ކްރިމިނަލް ކޯޓުގައި ގިނަ ދުވަސްވީ މައްސަލަތައް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

ކްރިމިނަލް ކޯޓުގެ ބޭރު: އެ ކޯޓުގައި ގިނަ ދުވަސްވީ މައްސަލަތައް ސެޕްޓޭމްބަރުގެ ކުރިން ނިންމަން ވަނީ އަމާޒު ހިފާފައި --

ކްރިމިނަލް ކޯޓުގައި ހުރި ގިނަ ދުވަސްވީ ހުރިހާ މައްސަލަތަކެއް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ނިންމަން މަސައްކަތް ފަށާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނި ގޮތުގައި އެ ކޯޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމެވެ. އެކަމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓުގެ ގާޒީންގެ އަދަދު މަދުވުން ކަމަށް އެ ކޯޓުން ބުންޏެވެ. އެގޮތުން އެއް ދުވަސްވަރެއްގައި އެންމެ ތިން ގާޒީން ކޯޓުގެ މައްސަލަތައް ބަލަމުން ދިޔަކަން އެ ކޯޓުން ފާހަގަ ކުރިއެވެ. މިހާރު ކްރިމިނަލް ކޯޓުގައި ތިއްބަވަނީ ނުވަ ގާޒީންނެވެ.

އެ ކޯޓުން ބުނި ގޮތުގައި މި އަހަރުގެ ސެޕްޓޭމްބަރު މަހުގެ ނިޔަލަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ބަލައި ނިންމުމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އަދި އެކަަން ކުރިއަށްގެންދާނެ ގޮތް ވަނީ ރާވާފަ އެވެ.

އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ނިމުނު އިރު އެ ކޯޓުގައި ނުނިމޭ 2022 މައްސަައެއް އޮތެވެ. އޭގެ އިތުރަށް 2019 ވަނަ އަހަރު 978 މައްސަލައެއް އެ ކޯޓަށް ހުށަހެޅުނެވެ. އެ އަހަރު ތެރޭގައި އެ ކޯޓަށް ބަލައި ނިންމުނީ 1339 މައްސަލައެވެ. މިހާރު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ޖުމްލަ އަދަދަކީ 1661 އެވެ.

މިދިޔަ އަހަރު ނިމުނު އިރު އެ ކޯޓުގައި ފަސް އަހަަރުވީ 57 މައްސަލައެއް ނުނިމި އެބަ ހުއްޓެވެ. ނުނިމި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހިނގާފައިވާ 228 މައްސަލައެއް އެބަ ހުއްޓެވެ. ނުމިމި އެއް އަހަރާއި ތިން އަހަރާއި ދެމެދުގ މުއްދަތެއް ހިނގާފައިވާ 744 މައްސަލައެއް ހުރި އިރު ނުނިމި އެއް އަހަރު ނުވާ 662 މައްސަލައެއް އެ ކޯޓުގައި އެބަ ހުއްޓެވެ.

މިދިޔަ އަހަރު ބަންދުގައި ބެހެއްޓުމުގެ 2305 އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ. އަދި ބަންދުން ދޫކޮށްލުމުގެ 659 އަމުރެއް އެ ކޯޓުން ނެރެފައިވެއެވެ. ހައްޔަރު ކުރުމާއި ބަލާފާސް ކުރުން ފަދަ އެހެނިހެން ބާވަތްތަކުގެ 1423 އަމުރެއް އެ ކޯޓުން ނެރުނެވެ. އެފަދަ އަމުރުތަކުގެ ތެރެއިން އެ ކޯޓުގައި ނެރެން އެދުނު އެއްވެސް އަމުރެއް ނެރެނުދީފައެއް ނެތެވެ.

މިދިޔަ އަހަރު ފެށުނު ކްރިމިނަލް ކޯޓުން ހައްދު ޖަހަން ޖެހޭ ނުވަތަ ތައުޒީރު ކުރަން ޖެހޭ 49 މީހުން ތިއްބެވެ. އަދި އިތުރު 23 މީހަކަށް ހައްދު ޖެހުމަށް ނުވަތަ ތައުޒީރު ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރިއެވެ. އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި ހައްދު ނުވަތަ ތައުޒީރުގެ ހުކުމެއް ތަންފީޒުކޮށްފައި ނުވެއެވެ. މިހާރު އެ ކޯޓުން ހައްދު ނުވަތަ ތައުޒީރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ 72 މީހުން އެބަ ތިއްބެވެ.

މިހާރު އޮންނަ ގޮތުން ހައްދާއި ތައުޒީރުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ޝަރުއީ ތިން މަރުހަލާއިން އެ މައްސަލައެއް ނިމުމުންނެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރު އެއްވެސް އެފަދަ ހުކުމެއް ތަންފީޒުކޮށްފައި ނުވަނީ ތިން މަރުހަލާއިންވެސް އެފަދަ މައްސަލައެއް ނިމިގެން ހުކުމް ތަަންފީޒު ކުރަން ފޮނުވާފައި ނުވާތީ އެވެ.

comment ކޮމެންޓް