވެ. އެ ސްޕޭޝަލް ޕްލޭން ވެގެންދާނީ ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި، ތަރައްގީގެ ނޫ ސިޔާސަތުތަކެއް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނަކަށެވެ.

މިއަދު ފެށި ދަތުރުގައި ހިމެނޭ ކޯލިޝަންގައި ސައިންވެރިންނާއި، އެމްއެމްއާރުއައިގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިމާވެށްޓާއި، ކަނޑުތަކުގެ ދިރާސާކުރުމުގެ ރޮނގުން ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ބައިވެރިވާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި ބުނީ ރާއްޖޭ ހުރިހާ އަތޮޅެއް ތަމްސީލުވާގޮތަށް ފުޅާ ދާއިރާއެއްގައި ސާރވޭތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އިތުރު ދަތުރުތައް ރޭވިގެން، ރާއްޖޭގެ އުތުރާއި ދެކުނުން، ފުން ކަނޑުތަކާއި ތިލަ ފަރުފަޅުތަކުން މުހިންމު މައުލޫމާތުތަކެއް ނެގުމަށް މި އަހަރުގެ އެކި ދުވަސްވަރުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފއިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެގޮތުން ނެގޭ މައުލޫމާތާއި، މި މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މެރިން ސްޕޭޝަލް ޕްލޭން، ރާއްޖޭގައި ނޫ އިގްތިސާދެއް ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް ބޮޑަށް އެހީވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް