މި ސުކޫލުތައް ތަފާތު: ކުލަލާން ނިކުތީ ދަރިވަރުންނާއި މުވައްޒަފުން

ށ. ގޮއިދޫ ސްކޫލްގައި ކުލަ ލުމުގައި އަންހެން ޓީޗަރުން ހަރަކާތްތެރިވަނީ --- ފޮޓޯ: މުހައްމަދު ނިޒާމް

ދިރާސީ އާ އަހަރު އަންނަ އާދިއްތަ ދުވަހު ފެށޭނެއެވެ. އެއާއެކު އެކަމަށް ސްކޫލުތަކުން މިހާރު ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެގޮތުން އާ އަހަރަށް ބ. ގޮއިދޫ ސްކޫލުން ތައްޔާރުވުމުގެ ގޮތުން ވަނީ ސްކޫލްގެ ހުރިހާ މުވައްޒަފުން ނުކުމެ ސުކޫލުގެ ބޭރު ފާރު ސާފުކޮށް ކުލަލައިފި އެވެ. އޭގެ ތެރޭގައި އެ ސްކޫލްގެ އަންހެން ޓީޗަރުންވެސް ހިމެނެއެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް "ސަން" އަށް މިއަދު ވިދާޅުވީ ކުލަލުމުގެ ހަރަކާތް މިއަދު ފަށައި ނިންމާލައިފައިވާ ކަމަށެވެ.

ގޮއިދޫ ސްކޫލްގައި ކުލަ ލުމުގައި އަންހެން ޓީޗަރެއް ހަރަކާތްތެރިވަނީ--- ފޮޓޯ: މުހައްމަދު ނިޒާމް

" މި ސްކޫލްގެ ހުރިހާ މުވައްޒަފުން ކުލަލާން ނިކުތީ. އަޅުގަނޑުވެސް އުޅެނީ މިކަމުގައި. މީގެ ކުރިން ސްކޫލް ކުދިންވެސް ޝާމިލްވޭ " ނިޒާމް ވިދާޅުވިއެވެ.

ފަންސާހަކަށް މުވައްޒަފުން ދިރިއުޅޭ ގޮއިދޫ ސްކޫލްގައި ކުލަ ލާފައިވަނީ ސްކޫލްގެ ވަށާފާރާއި ގޯތި ތެރޭގައެވެ.

އޭގެ އިތުރުން ށ. ގޮއިދޫ ސުކޫލުގައިވެސް ސުކޫލު ރީތިކޮށް އާ އަހަރަށް ތައްޔާރު ކުރުމަށް ހަރަކާތްތެރިވީ އެ ސުކޫލުގެ ޓީޗަރުންންނެވެ. އެ ސުކޫލުގައިވެސް ވަނީ ބޭރުފާރުގައި ކުލަލާ މުޅިތަން ރީތިކޮށްފަ އެވެ.

ގޮއިދޫ ސްކޫލްގައި ކުލަ ލުމުގައި އަންހެން ޓީޗަރުން ހަރަކާތްތެރިވަނީ--- ފޮޓޯ: މުހައްމަދު ނިޒާމް

އާންމުކޮށް ކުލަލުން ފަދަ ކަންތައްތައް ކުރަނީ ސްކޫލްތަކުގެ ބަޖެޓުންނެވެ. ނަަމަވެސް ގޮއިދޫ ފަަދަ މަދު ސްކޫލްތަކުގައި ލިބެނީ ކުޑަކުޑަ ބަޖެޓެއްކަން ނިޒާމްވެސް ފާހަގަކުރެއްވިއެވެ. އޭނާގެ ނަޒަރުގައި މިއީ އެކަމަަށް އޮތް ހައްލެކެވެ. އެއްބައިވަންތަން އިސްކޮށްގެން ކަންކަން ކުރެވެނޭކަަން ގޮއިދޫ ސްކޫލްއިން ވަނީ ވަރަށް ރީއްޗަށް ދައްކައިދީފައެވެ.

ޕްރީ ސްކޫލްއިން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ ގޮއިދޫ ސްކޫލްގައި 150 އެއްހާ ދަރިވަރުން ކިޔަވައެވެ. އޭގެ ތެރޭގައި ފެހެންދޫއިން އެ ރަށަށް ކިޔަވަންދާ ދަރިވަރުންވެސް ހިމެނެއެވެ.

ޅޮހީ ސްކޫލް ސާފުކުރުމުގައި ދަރިވަރުން ހަރަކާތްތެރިވަނީ-- ފޮޓޯ: އަލީ ޒާހިރު

އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ނ. ޅޮހީ ސްކޫލްއިން އެ ސްކޫލްގެ ވަށާފާރުގައި ކުލަ ލާން ނުކުތީ އެ ސްކޫލްގެ ދަރިވަރުންނެވެ. އެ ގޮތުން އެ ސްކޫލްގެ ފަހަކުން މަތީގެ ދަރިވަރުން ވަނީ ސްކޫލްގެ ވަށާފާރުގައި ކުލަ ލައި ކްލާސްރޫމްތަކުގެ ކަބަޑުތަކާއި ގޮނޑިތަކާއި ފަންކާ އަދި ސީލިންގް ސާފުކޮށްފައެވެ.

ޅޮހީ ސްކޫލްގައި ކުލަލާން އެ ސްކޫލްގެ ދަރިވަރުން ހަރަކާްތެރިވަނީ-- ފޮޓޯ: އަލީ ޒާހިރު

ޅޮހީ ސްކޫލްގެ ޕްރިންސިޕަލް އަލީ ޒާހިރު "ސަން" އަށް ވިދާޅުވީ މިއީ ކުރިންވެސް އެ ސްކޫލްގައި އަމަލުކުރަމުންދާ އުސޫލް ކަމަށެވެ.

ޕްރީ ސްކޫލުން ފެށިގެން އޯ ލެވެލްއާ ހަމައަށް ކިޔަވައިދޭ ޅޮހީ ސްކޫލްގައި 150 އެއްހާ ދަރިވަރުން ކިޔަވައެވެ.

ޅޮހީ ސްކޫލްގައި ކުލަލާން އެ ސްކޫލްގެ ދަރިވަރުން ހަރަކާްތެރިވަނީ-- ފޮޓޯ: އަލީ ޒާހިރު

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށާއި އޭގެތެރެއިން 150 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެކަމަށެވެ. މި އަހަރު ދިރާސީ އަހަރު ފަށަނީ 73،067 ދަރިވަރުންނާއެކުއެވެ.

comment ކޮމެންޓް